އަންހެން ކުދިންނަށް މަތީ ތައުލީމަށް ލިޔެވުމުގެ ފުރުސަތު ބަންދު ކުރުމާ ގުޅިގެން ވެރިކަން ކުރާ ތާލިބާނުން ބުނީ އެ ނިންމުމަކީ ވަގުތީ ނިންމުމެއް ކަމަށާއި އަދި ދާއިމީ ނިންމުމެއް ނޫން ކަމަށާއި އެ ނިންމުމާ މެދު ފައިނަލް ނިންމުމެއް ނިންމުމަށްޓަކައި ސަރުކާރާއި ހަޔަ އެޑިޔުކޭޝަނާ ދެމެދު މަޝްވަރާ ކުރަން ނިންމާފައިވާ ކަމަށެވެ.
އެ ގައުމުގެ ހަޔަ އެޑިޔުކޭޝަން މިނިސްޓްރީގެ ތަރުޖަމާނު އިއްޔެ އެ ގައުމުގެ ނޫސްތަކަށް ވިދާޅުވީ ސަރުކާރުގެ ނިންމުން އެ ގައުމުގައި ހިނގަމުންދާ އަމިއްލަ ޔުނިވާސިޓީ ތަކާއި ސަރުކާރުގެ ޔުނިވާސިޓީ ތަކާއި ކޮލެޖު ތަކުގެ އަންހެން ދަރިވަރުންނަށް މިހާރު އަންގާފައި ކަމަށެވެ. އޭގެ އިތުރުން އޭނާ ވިދާޅުވީ އެ ނިންމުމަކީ ވަޒީރުންގެ މަޖިލީހުން ނިންމި ނިންމުމެއް ކަމަަށެވެ.
" ދާއިމީ ނިންމުމެއް ނިންމާނީ އެމަޝްވަރާ ތަކަށް ފަހުގައި. މިހާރު ނިންމާފައި އެވަނީ ވަގުތީ ނިންމުމެއް،" ތާލިބާނުންގެ އޮފިޝަލަކު ވިދާޅުވި އެވެ.
މިނިންމުން ތާލިބަނުން ނިންމާފައި މިވަނީ އަހަރުގެ ފަހު ކޮޅު އޮންނަ އިމްތިހާނު ކައިރިވެފައިވާ ދަނޑިވަޅުގަ އެވެ.
އަފްގާނިސްތާނަކީ އަންހެން ކުދިންގެ ތައުލީމަށް ބޮޑެތި ގޮންޖެހުންތަކާއި ހުރަސްތައް ކުރިމަތި ކުރިމަތި ކުރުވަމުން އަންނަ ގައުމެކެވެ. އެގޮތުން ތާލިބާނުން އަފްގާނިސްތާނުގެ ވެރިކަމާ ހަވާލު ވުމުގެ ކުރިން ކާބުލްގެ ދެކުނުގައި އަންހެން ކުދިންނަށް ހާއްސަކޮށް ތައުލީމު ދިނުމަށްޓަކައި ބިނާކޮށްފައިވާ ސުކޫލަކަށް ބޮން އަޅާއި އެ ސުކޫލު ވަނީ ބިމާ ހަމަކޮށްލާފައެވެ.
ދިޔަ އަހަރުގެ މޭ މަހު ތެރޭގައި ދިން އެ ހަމަލާގއި އެ ސުކޫލުގައި ތައުލީމު ހާސިލް ކުރަމުން ދިޔަ 25 ދަރިވަރަކު މަރުވެ 50 ކުދިން ވަނީ ޒަހަމްވެފަ އެވެ. އެ ހަމަލާގައި ލިބުނު ޒަހަމްތަކާ ގުޅިގެން ބައެއް ކުދިން ވަނީ ނުކުޅެދޭ ކުދިންނަށްވެ ފައެވެ.
ތާލިބާނުން އެގައުމުގެ ވެރިކަމާ ހަވާލުވި ދުވަހުން ފެށިގެން ދުނިޔޭގެ އެކިއެކި ޖަމިއްޔާ ތަކުން އަދި ހުޅަނގުގެ ބާރުގަދަ ގައުމުތައް ނިސްބަތްވާ ނޭޓޯ އިން އަންނަނީ އިންސާނީ ހައްގުތައް އެގައުމުގެ އަންހެނުންގެ ކިބައިން ނިގުޅައިގަނެފައިވާ ކަމަށް ތުމަތު ކުރަން ފަށާފަ އެވެ. ނަމަވެސް މިއިން އެއްވެސް ކަމަކަށް ތާލިބާނުން ރައްދެއް ދީފައެއް ނުވެ އެވެ.