ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުވުމާއި ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ، 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާ ފަސް މިލިއަން ރުފިޔާ އިން އެމަނިކުފާނު ޖޫރިމަނާ ކުރުމަށް ހުކުމް ކޮށްފަ އެވެ.
މިކަމާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން ހިތްހަމަނުޖެހުން ފާޅު ކުރަމުން އަންނަ ދަނޑިވަޅެއްގައި، ޕީޕީއެމްގެ މެޖޯރިޓީ އޮންނަ ސިޓީ ކައުންސިލުން ވަނީ، ހުކުމާއި މެދު ކަންބޮޑުވުން ފާޅު ކޮށް ނޫސްބަޔާނެއް ނެރެފަ އެވެ.
ސިޓީ ކައުންސިލުން މިއަދު ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ، ރައީސް ޔާމީންގެ މައްޗަށް އިއްޔެ ކްރިމިނަލް ކޯޓުން އިއްވި ހުކުމަކީ މާލޭ ސިޓީ ކައުންސިލާއި ރައްޔިތުން ނިހާޔަތަށް ކަންބޮޑުވާކަމެއް ކަމަށާއި، އެ މަނިކުފާނުގެ މައްޗަށް މިއިއްވި ހުކުމަކީ ކުރިއަށް އޮތް ދިވެހި ރާއްޖޭގެ ރިއާސީ އިންތިހާބުގައި އިދިކޮޅު ރިއާސީ ކެންޑިޑޭޓެއްގެ ގޮތުގައި އެ މަނިކުފާނު ވާދަކުރެއްވުމަށް ވަރަށް ގިނަ ރައްޔިތުންތަކެއްގެ ރުހުމާއެކު ނިކުންނެވުމުން، އެ ފުރުސަތުވެސް އެ މަނިކުފާނުގެ ކިބައިން ނިގުޅައިގަތުމުގެ ނިޔަތުގައި ކޮށްފައިވާ ހުކުމެއް ކަމަށެވެ. އަދި ރައީސް ޔާމީން އަކީ މުޅި ދިވެހި ރާއްޖެ އަށާއި ހާއްސަކޮށް މާލޭ ސިޓީއަށް ދުވަހަކުވެސް ނުގެނެވޭފަދަ ތަރައްގީގެ ގިނަގުނަ މަސައްކަތެއް ގުނާ އަދަދު ނުކުރެވޭހާ ގިނައަދަދަކަށް ގެނެސްދެއްވައި، ރައްޔިތުންގެ ލޯތްބާއި އިހްތިރާމް ލިބިފައިވާ ރައީސް އެއް ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ.
މީގެ އިތުރުން ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ރައީސް ޔާމީން އަށް އިންސާފު ހޯދައި ދިނުމަށް ކަމާގުޅުންހުރި އެންމެހައި މުއައްސަސާތަކަށް މާލޭ ސިޓީ ކައުންސިލުން ގޮވާލާ ކަމަށާއި، އެ މަނިކުފާނަށް ލިބިވަޑައިގެންނެވި މި ހިތާމައިގައި ކެތްތެރިވުމަށާއި އެ މަނިކުފާނަށް ކާމިޔާބީ ދެއްވުމަށް އެދި ދުއާކުރާ ކަމަށެވެ.
އަދި މި ހުކުމުގެ ސަބަބުން މި ދިވެހި ގައުމު ވެއްޓިފައި މިވަނީ ފުންއަނދަވަޅަކަށްކަމުން، މިކަމުން އަރައިގަނެ އެމަނިކުފާނަށް އެނބުރި ރައްޔިތުންގެ ހިދުމަތަށް އައުމުގެ ހެޔޮ ތައުފީގު މިންވަރުކުރެއްވުން އެދި ﷲ ސުބުހާނަހޫ ވަތައާލާގެ ހަޒުރަތުގައި ދުއާ ދަންނަވާ ކަމަށެވެ.