އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް މަނީލޯންޑާ ކުރުމުގެ ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ 11 އަަހަރަށް ޖަލަށް ލާން ހުކުމް ކުރީ އިއްޔެ އެވެ. އެ ހުކުމަކީ ސަރުކާރުން ނުފޫޒު ފޯރުވައިގެން އިއްވި ހުކުމެއްކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ރޭ ވަނީ މާލޭގައި މުޒާހަރާވެސް ކޮށްފަ އެވެ.
ފުނަދޫ ކައުންސިލްގެ 4 މެންބަރުން ސޮއިކޮށް ނެރެފައިވާ ބަޔާނުގައި ބުނީ 2019 ވަނަ އަހަރު ޔާމީން މައްޗަށް ނުހައްގުން 5 އަހަރު ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވި ނަމަވެސް އެ ހުކުން ސްޕްރީމް ކޯޓުން ބާތިލްކޮށް މިނިވަން ކޮށްފައިވަނިކޮށް އިއްޔެ އަނެއްކާވެސް އެމަނިކުފާނު 11 އަހަރަށް ހައްގު ނޫން ޖަލު ހުކުމެއް އިއްވާފައިވާކަމަށެވެ.
އެ ހުކުމާމެދު ފުނަދޫ ކައުންސިލާއި އެ ރަށު ރައްޔިތުން ނިހާޔަތަށް ކަންބޮޑުވުން ފާޅުކުރާކަމަށެވެ. އަދި ރައީސް ޔާމިނަށް ކޮށްފައިވާ ހުކުމަކީ މުޅި ދިވެހި އުންމަތަށް ލިބޭ ނިކަމެތިކަމެއް ކަމަށާއި މުޅި ރާއްޖެއަށް ލިބެން އޮތް ތަރައްގީ އެތައް ގުނައެއް ފަހަތަށް ސޮއްސާލައިގެން ދާނެ ކަމެއް ކަމަށެވެ.
"ޝައްކެއްނެތް ގޮތުގައި މިހުކުމަކީ ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވައި ވަކި ސިޔާސީ މަންފާއެއް ހޯދުމަށް ކޮށްފައިވާ ހުކުމެއް. އަދި މި ހުކުމް ކޮށްފައިވަނީ ފާސިގުންގެ ހެކިބަހާއި އެކުގައިކަން އެނގި ހާމަވޭ. މިކުރި އިންސާފެއްނެތް ހުކުމަކީ މިއަދު ރާއްޖޭގެ އަދުލު އިންސާފު ނިޒާމު ބޮއްސުންލާފައިވާ މިންވަރު ހާމަވާ ހުކުމެއްކަން ޝައްކެއް ނެތް މިންވަރަށް އެނގި ހާމަވޭ" ބަޔާނުގައި ބުނެފައިވެ އެވެ.
ރައީސް ޔާމީނަށް އިންސާފު ހޯދައިދިނުމަށް ކަމާ ގުޅުން ހުރި ހުރިހާ މުއްސަސާތަކަށް ފުނަދޫ ކައުންސިލުން ވަނީ ގޮވާލާފައެވެ.