ads
ދަނޑުވެރިން ހައްދާފައިވާ ގަސްތަކެއް. ފޮޓޯ:އެގްރޯނެޓް
ކެންސަރަށް މަގުފަހިކުރާ ގަސްކާނާ އެތެރެކުރި މިންވަރު އިތުރުވެއްޖެ
ފާއިތުވި ފަސް އަހަރު ރާއްޖެއަށް ދަނޑުވެރިކަމުގައި ބޭނުންކުރާ ތަފާތު އެކި ވައްތަރުގެ ކެމިކަލްތައް ނުވަތަ ގަސްކާނާ އެތެރެކުރި މިންވަރު އިތުރުވެފައިވާ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ހާމަކޮށްފިއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ އެ މިނިސްޓްރީން 2016 ވަނަ އަހަރު ތައްޔާރުކުރި ކެމިކަލް ޕްރޮފައިލް އަދާހަމަކޮށް 2017 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަށް އެތެރެކުރި އަދި އެކި ސިނާއަތްތަކުގައި ބޭނުންކުރި ކެމިކަލްގެ ބާވަތްތަކާއި ތަފާތު ބާވަތްތަކުގެ ކެމިކަލް މާއްދާ ބޭނުންކޮށްފައިވާ އުފެއްދުންތައް ބޭނުންކުރިގޮތް ދަނެގަތުމަށް ދިރާސާކޮށް އިފްތިތާހުކުރި ބޭސްލައިން ކެމިކަލް އެސެސްމަންޓް ރިޕޯޓުގައެވެ.

އެ މިނިސްޓްރީން ބުނިގޮތުގައި ދަނޑުވެރިކަމާއި އިމާރާތް ކުރުމާއި އޮޑިދޯނިފަހަރު ބަނުން ފަދަ އެކިއެކި ސިނާއަތްތައް ފުޅާވުމާ ގުޅިގެން ތަފާތު ވައްތަރުގެ ކެމިކަލް އެތެރެ ކުރާ މިންވަރު އިތުރުވެފައިވާ ކަމަށާއި އިންސާނުންގެ ސިއްހަތަށާއި ތިމާވެއްޓަށް ނުރައްކާތެރި ކެމިކަލް ބޭނުންކުރާ މިންވަރުވެސް އިތުރު ވެފައިވާ ކަމުގައެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ކުރި މި ދިރާސާގައި ވާ ގޮތުގައި، 2017 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަށް އެތެރެކުރި ކެމިކަލް މާއްދާތަކާއި އުފެއްދުންތައް ވަނީ އެއް އަހަރުން އަނެއް އަހަރަށް އިތުރުވެފައެވެ. އެގޮތުން، 2021 ވަނަ އަހަރު ރާއްޖެއަށް 10 ބިލިއަން ރުފިޔާގެ ކެމިކަލް ކޮށްފައިވާއިރު އޭގެ ތެރެއިން ހަތް ބިލިއަން ރުފިޔާ ހިއްސާ ކުރަނީ ހަކަތަ އުފެއްދުމަށް އެތެރެކުރި ތެލަށް ކަން އެ މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

ދަނޑުވެރިކަމުގައި ބޭނުންކުރާ ތަފާތު އެކި ވައްތަރުގެ ކެމިކަލްތައް ނުވަތަ ގަސްކާނާ އަކީ ދަނޑުތަކުގެ އުފެއްދުންތެރިކަން އިތުރުކުރުމަށްޓަކައި ފޯރުކޮށްދޭ އިތުރު މާއްދާތަކަކަށް ވިއިރު، މިއީ ދަނޑުވެރިން ކޮންމެ ދުވަހަކުވެސް ދަނޑުވެރިކަމުގެ ބާވަތްތައް އިތުރުކުރުމަށް ބޭނުންކުރާ ތަކެއްޗެކެވެ.

ދަނޑުވެރިކަމުގައި އާންމުކޮށް ބޭނުންކުރާ ގިނަ ގަސްކާނާތަކުގައި މައިގަނޑުގޮތެއްގައި ހިމެނޭ ތިން މާއްދާ އަކީ ނައިޓްރޮޖަން، ފޮސްފަރަސް އަދި ޕޮޓޭސިއަމެވެ. އަދި ބައެއް ފާޓިލައިޒަރު ތަކުގައި ގަސްގަހާގެހި އުފެދުމަށް ބޭނުންވާ ޒިންކް ފަދަ ބާވަތްތައް އެކުލެވޭއިރު، މިބާވަތްތަކުގެ ފާޓިލައިޒަރުތަކަކީ ގަސްތައް ހެދިބޮޑުވުމަށް ބޭނުންވާ މާއްދާތައް ފޯރުކޮށްދީ ނުރައްކާތެރި ސޫފާސޫފިން ގަސްތައް ރައްކާތެރިކުރުމަށް ބޭނުންކުރާ ތަކެއްޗެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީގެ ރިޕޯޓުގައި ވާގޮތުން 2017 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ނިޔަލަށް ޖުމްލަ 11 ބާވަތެއްގެ 1393.70 މެޓްރިކް ޓަނުގެ ގަސްކާނާ ރާއްޖެއަށް އެތެރެކޮށްފައިވެއެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ކެމިކަލް އެތެރެކުރި މިންވަރު މަދުވި ނަމަވެސް، 2020 ވަނަ އަހަރު ރާއްޖެއަށް އެތެރެކުރި ޖަރާސީމު މެރުމަށް ބޭނުންކުރާ ޑިސްއިންފެކްޓެންޓާއި ބޭހުގެ ބާވަތްތަކާއި ގަސްކާނާގެ މިންވަރު އިތުރުވެފައިވާ ކަމަށް މިނިސްޓްރީގެ ދިރާސާ ރިޕޯޓުން ދައްކައެވެ. އެގޮތުން އެއަހަރު ގާތްގަނޑަކަށް 17،000 މެޓްރިކް ޓަނުގެ ގަސްކާނާ ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށް އެ އެންވަޔަރަންމަންޓް މިނިސްޓްރީން ނެރުނު ރިޕޯޓުގައިވެއެވެ.

މިނިސްޓްރީގެ ރިޕޯޓުގައި ވާގޮތުން، ދަނޑުވެރިކަމުގައި ބޭނުންކުރާ ތަފާތު އެކި ވައްތަރުގެ ކެމިކަލްތައް ނުވަތަ ގަސްކާނާ ދެވަނަ އަށް 

އެންމެ ގިނައިން އެތެރެކޮށްފައިވަނީ 2019 ވަނަ އަހަރުއެވެ. އެ އަހަރު ގާތްގަނޑަކަށް 15،500 މެޓްރިކް ޓަނުގެ ގަސްކާނާ އެތެރެކޮށްފައިވާ ކަމަށް ރިޕޯޓުގައިވެއެވެ.

ދަނޑުވެރިކަމުގައި ބޭނުންކުރާ ގަސްކާނާތަކުން ގަސްގަހާގެއްސަށް ފައިދާ ލިބުނު ނަމަވެސް، އެކަށީގެންވާ ވަރަށްވުރެ ގިނައިން ފާޓިލައިޒަރު ބޭނުންކުރުމުން ގަސްތަކަށް ގެއްލުންވެ، ބިންގަނޑަށް ލިބޭ ގެއްލުން ބޮޑުވާނެ ކަމަށާއި ގަސްކާނާތަކުގައި ހިމެނޭ މާއްދާތަކަކީ ހަންގަނޑާއި ނޭވާލާ ނިޒާމަށް ވިހަ މާއްދާތަކެއް ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ކުރި މި ދިރާސާގައި ވާގޮތުގައި އެކިއެކި ސޫފާސޫފި މެރުމަށް ބޭނުންކުރާ ކެމިކަލް ނުވަތަ އިންސެކްޓިސައިޑްސްގެ 229 ޓަނު 2017 ވަނަ އަހަރު އެތެރެ ކޮށްފައިވާ ކަމަށާއި އެބާވަތުގެ ކެމިކަލްގެ 1292 ޓަނު 2021 ވަނަ އަހަރު އެތެރެކޮށްފައިވާ ކަމުގައެވެ. އެއީ 2017 ވަނަ އަހަރާ އަޅާބަލާއިރު، 462 އިންސައްތައިގެ އިތުރުވުމެކެވެ.

'އިންޓަނޭޝަނަލް އެޖެންސީ ފޯ ރިސާޗް އިން ކެންސާ'ގެ ފަރާތުން ކެންސަރަށް މަގުފަހިވާ ކަމަށް ކަނޑައަޅާފައިވާ 14 ވައްތަރެއްގެ ޕެސްޓިސައިޑް ނުވަތަ ގަހުގައި އުޅޭ ތަފާތު ވައްތަރުގެ ފަނިތައް މަރަން ބޭނުންކުރާ ކެމިކަލް، މިދިޔަ އަހަރު ރާއްޖެ އެތެރެކޮށްފައިވާ ކަމަށްވެސް އެ ރިޕޯޓުގައިވެއެވެ.

އެ ރިޕޯޓުގައި ވާ ގޮތުން ފާއިތުވި ފަސް އަހަރަށް ބަލާއިރު އަކަ މީޓަރަކަށްވާވަރުގެ 217،661 ސިމެންތި ޝީޓް އެތެރެކޮށްފައިވާއިރު، އެސްބެސްޓޯސް އެކުލެވޭ 126،225 އަކަމީޓަރުގެ ސިމެންތި ޓިނު ޝީޓް ވެސް އެ މުއްދަތުގައި ރާއްޖެ އަށް އެތެރެކޮށްފައިވެއެވެ. މީގެއިތުރުން، ހަމަ އެ މުއްދަތުގައި އޮޑިދޯނި ފަހަރު ބަނުމަށް 1.35 ޓަނުގެ ސްޓައިރީން ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ވެސް އެ ރިޕޯޓުން ދައްކައެވެ.

އެސްބެސްޓޯސް އަދި ސްޓައިރީން އަކީ ކެންސަރަށް މަގުފަހިކުރުވާ މާއްދާތަކަށްވިއިރު، އެ މާއްދާތައް ބޭނުންކުރާ ސިނާއަތްތަކުގައި މަސައްކަތްކުރާ ފަރާތްތަކާއި އެފަދަ މާއްދާތައް އެކުލެވޭ ކުނި ނައްތާލުމުގައި ހަރަކާތްތެރިވާ މީހުންނަށް ވެސް މިމާއްދާތަކުން ނޭދެވޭ އަސަރުކުރާނެ ކަމަށާއި މަސައްކަތުގެ މާހައުލުގައި އުޅޭ ފަރާތްތަކުން ރައްކާތެރިކަމަށް ސަމާލުކަންދިނުން ވަރަށް މުހިންމު ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ރިޕޯޓުން ފާހަގަވި ކަންކަމަށް ބިނާކޮށް، ކުނިބުންޏާއި ކެމިކަލްތަކުގެ ސަބަބުން އިންސާނުންގެ ސިއްހަތަށާއި ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކަށް ހައްލުހޯދައި ދިނުމަށް ސަރުކާރުން ސިޔާސަތު ކަނޑައެޅުމަށް ބޭނުންވާ މައުލޫމާތު ލިބިގެންދާނެ ކަމަށް ވެސް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެއެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް