ލަންދޫ ލެބޯޓްރީގެ ހިދުމަތް ރަސްމީކޮށް ފަށްޓާވައިދެއްވީ މިއަދު މިނިސްޓަރ އޮފް ހެލްތް އަބްދުﷲ އަމީނެވެ.
ލަންދޫއަކީ ގާތްގަނޑަކަށް 1100 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. މި ރަށުގެ ރައްޔިތުން މީގެ ކުރިން ލެބޯޓަރީގެ ހިދުމަތް ހޯދަމުން އައީ ނ. އަތޮޅު ހޮސްޕިޓަލުންނެވެ.
އެހެންކަމުން، ލަންދޫގައި ލެބޯޓަރީގެ ހިދުމަތް ތައާރަފް ކުރުމުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑު ލުއި ފަސޭހަކަމެއް ލިބިގެންދާނެ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެއެވެ.
އޭގެ އިތުރުން ލަންދޫއަކީ ތެލަސީމިޔާ ބައްޔަށް ގަވައިދުން ފަރުވާ (ބްލަޑް ޓްރާންސްފިއުޝަން) ލިބިގަންނަމުންދާ ހަތަރު ކުދިން ދިރިއުޅޭ ރަށެއް ކަމަށާއި ރަށުގައި ލެބޯޓަރީގެ ހިދުމަތް ތައާރަފުވެގެން ދިއުމަކީ އެކުދިންގެ ފަރުވާއަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއި ފަސޭހައެއް ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.
ހަމައެއާއެކު ނ. މާޅެންދޫގައި ތެލަސީމިޔާ ބައްޔަށް ގަވައިދުން ފަރުވާ (ބްލަޑް ޓްރާންސްފިއުޝަން) ލިބިގަންނަމުންދާ ތިން ކުދިން އަދި ނ. މާފާރުގައި މިބައްޔަށް ގަވައިދުން ފަރުވާ ހޯދަމުންދާ ހަތަރު ކުދިން ދިރިއުޅޭ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
އެގޮތުން ލަންދޫގައި ލެބޯޓަރީގެ ހިދުމަތް ފެށިގެން ދިއުމާއެކު މީގެކުރިން އެކުދިން ފަރުވާ ހޯދުމަށް ކުރަންޖެހޭ ދަތުރުތަކާއި ހޭދައަށް ވަރަށް ބޮޑުލުޔެއް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
ނ. އަތޮޅުގައި މިހާރު ލެބޯޓްރީގެ ހިދުމަތް ލިބޭ ރަށްރަށަކީ ނ. އަތޮޅު ހޮސްޕިޓަލް (މަނަދޫ) އަދި ނ. ވެލިދޫ ސިއްހީ މަރުކަޒު، ނ.ކެނދިކުޅުދޫ ސިއްހީ މަރުކަޒު، ހޮޅުދޫ ސިއްހީ މަރުކަޒުންނެވެ.