ރައީސް ނަޝީދުގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން، "ފިކުރެއްގެ ދިރުން" ރަސްމީކޮށް ލޯންޗުކުރުމަށް ރޭ ސަލްޓަން ޕާކުގައި ބޭއްވި ޖަލްސާ ގައި އެ މަނިކުފާނުގެ ފުރަތަމަ ވައުދު ކަމަށްވާ ޓެކްސް ކުޑަކުރުމުގެ ވައުދާ ގުޅޭ ގޮތުން ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ ފައިސާ އަށް ވާ ގޮތެއް ނުބަލާ ވެރިއަކަށް ރައްޔިތުންނަށް ހިދުމަތެއް ނުކޮށްދެވޭނެ ކަމަށެވެ.
ފިނޭންސް މިނިސްޓްރީގެ ފަރާތުން ކޮންމެ ދުވަހަކު ވެސް ފައިސާ ހަރަދުކުރާ ގޮތުގެ މައުލޫމާތު ލިބެންޖެހޭނެ ކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ ފައިސާ ހަރަދުކުރާ ގޮތް ކޮންމެ ދުވަަހެއްގެ ހަވީރު ބަލަންޖެހޭނެ ކަމަށެވެ.
ރައީސް ސާލިހާއި މި ސަރުކާރުން ދަރަނިތައް ރީސްޓްރަކްޗާ ނުކުރާތީ އެ ހިތްހަމަނުޖެހުން މީގެ ކުރިން ވެސް ނަޝީދު ވަނީ ފާޅުކުރައްވާފައެވެ.
އެމްޑީޕީ ވެރިކަމަށް އައުމުގެ ކުރިން ސަރުކާރުގެ ދަރަނި މެނޭޖު ކުރާނެ ގޮތްތައް މެނިފެސްޓޯގައި ބަޔާންކޮށްފައިވާނެކަން ހާމަކުރައްވާ އެ މަނިކުފާނު ވިދާޅުވީ އެމްޑީޕީގެ ވެރިކަމެއްގައި ރާއްޖެ އަށް ދަރަންޏަށް ފައިސާ ދީފައިވާ ފަރާތްތަކާއި ބައިނަލްއަގުވާމީ މާލީ އިދާރާތަކާ އެކު މަޝްވަރާކޮށް ދަރަނި އަލުން އަނބުރާ އެކުލަވާލުމަށް "ޑެބިޓް ރީސްޓްރަކްޗާ" ކުރުމަށް މެނިފެސްޓޯގައި ބަޔާންކޮށްފައި ވީނަމަވެސް، އެކަން މި ސަރުކާރުން ނުކުރި ކަމަށެވެ.
އަދި އެކަމުގެ ބަދަލުގައި ދަރަނި އަނބުރާ ދައްކަން އަނެއްކާވެސް ދަރަނި ނެގިއިރު އޭގެ މައްޗަށް ކޮވިޑްގެ ދަރަނި ނެގުމުން މިހާރު ރައްޔިތުން ތިބީ ވަރަށް ދަތި ހާލަތެއްގައި ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި އެ ދަތިތަކުން އަރައިގަތުމަށް ޓެކްސް ބޮޑުކުރުމުން ތަކެތީގެ އަގު އުފުލި ރައްޔިތުން ހާސްކަމެއްގެ ތެރެއަށް ގޮސްފައިވާ ކަން ނަޝީދު ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ އަމަލުތަކުގެ ސަބަބުން 2023 ވަނަ އަހަރު ދަރަނި ދެއްކުމުގައި ދަތިތަކެއް ދިމާވުމުގެ ނަތީޖާ އަކީ ޓެކްސް ބޮޑުކުރަން ޖެހުން ކަމަށާއި އެ މަނިކުފާނުގެ ސަރުކާރެއްގައި ޓެކްސް ކުޑަކުރައްވައި ތަކެތީގެ އަގު ކުޑަކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު މިހެން ވިދާޅުވިއިރު، މި ފެށޭ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޖީއެސްޓީ ހައެއް އިންސައްތަ އިން އަށެއް އިންސައްތަ އަށް އަދި ޓީޖީއެސްޓީ 12 އިންސައްތަ އިން 16 އިންސައްތަ އަށް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު، ރައީސް ސާލިހު ވަނީ ތަސްދީގު ވެސް ކުރައްވާފައެވެ. ޓެކްސްއަށް ގެނެވުނު އިސްލާހުތަކަށް ނަޝީދުގެ ފެކްޝަނުގެ މެމްބަރުން ވޯޓެއް ނުދެއްވަ އެވެ.