2019 ވަނަ އަހަރު ޗައިނާއިން އުފަންވެ މުޅި ދުނިޔެއަށް ފެތުރުނު ކޮވޮޑް 12 ގެ ސަބަބުން މުޅިދުނިޔެ ހުއްޓުމަކަށް އައެވެ. އެއާއިކު އެންމެ ބޮޑު ގެއްލުމެއްވީ އެއްގައުމަކީ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ދިވެހިރާއްޖެއެވެ.
ކޮވިޑްގެ ބަލިމަޑުކަން ރާއްޖެއާއި އަރާހަމަކުރުމާއިކު ރާއްޖެވެސް ލޮކްޑައުންކޮށް، ގެތަކުގައި ބަންދުވާން ޖެހުނެވެ. އެއާއިއެކު އިގްތިސާދު ކުއްލިއަކަށް ހުއްޓުމަކަށް އައިސް ރާއްޖޭގެ ހާލަތު ގޯހުން ގޯހަށްގޮސް އިގްތިސާދަށް ބޮޑު ހީނަރުކަމެއް ގެނުވިއެވެ.
އެތައް މަސައްކަތަކުން ލޮކްޑައުން ނެގުމަށްފަހު، ރާއްޖެހުޅުވާލި ނަމަވެސް ދުނިޔޭގައި ކޮވިޑްގެ ބިރުވެރިކަން އޮތްގޮތުން ރާއްޖޭގެ އިގްތިސާދަށް އެކަމުން އެންމެ އެކަށޭނަ ބަދަލެއް ބޭނުންވާ އަވަސްމިވުނުގައި ގެނެވޭގޮތެއް ނުވިއެވެ.
ކޮވިޑްގެ ބަލިމަޑުކަމުގައި ރާއްޖޭގެ އިގްތިސާދައްކުރި ނޭދެވޭ އަސަރުން އަރައިގަތުމަށް ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވަމުން ދަނިކޮށް ދެން ކުރިމަތިވީ ރަޝިއާ ޔޫކްރެއިން ހަނގުރާމައެވެ. އެ ހަނގުރާމައިގެ ސަބަބުން ހަކަތައިގެ އަގު މައްޗަށް ޖެހި ރާއްޖެއިންވެސް ހަކަތައަށް ކުރަން ޖެހުނު ހޭދަ ބޮޑުވެގެން ދިޔައެވެ. އަދި ދުނިޔޭގެ ބާޒާކެރޭ އެއްގޮތަށް ރާއްޖޭގައިވެސް އިންފްލޭޝަން މައްޗަށް ޖެހުމުގެ ނަތީޖާއަކަށް ވެގެންދިޔައީ މަޑުމަޑުން ހަމަމަގަށް ގެނެވެމުންދިޔަ ރާއްޖޭގެ އިގްތިސާދުގައި އަނެއްކާވެސް ބުރަކި ޖެހިގެންދިޔަ ކަމަކަށެވެ.
މިދިޔަ ހަފްތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މިކަމަށް އިޝާރާތްކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.
"ކޯވިޑަށްފަހު އަދި އިރުމަތީ ޔޫރަޕްގައި ފެށިގެންދިޔަ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ވަރަށްގިނަ ގައުމުތަކަށް ވަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވި. މި އުނދަގޫތައް ހުރަސްކުރުމަށް ވަރަށްގިނަ މަސައްކަތްތަކެއް އަޅުގަނޑުމެންނަށް ކުރަންޖެހުނު. އާމްދަނީ އިތުރުވި ނަމަވެސް، ދުނިޔޭގެ ބާޒާރުގައި މުދަލާއި ތެލުގެ އަގު އިންތިހާއަށް ބޮޑުވުމުގެ ސަބަބުން އަޅުގަނޑުމެން އިތުރަށް ފައިސާ ހޯދަންޖެހުނު. އެހެން ނަމަވެސް، މުސްތަގްބަލް ފެންނަނީ އުޖާލާކޮށް" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ފަދައިން ރާއްޖޭއަށް އަންނަ ފަތުރުވެރިން އިތުރުވެ އިންޕޯޓް އެކްސްޕޯޓްވެސް އިތުރުވެ އަހަރު ނިމުނުއިރު، ފެންދަނީ އިގްތިސާދީގޮތުން އުފާވެރި މަންޒަރެކެވެ.
އަހަރު ނިމިގެންދާއިރު، ރާއްޖޭގެ އިގްތިސާދީ ހާލަތު މިދަނީ ރަނގަޅުވަމުންކަމަށާއި މިހާރު ރާއްޖޭގެ އިގްތިސާދު، ކޯވިޑް-19ގެ ކުރިން އޮތް ހިސާބަށް އަލުން އަނބުރާ ގާތްގަނޑަކަށް ވާސިލުވެވިއްޖެކަމަށް އަދި 2022 ނިމޭއިރު، 12.3 އިންސައްތައިގެ އިގްތިސާދު ކުރިއަރާނެ ކަމަށް ލަފާކުރެވޭއިރު 2023 ވަނަ އަހަރުގެ އަންދާޒާއަކީ އިގްތިސާދު 7.6 އިންސައްތަ ކުރިއެރުންކަމަށް ރައީސް ވިދާޅުވިއެވެ.