އެޗްޑީސީން 2017، 2018 ގައި ހިންގި ކަންކަން އޭސީސީއަށް
އަހުމަދު ހަސަން
03 ޖެނުއަރީ 2023 - 00:04:07
ރައީސް ޔާމީންގެ ވެރިކަމުގެ އެންމެ ފަހު ދެ އަހަރު ކަމަށްވާ 2017 ވަނަ އަހަރު އަދި 2018 ވަނަ އަހަރު، އެޗްޑީސީން ހިންގާފައިވާ ގާނޫނާ ހިލާފު އެތައްކަމެއް އޮޑިޓަ ޖެނެރަލްގެ ރިޕޯޓުގައި ފާހަގަކޮށް، ބައެއް ކަންކަމުގައި ކޮރަޕްޝަން ހިމެނޭތީ ތަހުގީގު ކުރަން އޭސީސީއަށް ފޮނުވަން ލަފާދީފިއެވެ.
މިދިޔަ ހަފްތާގައި ނެރުނު 2017 އަދި 2018 ވަނަ އަހަރުގެ އެޗްޑީސީގެ ހާއްސަ އޮޑިޓަކީ، 2017 ވަނަ އަހަރުން 2018 ވަނަ އަހަރުގެ ނިޔަލަށް އެޗް.ޑީ.ސީ އިން މުދަލާއި ހިދުމަތް ހޯދުމުގައި އަމަލުކޮށްފައިވާ ގޮތުގެ މައްޗަށް އެ މުއްދަތުގައި ކުންފުނީގެ ކޭޝް ފްލޯ ދަށްވުމަށް މެދުވެރިވި ސަބަބުތަކުގެ މައްޗަށް ބަލައި ހަދާފައިވާ އޮޑިޓެކެވެ.
އޮޑިޓްގައި ފާހަގަކޮށްފައިވާ ބައެއް ކަންކަން
- ހުޅުމާލޭގެ ވޯޓަރުތީމް ޕާކް ތަރައްގީ ކުރުމަށް ކަނޑައަޅިފައިވާ ސަރަހައްދު ސާފުކޮށް ހުސްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދުމަށް އާންމުކޮށް އިއުލާންނުކޮށް ސިންގަލް ސޯސް އުސޫލުން އެޗް.ޑީ.ސީ. ގެޕްރޮކިއުމެންޓް އުސޫލާ ހިލާފަށް އެ މަސައްކަތުގެ ތެރެއިން ބައެއް އަމިއްލަ ކުންފުންޏަކާ ހަވާލުކޮށް އެ ކުންފުނިން ކުރި މަސައްކަތުގެ އަގުގެ ގޮތުގައި 18.04 މިލިއަން ރުފިޔާ ދީފައިވުން
- ހުޅުމާލޭގެ ވޯޓަރުތީމް ޕާކް ތަރައްގީ ކުރުމަށް ކަނޑައަޅިފައިވާ ސަރަހައްދު ސާފުކޮށް ހުސްކުރުމުގެ މަސައްކަތް ކޮށްދޭން ހަވާލުވި ކުންފުނިން އެއްބަސްވެފައިވާ ތާރީހަށް އެ މަސައްކަތް ނިންމ ފައިނުވުމުން، މަސައްކަތް ނިންމުމަށް އިތުރު 60 ދުވަސް މުއްދަތަށް އިތުރުކޮށް އަދި މަސައްކަތް ހަވާލުވި ފަރާތަށް އިތުރަށް 8.67 މިލިއަން ރުފިޔާ ދީފައިވަނީ ކުރިން މި މަސައްކަތް ކުރުމަށް އެއްބަސްވެފައިވާ "ސްކޯޕް އޮފް ވޯކް" އަށް ބަދަލު ނުގެނެސްކަން،
- ހުޅުމާލޭގެ މަގުތައް އަލިކުރުމަށް ބޭނުންވާ ތަކެތި 26 މިލިއަން ރުފިޔާއަށް ރާއްޖެއިން ބޭރުގެ ކުންފުންޏެއް މެދުވެރިކޮށް އެޗް.ޑީ.ސީއިން ގަނެފައިވާ އިރު، އެ ތަކެތި ގަތުމުގެ މަސައްކަތް އެކުންފުންޏާ ހަވާލުކުރުމުގެ ކުރިން އެޗް.ޑީ.ސީއިން އެ މަސައްކަތުގެ އެސެސްމަންޓް އަދި އިލެކްޓްރިކަލް ކޭބަލް ލޭއައުޓް ޑިޒައިން މަރުހަލާ ކުރިއަށް ގެންގޮސްފައިނުވާ ކަން.
- މަގު ބައްތިތައް ހަރުކުރުމުގެ މަސައްކަތްވެސް މަގުބައްތިތައް ސަޕްލައިކުރި ބޭރުގެ ކުންފުންޏަށް ހަވާލުކޮށްފައިވަނީ އެ މަސައްކަތް ކުރުމަށް ވާދަވެރި ބީލަމަކަށް ހުޅުވާލައިގެން ނޫން ކަން
މި ކަންކަމާއި ގުޅިގެން އޮޑިޓަ ޖެނެރަލް ހުސެއިން ނިޔާޒީވަޏީ އެކަންކަން އިސްލާހު ކުރުމަށް އެޗްޑީސީއަށް ލަފާދީފައެވެ. އަދި އޮޑިޓުން ފާހަގަވި ބައެއް ކަންކަމަކީ ކޮރަޕްޝަން ހިމެނޭ ކަންކަން ކަމަށް ބެލެވޭތީ އެންޓީ ކޮރަޕްޝަން ކޮމިޝަނަށް އެ ކަންކަން ތަހުގީގު ކުރުމަށް ހުށަހެޅުމަށްވެސް އޮޑިޓަ ޖެނެރަލްވަނީ ލަފާދެއްވާފައެވެ.
20%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
60%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް