ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ގޮތުގައި، އެޗްޑީސީ އަށް އިތުރުު މުވައްޒަފުން ހޯދުމަށް 2018 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 12 ވަނަ ދުވަހު ބޭއްވި އެކުންފުނީގެ 191 ވަނަ ބޯޑު ބައްދަލުވުމަށް ހުށަހަޅައި ފާސްކޮށްފައި ވީނަމަވެސް، އިތުރު މުވައްޒަފުން ހޯދުމަށް ބޯޑަށް ހުށަހެޅީ ކުންފުނީގެ އެއްވެސް ޑިޕާޓްމަންޓަކުން ނުވަތަ ސެކްޝަނަކުން މުވައްޒަފުން ބޭނުންވެގެން ކުރިން އެދިގެން ކަން އޮޑިޓަށް ލިބިފައިވާ ލިޔެކިޔުންތަކުން އެނގެން ނެތް ކަމަށެވެ.
މީގެ އިތުރުން އެ މުވައްޒަފުންނަށް ވަޒީދާ ދިނުމުގައި އެޗްޑީސީއިން ވަޒީފާ ހޯދުމަށް އާއްމުކޮށް އިއުލާން ކޮށްފައި ނުވާ ކަމަށާއި، އެ މުވައްޒަފުންނާއި އިންޓަވިއުކުރުމުގައި، ރެކްރޫޓްމަންޓް މާކްޝީޓް ތަކުގައި މައުލޫމާތު ފުރުހަމަ ކޮށްފައި ނެތް ކަމަށް އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަ ކޮށްފަ އެވެ. އަދި ސިލެކްޝަން ކައިޓީރިއާތަށް ތަފްސީލްކޮށް ހިމަނާފައި ނެތް ކަމަށާއި، އިންޓަވިއު ކުރިއަށް ގެންދިއުމުގައި ބައިވެރިވި ފަރާތްތަކުގެ ނަމާއި، މަގާމުގެ އިތުރުން ސޮއި ކޮށްފައި ނުވާކަމަށް އެ ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފަ އެވެ.
އެ ރިޕޯޓްގައި އިތުރަށް ފާހަގަ ކޮށްފައިވާ ގޮތުގައި، އެޗްޑީސީގެ ދެ ސެކްޝަން ކަމަށްވާ ކްލީނިން އަދި ގްރީނިން ސެކްޝަނަށް 150 މުވައްޒަފުން ނެގުމަށް ބޯޑުން ހުއްދަ ދިން ނަމަވެސް މުވައްޒަފުން ނަގާފައިވަނީ، ބޯޑުން ހުއްދަ ދިން ގޮތާއި ހިލާފަށް ކަމަށް ވަނީ ފާހަގަ ކޮށްފަ އެވެ. އެގޮތުން އެ ދެ ސެކްޝަނަށް ޖުމްލަ ނަގާފައިވަނީ 41 މުވައްޒަފުން ކަަމަށާއި، ކުންފުނީގެ އެހެން މަގާމުތަކަށް 90 މުވައްޒަފުން ނަގާފައި ވާކަމަށް ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފަ އެވެ.
ކުންފުނީގެ ބޯޑުގެ ނިންމުންތަކާއި ހިލާފަށް، ކުުންފުނީގެ މެނޭޖްމަންޓުން އަމަލުކުރުމުން، ކޯޕަރޭޓް ގަވަނަންސްގެ އުސޫލުތަކާއި ހިލާފަށް އަމަލުކުރެވި، ކުންފުނީގެ ބޯޑުން ކަނޑައަޅާ އަމާޒު ހާސިލް ކުރުމަށް ހުރަސް އެޅިގެން ދާނެ ކަން އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފަ އެވެ.
ރައީސް ޔާމީންގެ ވެރިކަމުގެ އެންމެ ފަހު ދެ އަހަރު ކަމަށްވާ 2017 ވަނަ އަހަރު އަދި 2018 ވަނަ އަހަރު، އެޗްޑީސީން ހިންގާފައިވާ ގާނޫނާ ހިލާފު އެތައްކަމެއް އޮޑިޓަ ޖެނެރަލްގެ ރިޕޯޓުގައި ފާހަގަކޮށްފައި ވާއިރު، އޭގެ ތެރެއިން ބައެއް ކަންކަމުގައި ކޮރަޕްޝަން ހިމެނޭތީ ތަހުގީގު ކުރަން އޭސީސީއަށް ފޮނުވުމަށްވެސް އޮޑިޓާ ޖެނެރަލްގެ އޮފީހުން ވަނީ ލަފާ ދީފަ އެވެ.