ads
2017 ވަނަ އަހަރު މަރާލި އަނަސް
"އަނަސްގެ މަރު ހަނދާން ނައްތައެއް ނުލެވޭނެ، އެއްވެސް ޒުވާނަކަށް އެހެން ވާން ބޭނުމެއް ނޫން"
މާލޭގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި މުހައްމަދު އަނަސްގެ މަރުގެ މަތިން ހަނދާން ނައްތާނުލެވޭނެ ކަމަށާއި، ކުރީގެ ހާލަތަށް ދާން ބޭނުން ނުވަނީ އެ ފަދަ ހާދިސާއެއް އެހެން ޒުވާނަކަށް ދިމާވާން ބޭނުން ނުވާތީ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
Advertisement

ރ. މީދޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، އެމްޑީޕީގެ ފަރާތުން އަންނަ ފަސް އަހަރަށް ވެރިކަން ހަވާލުކުރާނީ ކޮންބޭފުޅަކާތޯ ވިިސްނަވާއިރު، މާޒީން ލިބުނު އިބުރަތްތަކަށް ވިސްނުން ވަރަށް މުހިންމު ކަމަށެވެ. 

އެގޮތުން 2008 ވަނަ އަހަރު ވެރިކަން ލިބުމަށްފަހު، ތިން އަހަރު ދުވަސްތެރޭގައި އެމްޑީޕީ މަގުމަތިވެގެން ދިޔަގޮތާއި، އެޔަށްފަހު 2012 އިން 2018 ވަނަ އަހަރަށް ރާއްޖޭގެ ހާލަތު އޮތްގޮތް ހަނދާނުން ފުހެވިގެން ނުދާ ކަމަށާއި ހަނދާނުން ފުހެވިގެން ނުވެސް ދާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ. 

އެ ހަނދާންތަކުގެ ތެރޭގައި، ލިޓަސް ސާވިސް ސެންޓަރުު ތެރޭގައި ގްރޫޕަކުން ގޮސް ހަމަލާދީ 2017 ވަނަ އަހަރުގެ ޖުލައި މަސްތެރޭ މަރާލި ރ. މީދޫ އަށް އުފަން އަނަސްގެ މަރުގެ ހާދިސާ ފާހަގަކުރެއްވި އެވެ. 

"އަނަސްގެ މަރު އެއީ ހަނދާން ނައްތާލެވޭނެ ކަމެއް ނޫން. އެފަދަ ދެވަނަ ހާދިސާއެއް އެއްވެސް ޒުވާނަކަށް ކުރިމަތިވުމަކީ އަޅުގަނޑު އެދޭނެ ކަމެއް ނޫން. އެ ސަބަބަށްޓަކަައި އެނބުރި އެހާލަތައް ދާން އަޅުގަނޑުމެން ބޭނުން ނުވަނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އަނަސްގެ މަރާއި ގުޅިގެން ކުރެވުނު ތަހުގީގުގެ އަލީގައި އަށް މީހެއްގެ މައްޗަށް ކޯޓުގައި ޝަރީއަތް ހިނގަމުން ދާ ކަމަށާއި، އޭގެތެރެއިން އެކެއްގެ މައްޗަށް ހައިކޯޓުން މިހާރު ވަނީ ހުކުމް ވެސް ކޮށްފައި ކަމަށެވެ. އަދި، އެދުވަސްވަރު ހިނގައިދިޔަ މަރުތަކާއި، ގެއްލުވާލެވިފައިވާ މީހުންގެ ތަހުގީގުތައް ހިންގުމަށް ހާއްސަ ކޮމިޝަނެއް އުފެއްދިކަން ފާހަގަކުރައްވާ، އެ ކޮމިޝަނުން މިހާރުވެސް އެމަސައްކަތް ކުރަމުން ގެންދާކަން ފާހަގަކުރެއްވި އެވެ. ރައީސް ވިދާޅުވީ، އެމައްސަލައަކީ ކޯޓުގައި އޮތް މައްސަލައަކަށްވާތީ ޝަރީއަތަށް ނުފޫޒު ނުފޯރާ ގޮތަށް ވަރަށް ކައިރީން ބަލަމުން އެބަގެންދިޔަ ނަމަވެސް އެކަންކަން ހިނގައިދިޔަގޮތް ވެސް ވަރަށް އަވަހަށް ސާފުވެގެންދާނެ ކަމަށެވެ.

"އަނިޔާވެރިކަން ބިރުވެރިކަން އެތައް، އެތައް މަރެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިމަތިވެގެން ދިޔަގޮތް އަޅުގަނޑުމެން އެޔާއި ދޭތެރޭގައި ފުންކޮށް ވިސްނަންޖެހޭނެ. އަޅުގަނޑުމެން ބޭނުންވަނީ އަނބުރާ އެ އަނިޔާވެރިކަމާއި ބިރުވެރިކަމުގެ ތެރެއަށް ދާންތޯ؟ ނޫނީ މިހާރު މިއޮތް ހަމަޖެހުމާއި ސުލުހަމަސަލަސް ކަމާއިއެކު ކުރިއަށް ދާންތޯ މިއީ އަޅުގަނޑުމެންގެ ކުރިމަތީގައި އޮތް ސުވާލަކީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ގޮތް ނިންމާއިރު، އެ މަޒީން ލިބުނު ފިލާވަޅުތަކަށް ވިސްނައިގެން ގޮތެއް ނިންމުން މުހިންމު ކަމަށެވެ. 

އަނިޔާވެރިގޮތަކަށް އަނަސް މަރާލިތާ ފަސް އަހަރުވެފައިވާއިރު، އަނަސްއަށް ދިން ހަމަލާއިން އޭނާގެ ހަށިގަނޑުގެ އެކިތަންތަނުގައި 24 ވަރަކަށް ޒަހަމް ހުއްޓެވެ. އޭގެ ތެރޭގައި ފުން ބޮޑެތި ޒަހަމްތަކެއް ވެސް ފެންނަން ހުއްޓެވެ. އެގޮތުން ކަރުގެ އެއް ފަރާތަކުން ފެންނަން ހުރި ބޮޑު ޒަހަމަކާއި ފުއްޕާމެއާ ދިމާލުން މެއަށް ދީފައި ހުރި ބޮޑު ޒަހަމެއް ހުރި ކަމަށް އަނަސް ބެއްލެވި ޑޮކްޓަރު ޝަރީއަތުގެ މަޖިލީހުގައި ފާހަގަކޮށްފައި ވެއެވެ. އޭގެ ސަބަބުން ފުއްޕާމޭގެ އެތެރެއިން ވެސް ޒަހަމެއް ހުރި ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ. އެއީ މީހަކު މަރުވެދާނެ ފަދަ އަނިޔާތަކެއް ކަމަށާއި އަދިި އަނަސް މަރުވީ އެ އަނިޔާތަކުގެ ސަބަބުން ލޭ މަދުވެ، އަދި އޮކްސިޖަން ނުލިބިގެން ކަމަށް ބެލެވޭ ކަމަށް ވެސް ޑޮކްޓަރު ވިދާޅުވި އެވެ.

އަނަސްގެ މަރުގެ ތަހުގީގަށްފަހު ފުލުހުން ބުނެފައި ވަނީ އޭނާ މަރާލީ ސީދާ އޭނާއަށް ހަމަލާދޭން ރާވައިގެން ނޫން ކަމަށާއި، އެކަން ހިނގީ، އެހެން މީހަކަށް ހަމަލާ ދޭން އުޅެނިކޮށް "އޮޅިގެން" ކަމަށެވެ.

29%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
71%
ވަރަށް ސަލާމް
ކޮމެންޓްސް