ads
ނަޝީދު ކެމްޕެއިން ޖަލްސާއެއްގައި—-ފޮޓޯ: ކެމްޕެއިން ޓީމް
ހިތާމަވެސް ކުރަން، ދެރަވެސްވޭ، މަހުގެ އަގެއް ނޫފުލުނު: ނަޝީދު
އެމްޑީޕީ ސަރުކާރެއްގެ ފަސް އަހަރު ހަމަވާން ދާއިރު، މަހުގެ އަގު އުފުލިފައި ނުވާތީ ހިތާމަކުރައްވާ ކަމަށް އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރ. މީދޫގައި އޮތް ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެންމެ ކުޑަ އުޖޫރަ ކަނޑައެޅިއްޖެ ކަމަށާއި، ސާވިސް ޗާޖު ރިސޯޓުތަކުގެ މުވައްޒަފުންނަށް ހަމަޖައްސައި ދެވިއްޖެ ކަމަށެވެ. އެކަމަކު، އަދިވެސް މަހުގެ އަގު އުފުލިފައި ނުވާތީ ހިތާމަކުރައްވާ ކަމަށް ވިދާޅުވި އެވެ.

"ހިތާމަވެސް ކުރަން ދެރަވެސް ވޭ، މަހުގެ އަގެއް ނުއުފުލުނު. 2008 ވަނަ އަހަރު އެމްޑީޕީގެ ވެރިކަން އުފެދިގެން އައިރު އެގިވަޑައިގަންނަވާނެ އެސްޓީއޯއިން މަސްކިލޯއެއްް، ކަޅުބިލަ މަސް ކިލޯއެއް ގަންނަމުންދިޔައީ ދެ ރުފިޔާ ބަޔާއި، ހަ ރުފިޔާ ބަޔާއި ދޭތެރޭގައި. ހަ ރުފިޔާ ބަޔަށްވުރެ އެ މައްޗަށް ދިޔަ އިރެއް ނެތް. އަޅުގަނޑުމެންގެ ސަރުކާރުގައި އިރާދަކުރެއްވިއްޔާ، އެގިވަޑައިގަންނަވާނެ މީދޫ މަސްވެރިންނަށް ފުރަތަމަ އެމްޑީޕީ ސަރުކާރެއްގައި 26 ކިލޯއަށް އަރައިގެންދާނެ،" ނަޝީދު ވިދާޅުވި އެވެ.

މަހަށް ރަނގަޅު އަގެއް މަސްވެރިންނަށް ލިބެނީ، ބާނާ މަސް ބަންދުކޮށްގެން ރާއްޖެއިން ބޭރަށް ފޮނުވުމުން ކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ، ދަޅެއްގައި ބަންދުކޮށްގެން ނުވަތަ މަހުގެ ހަން ދަމާލާފައި ބޭރަށް ފޮނުވިޔަސް އެ އަގު ބޮޑުވެގެން ދާނެ ކަމަށެވެ. އެކަމަކު ހުރިގޮތަށް ހުރި ރޯމަސް ފޮނުވާނަމަ މަހަށް ލިބޭ އަގު ކުޑަ ކަަމަށެވެ.

ރޯމަސް ރާއްޖެއިން ބޭރުކުރަން ފެށީ 1970 ގެ އަހަރުތެރޭގައި ކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ، އޭގެ ކުރީގައި އަބަދުވެސް މަސް ކައްކައިގެން ކަނީ ކަމަށެވެ. އެމްޑީޕީން ހުށަހެޅި ސިޔާސަތަކީ ރަށްރަށުގައި މަސް ބަންދުކުރެވޭނެ ގޮތް ހެދުން ނަމަވެސް، މި ސަރުކާރުން އެކަން ނުކުރި ކަމަށް ނަޝީދު ވިދާޅުވި އެެވެ. 

"މަހުގެ އަގު އުފުލިގެންދާނީ އެމަހަށް ރަނގަޅު ކަމެއް ކުރެވި، ރަނގަޅު މާުރުކޭޓުތަކުގައި ވިކިގެން. ނަމަވެސް އެކަމެއް ނުކުރި. ސަރުކާރުން އަނެއްކާވެސް މަސައްކަތް ކުރީ ރޯމަސް ރައްކާކުރާ ޖާގަ މިފްކޯގައި ބޮޑުކުރަން. އެންމެފަހުން ވީގޮތަކީ ޖާގަވެސް ބޮޑު ނުކުރެވުނީ، ޕްލާންޓެއްވެސް ގާއިމު ނުކުރެވުނު،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، ރާއްޖެ ތަނަވަސްވުުމަށް މަހަށް ރަނގަޅު އަގެއް ލިބުން މުހިންމު ކަމަށެވެ. ރޯމަސް ބޭރަށް ފޮނުވާފައިވާހާ ހިދަކު އެފަދަ ތަނަވަސްކަމެއް ރާއްޖެއަށް ނުލިބޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް