ޑަބްލިއު.އެޗް.އޯ ގެ ހެލްތް އެމަޖެންސީޒް ޕްރޮގްރާމްގެ އެގެޒެކެޓިވް ޑިރެކްޓާ، މިޝެލް ރިޔާން ވިދާޅުވީ، ކޮވިޑް-19 ގެ ރިސްކް މިހާރު އެންމެ މައްޗަށް އަރާފައިވާކަމަށާއި މިއީ ރައްޔިތުން ނުތަނަވަސް ކަމަކަށް ވައްޓާލުމަށް ނިންމި ނިންމުމެއް ނޫންކަމުގައެވެ. މި ނިންމުމަކީ މި ވައިރަސް މިހާރު ދުނިޔޭގައި ފެތުރެމުންދާ މިންވަރާއި ގައުމަތަކަށް މި ވައިރަހުގެ އަސަރު ކޮށްފައިވާ މިންވަރަށް ބަލާ ގައުމުތަކުން ވައިރަހަށް ތައްޔާރަށް ތިބުމަށް ގޮވާލުމުގެ ގޮތުން ނިންމި ނިންމުމެއް ކަމުގައި ރިޔާން ވިދާޅުވިއެވެ.
ރިޔާން އިތުރަށް ވިދާޅުވެފައި ވަނީ ބަލީގެ ރިސްކް އެންމެ މައްޗަށް ޖެއްސިނަމަވެސް ކޮވިޑް-19 ގެ ސަބަބުން ގައުމުތަކުން އަމަލު ކުރަމުން އަންނަ ގޮތަށް އެއްވެސް ބަދަލެއް ނާންނާނެ ކަމުގައެވެ.
ޑަބްލިއު.އެޗް.އޯ ގެ ޑިރެކްޓާ ޖެނެރަލް ޑރ. ޓެޑްރޮސް އަދަނޮމް ވިދާޅުވީ، މި ނިންމުން ނިންމީ މިހާރު ގައުމުތަކުގައި ކޮވިޑް-19ގެ ހާލަތަށް ބަލާ މިހާރު އެ ވައިރަސް ފެތުރުން އިތުރުވަމުން އައުމުން ކަމުގައެވެ. އަދި ކޮވިޑް-19 ގެ އަސަރު ކުރަމުންދާ ގައުމަތައް އިތުރުވެ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން އަންނަ އައުމާ މެދު ޑަބްލިއު.އެޗް.އޯ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެހެންނަމަވެސް ބަލި ޖެހޭމީހުން ކުރީބައިގައި ޓެސްޓްކޮށް ކަރަންޓީން ކުރެވިގެން ފަރުވާ ދީފިނަމަ ބަލި ފެތުރުން ކުޑަ ކުރެވިދާނެކަމަށް ވެސް ޑަބްލިއު.އެޗް.އޯ އިން ބުނެއެވެ.
ކޮވިޑް-19 ވައިރަސް މިހާރު ވަނީ 50 ހަށް ވުރެ ގިނަ ގައުމުން ފެނިފައެވެ.