ads
އިންޑޮނޭޝިއާއަށް މީގެ ކުރިން އައި ބިންހެލުމުގައި ބައެއް އިމާރާތްތައް ވެއްޓިފައި
އިންޑޮނޭޝިޔާއަށް 7.7 މެގްނިޓިއުޑުގެ ބާރުގަދަ ބިންހެލުމެއް
އިންޑޮނޭޝިޔާގެ ޓަނިންބާ އައިލެންޑްސްއަށް 7.7 މެގްނިޓިއުޑުގެ ބާރުގަދަ ބިން ހެލުމެއް އަތުވެއްޖެ އެވެ.

ރޭގެ ދަންވަރުގެ ވަގުތެއްގައި އައި މި ބިން ހެލުން އައިސްފައިވަނީ 97 ކިލޯމީޓަރު އަޑިން ނެވެ. ބޭރުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާގޮތުގައި މި ބިން ހެލުމުގެ ލޮޅުން އޮސްޓްރޭލިއާގެ އުތުރު ޓެރިޓަރީ އަށް ވެސް އިހްސާސް ކުރެވިފައި ވެއެވެ. އަދި މި ބިންހެލުމާއި ގުޅިގެން އިންޑޮނޭޝިއާގެ ބައެއް ސަރަހައްދުތަކަށް ފުރަތަމަ ސުނާމީއެއްގެ އިންޒާރު ނެރުނު ނަމަވެސް، އެ އިންޒާރު މިހާރު ވަނީ ނަގާފަ އެވެ. 

މިކަމާއި ގުޅިގެން ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ މެޓުން ބުނީ، އެ ބިން ހެލުން އައި ސަރަަހައްދާއި މާލެ އާއި، 6418 ކިލޯމީޓަރުގެ ދުރުމިން ހުންނަ ކަމަށެވެ. 

"މި ބިން ހެލުމުގެ އަސަރު ރާއްޖެ އަށް ކުރާނެ ކަމަށް ނުފެނޭ،" މެޓުން ބުންޏެވެ.

އިންޑޮނޭޝިއާގެ ޑިޒާސްޓަ އެޖެންސީއާއި ހަވާލާދީ ބޭރުގެ ރިޕޯޓުތައް ބުނާގޮތުން، މި ބިން ހެލުމާއި ގުޅިގެން ދެ ސްކޫލަކާއި، 15 އެއްހާ ގެ އަށް ގެއްލުންވެ، އެކަކަށް އަނިޔާވެފައި ވެއެވެ. 7.0 މެގްނިޓިއުޑްގެ ބާރުމިނުގައި އަންނަ ބިން ހެލުންތަކަކީ ދެވަނަ އަށް އެންމެ ބާރުގަދަ ބިން ހެލުންތަކެެވެ. މިފަދަ ބިން ހެލުންތަކުގައި ބޮޑު ސަރަހައްދުތަކަށް ބޮޑެތި ގެއްލުންތައް ވެފައިވާކަން ރިޕޯޓުކުރެވިފައިވެއެވެ. އެންމެ ބާރުގަދަ ބިން ހެލުންތަކަކީ 8.0 އިން ފެށިގެން މަތިން އަންނަ ބިން ހެލުންތަކެވެ. 

އިންޑޮނޭޝިއާގެ ސުމަޓްރާ ސަރަހައްދަކީ އެންމެ ގިނަ އަދަދަކަށް ބިންހެލުން އަންނަ އެއް ސަރަހައްދު ކަމަށްވާއިރު، 2004 ވަނަ އަހަރު އެގައުމުގެ ސުމަޓްރާއަށް 9.1 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމުގެ ސަބަބުން އުފެދުނު ސުނާމީގެ އަސަރު ރާއްޖެ ހިމެނޭހެން އޭޝިއާ ސަރަހައްދުގެ ގިނަ ގައުމުތަކަށް ވަނީ ކޮށްފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް