ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައި މިވަނީ، މި މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޕްރައިމެރީގެ ކެމްޕެއިންގެ ތެރެއިން ބ. ހިތާދޫ އަށް ވަޑައިގެން އެރަށުގައި ތިއްބެވި އެމްޑީޕީގެ ސަޕޯޓަރުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް ނަޝީދުގެ ވާހަކަފުޅުގައި ވިދާޅުވީ، އެމަނިކުފާނު ރަށަކަށް ވަޑައިގަންނަވާކަން އެނގޭ ހިސާބުން އެޑިއުކޭޝަން މިނިސްޓްރީން އަންގައިގެން އެ ރަށެއްގެ ސުކޫލްތަކުން ބެލެނިވެރިންނަށް އެކި ބައްދަލުވުންތައް އެ ދުވަހާއި ދިމާކޮށް ބާއްވަމުން އަންނަ ކަމަށާއި، މިފަދައިން ކަންކަން ކުރަމުން ގެންދަނީ، އެމަނިކުފާނުގެ ކެމްޕެއިނަށް ހުރަސްއެޅުމުގެ ބޭނުމުގައި ކަމަށެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވީ، މިގޮތަށް ކަންކަން ކުރުމުގެ ބޭނުމަކީ، ތައުލީމީ ދާއިރާއަށް ސިޔާސީ ކަންކަން ވެއްދުމުގެ ބޭނުމުގައި ކަމަށާއި، ސުކޫލްތަކުގެ ވެރިން މިފަދައިން ކަންކަން ކުރާނަމަ އެފަރާތްތަކާއި މެދު ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ. އަދި އެގޮތަށް ކަންކަން ކުރި ވެރިންނަށް އެޑިއުކޭޝަން މިނިސްޓްރީން ފިޔަވަޅު އަޅަންޖެހޭނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
އަދި މިފަދައިން ތައުލީމީ ކަންކަމުގެ ތެރެއަށް ސިޔާސީ ކަންކަން ވައްދާނަމަ، އެކަންކަމާއި ދެކޮޅަށް އިހުތިޖާޖަށް ނިކުންނަ ޖެހިދާނެ ކަމަށާއި، އިތުރަށް މިކަންކަން މިގޮތަށް ވިޔަ ނުދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ކަންކަން ކުރަންޖެހޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
މި މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޕްރައިމެރީގައި ވާދަ ކުރައްވާ ރައީސް ނަޝީދު އާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެންދަވަނީ، ކެމްޕެއިން ހަރަކާތްތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ހިންގަވަމުންނެވެ. ދެ ބޭފުޅުންވެސް ކެމްޕެއިންގެ ތެރެއިން އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ބަހުގެ ހަމަލާތައް ރައްދުކުރަމުން ގެންދަވާކަން ފާހަގަ ކުރެވެ އެވެ.