ads
ރާއްޖޭގެ އިގުތިސޯދުގެ ކުރިއެރުން މި އަހަރު ހުންނާނީ 8.2 އިންސައްތައިގައި.
"ދެކުނު އޭޝިއާގެ ގައުމުތަކުން އެންމެ ބާރަށް ކުރިއަރާނީ ރާއްޖޭގެ އިގުތިސޯދު"
ދެކުނު އޭޝިއާ ގައުމުތަކުގެ ތެރެއިން މި އަހަރު އެންމެ ބާރަށް ކުރިއަރާނީ ރާއްޖޭގެ އިގުތިސޯދު ކަމަށް، ބައިނަލްއަގުވާމީ މާލީ އިދާރާ ވޯލްޑް ބޭންކުން ބުނެފިއެވެ.

ވޯލްޑް ބޭންކުން މިކަން ހާމަކޮށްފައިވަނީ ދުނިޔޭގެ އިގުތިސޯދުތައް ދިރާސާކުރުމަށްފަހުގައި ނެރެފައިވާ ގްލޯބަލް އިކޮނޮމިކް ޕްރޮސްޕެކްޓްސް ރިޕޯޓުގައެވެ. ވޯލްޑް ބޭންކުގެ އެ ރިޕޯޓުގައި ބުނެފައިވަނީ ރާއްޖޭގެ އިގުތިސޯދުގެ ކުރިއެރުން މި އަހަރު ހުންނާނީ 8.2 އިންސައްތައިގައެވެ. މިއީ މީގެކުރިން އެ ބޭންކުން ލަފާކޮށްފައިވާ އަދަދަށްވުރެ ދެ އިންސައްތައިގެ ދަށްވުމެއް ނަމަވެސް ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން އެންމެ ބާރަށް ކުރި އަރާނީ ރާއްޖޭގެ އިގުތިސޯދު ކަމަށް އެ ރިޕޯޓުގައިވެއެވެ.

އެ ބޭންކުން މީގެކުރިން ލަފާކޮށްފައިވަނީ ރާއްޖޭގެ އިގުތިސޯދީ ކުރިއެރުން ހުންނާނީ 12.4 އިންސައްތައިގައި ކަމަށެވެ. ރާއްޖޭގެ އިގުތިސޯދުގެ ކުރިއެރުން ކުރީގެ ލަފާކުރުމަށް ވުރެ ދަށްކުރީ ކޮވިޑަށް ފަހު އިގުތިސޯދަށް އައި ބޮޑު ކުރިއެރުން ކޮންމެވެސް ވަރަކަށް މި އަހަރު މަޑުޖެހި، އާންމު ހާލަތަކަށް ދާނެތީ ކަމަށް ވޯލްޑް ބޭންކުން ނެރުނު އެ ރިޕޯޓުގައިވެއެވެ.

ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑު ކުރިއެރުމެއް

ދެކުނު އޭޝިޔާ ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އެންމެ ބޮޑަށް އިގުތިސޯދު ކުރިއަރާ ގައުމަށް ރާއްޖެ ވަނީ، ރާއްޖެ އަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު މި އަހަރު އިތުރުވާނެތީ ކަމަށް އެ ރިޕޯޓުގައިވެއެވެ.

your imageބަރޮސް މޯލްޑިވްސް ރިސޯޓު.

ވޯލްޑް ބޭންކުގެ ރިޕޯޓުގައި ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމަށް ފަހު، ދުނިޔޭގެ ހުރިހާ ގައުމުތަކުންވެސް އިގުތިސޯދު ކުރިއެރުވުމަށް މަސައްކަތް ކުރަމުންދާއިރު، ކޮވިޑް-19 ގެ ފިޔަވަޅުތަކުގެ ސަބަބުން ގައުމުތަކަށް ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު މަދުވުމުގެ ސަބަބުން އެގައުމުތަކަށް ބޭރު ފައިސާ އިން ލިބޭ އާމްދަނީ ބޮޑުތަނުން މަދުވެފައިވާ ކަމަށެވެ.

އެހެންނަމަވެސް، މި ސަރަހައްދުގެ އެހެން ގައުމުތަކާ އަޅާބަލާއިރު ރާއްޖޭގެ ފަތުރުވެރިކަން އަންދާޒާކުރި ވަރަށް ވުރެ އަވަހަށް ކޮވިޑުގެ ކުރިން ހުރި މިންވަރަށް ވަނީ އިއާދަވެފައިވާ ކަމަށާއި މި އަހަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް 12.4 އިންސައްތަ އަށް ކުރިއަރާނެކަމަށް އެ ރިޕޯޓުގައިވެއެވެ.

އިގުތިސޯދަށް އޮތް ގޮންޖެހުން ބޮޑު

ވޯލްޑް ބޭންކުގެ ރިޕޯޓުގައި ވަނީ ރާއްޖޭގެ އިގުތިސޯދު ހަލުވިކަމާ އެކު ކުރިއެރި ނަމަވެސް، އެހެން ގައުމުތައް ފަދައިން ރާއްޖޭގެ އިގުތިސޯދަށް ވެސް މި އަހަރު ގޮންޖެހުންތަކެއް ހުރިކަމަށެވެ.

އެ ރިޕޯޓްގައި ބުނެފައި ވަނީ، ރާއްޖެ އަކީ ފަތުރުވެރިކަމުގެ ސިނާއަތަށް ބަރޯސާވާ ގައުމަކަށް ވާއިރު، ޔޫރަޕާއި އެމެރިކާގެ އިގުތިސޯދަށް ކުރިމަތިވާ ހީނަރުކަމުގެ އަސަރު ރާއްޖެ އަށް ކުރާނެއެވެ. އެ ގައުމުތަކުގެ އިގުތިސޯދަށް ކުރިމަތިވާ ހީނަރުކަމުގެ ސަބަބުން އެ މާކެޓްތަކުން ފަތުރުވެރިން އަންނަ މިންވަރު މަދުވެ، ރާއްޖޭގެ ފަތުރުވެރިކަމަށް އެކަމުގެ އަސަރު ކުރުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް އެ ބޭންކުން ލަފާކުރެއެވެ.

your imageމަސްމާރުކޭޓް ސަރަހައްދުގައި މަސް ދޯނިތައް އަޅާފައި.

މީގެ އިތުރުން ވެސް އެ ބޭންކުން ފާހަގަކޮށްފައިވަނީ ކުދި ގައުމުތަކުގެ ތެރެއިން ރާއްޖެ އަކީ ޗައިނާ އަށް އެންމެ ބޮޑު ދަަރަންޏެއް އޮތް އެއް ގައުމު ކަމަށާއި ދަަރަނި ދެއްކުމުގައި ރާއްޖެ އަށް ހުރި ނުރައްކާތައް ބޮޑު ކަމަށެވެ.

ހަމަ އެ އާއެކު، އެ ރިޕޯޓުގައި ވަނީ ދުނިޔޭގެ މާލީ ބާޒާރުގައި އިންޓަރެސްޓް ރޭޓްތައް ބޮޑުވެގެން ދިއުމުގެ ސަބަބުން މިހާރު ވެސް ބޮޑުވެފައިވާ ދަރަނީގެ ހާލަތު އިތުރަށް ބޮޑުވެ ދަރަނި ދެއްކުމުގައި ދަތިތަކާ ކުރިމަތިލާން ޖެހޭނެއެވެ.

ބައެއް ސިނާއަތްތަކުގައި ސަރުކާރުގެ ކުންފުނިތަކުގެ ދައުރު ބޮޑުވެ، ސިނާއަތްތައް އެ ކުންފުނިތަކަށް ބަރޯސާވާން ޖެހުމުން ދަތިތަކާ ކުރިމަތިވާނެ ކަމަށް ވެސް ވޯލްޑް ބޭންކުގެ އެ ރިޕޯޓުގައިވެއެވެ.

އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، ރާއްޖޭގެ އިގުތިސޯދަށް ދިމާވާނެ އަނެއް ގޮންޖެހުމަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން އިގުތިސޯދީ ކުރިއެރުމަށް ހުރި ނުރައްކާތަކެވެ. ވޯލްޑް ބޭންކުގެ އެ ރިޕޯޓުގައިވާ ގޮތުގައި، ރާއްޖެ ވާނީ ކަނޑުގެ ލޮނުގަނޑު އުފުލުމާއި މޫސުމީ ބަދަލުތަކުގެ އެންމެ ބޮޑު އަސަރެއް ކުރާނެ އެއް ގައުމު ކަމުގައެވެ. އެއީ ރާއްޖޭގެ އިގުތިސޯދީ ކުރިއެރުމަށް އަސަރުކޮށް، ގޮންޖެހުންތަކާ ކުރިމަތިވުމުގެ ބިރު ބޮޑު ކަމަށް އެ ބޭންކުން ފާހަގަކުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް