ads
ރޮޒައިނާ އާދަމް-
ރައީސް ސޯލިހު އަކީ ނުލަފާކަން ދައްކާ ބޭފުޅެއް ނޫން: ރޮޒައިނާ
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަކީ، ނުލަފާކަން ދައްކަވާނެ ބޭފުޅެއް ނޫން ކަމަށް، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.
Advertisement

ރޮޒައިނާ މިހެން ވިދާޅުވެފައި މިވަނީ، ސަރުކާރުގެ ބައެއް ބޭފުޅުން ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގައި ރައީސް ނަޝީދު އަށް ވާދަކުރައްވާކަން އިއުލާން ކުރެއްވުމުން ރައީސް ނަޝީދު އެބޭފުޅުންނަށް މަރުހަބާ ދެންނެވުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގަ އެވެ. 

ރޮޒައިނާގެ ޓުވީޓުގައި ވިދާޅުވީ، ރައީސް ނަޝީދު އަށް ތާއީދު ކުރައްވާކަން އިއުލާން ކުރެއްވުމުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ބޭފުޅުން ވަޒީފާއިން ވަކިނުކުރާ ކަމަށެވެ. ސަރުކާރުގެ މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުންގެ އިތުރުން ސިޔާސީ މަގާމުތަކަށް އައްޔަން ކުރައްވާފައި ތިއްބަވާ ފަރާތްތަކަކީ، ރައީސުލްޖުމްހޫރިއްޔާއަށް އެހީތެރިވެދިނުމަށް އައްޔަން ކޮށްފައި ތިއްބަވާ ބައެއް ކަމަށެވެ. 

ރައީސް ސޯލިހު އަށް ތާއީދު ނުކުރައްވާ ރައީސް ނަޝީދު އަށް ތާއީދު ކުރައްވާ ބޭފުޅުންނަށް ސަރުކާރުން ބިރުދައްކަމުން ގެންދަވާކަމަށް ރައީސް ނަޝީދުގެ ކެމްޕެއިން ޓީމުން ބުނަމުން ދާއިރު، އެކަމަށް އިޝާރާތް ކުރައްވާ ރޮޒައިނާ ވަނީ، ފެނިގެންދާ މަންޒަރުތަކުން ރައީސް ނަޝީދު ދައްކަވާ ވާހަކަތައް ހަމަނުޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އަދި ރައީސް ސޯލިހު އަކީ ނުލަފާކަން ދައްކަވާ ބޭފުޅެއް ނޫން ކަމަށްވެސް ރޮޒައިނާ ވަނީ ވިދާޅުވެފަ އެވެ. 

"ވަޒީފާ އަކުން ކަނޑައެއް ނުލާ ދެއްތޯ؟ ތީ ސީދާ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސް އަށް އެހީތެރިވެދިނުމަށް އައްޔަން ކޮށްފައި ތިބި ބައެއް. ދެން ކޮން ބަޔަކަށް ބިރުދައްކާ ވާހަކައެއްތޯ މަނިކުފާނު ތަކުރާރުކޮށް ތި ދައްކަވަނީ. ރައީސް ސޯލިހު އަކީ، ނުލަފާކަން ދައްކަވާ ބޭފުޅެއް ނޫން." ރައީސް ނަޝީދު އަށް އަމާޒުކުރައްވާ ރޮޒައިނާ ވިދާޅުވި އެވެ.

ރޮޒައިނާ މިފަދައިން ވިދާޅުވެފައި ވާއިރު، ސަރުކާރުން މި އިންތިހާބަށް ނުފޫޒުފޯރުވަމުން ގެންދަވާ ކަމަށް ރައީސް ނަޝީދުގެ ކެމްޕެއިން ޓީމުން ގެންދަނީ ބުނަމުންނެވެ. އަދި ބިރު ދެއްކުމާއި ވަޒީފާތަށް ދެމުން ދާކަމަށްވެސް އެފަރާތްތަކުން ވަނީ ބުނެފަ އެވެ. 

އެހެން ނަމަވެސް ސަރުކާރުން ވަނީ، މި ތުހުމަތުތައް ދޮގު ކުރައްވާފަ އެވެ. އިއްޔެ ރައީސް އޮފީހުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، ސަރުކާރުން ސިޔާސީ މަގާމެއް އުފައްދަނީ ބަޔަކަށް ހިދުމަތް ކޮށްދިނުމުގެ ބޭނުމުގައި ކަމަށައި، އެއްވެސް ބޭނުމެއް ނެތި ސިޔާސީ މަގާމެއް ސަރުކާރުން އުފައްދާފައި ނުވާނެ ކަމަށެވެ. 

އަދި މި ޕްރައިމެރީގެ ކެމްޕެއިނަށް ސަރުކާރުން އެއްވެސް ހަރަދެއް ނުކުރާ ކަމަށްވެސް މިއުވާން ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް