ads
ކެމްބޯޑިއާގެ ބޮޑުވަޒީރު ހުން ސެން، އަދި ފޮރިން މިނިސްޓަރު ޝާހިދު
ކެމްބޯޑިއާގެ ބޮޑުވަޒީރު ހުން ސެން ރާއްޖެ ވަޑައިގެންފި
ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން، ރާއްޖެ ވަޑައިގެންފި އެވެ.

ކެމްބޯޑިއާގެ ބޮޑުވަޒީރު ހުން ސެން ގެ މި ދަތުރުފުޅަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް ކުރައްވާ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެކެވެ. 

އެމަނިކުފާނު ރާއްޖެއަށްވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ، ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ. މީގެ އިތުރުން އެމަނިކުފާނުގެ ޝަރަފުގައި އެމްއެންޑީއެފްއިން ވަނީ ގާޑް އޮފް އޮނާ އެއް އަރުވާފަ އެވެ.

ކެމްބޯޑިއާގެ ބޮޑުވަޒީރަށް ރަސްމީކޮށް މަރުހަބާ ދެންނެވުމާއި، ދަތުރުފުޅުގެ ތެރެއިން ކުރިއަށްދާ ރަސްމީ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ.

މި ދަތުރުފުޅުގައި ރާއްޖެއާއި ކެމްބޯޑިއާއާ ދެމެދު ރަސްމީ މަޝްވަރާތައް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ދެގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހި ކުރެއްވުމާއި ބެހޭގޮތުން މަޝްވަރާކުރައްވައި، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ގޮތުން ފަހުމުނާމާތައް ބަދަލުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން މި ދަތުރުފުޅުގެ ހަވާސާގައި ދެގައުމުގެ ދެމެދުގައި ވިޔަފާރީގެ މުއާމަލާތްތައް ހަރުދަނާކުރުމަށާއި، ވިޔަފާރީގެ ދާއިރާއިން ގުޅުން އިތުރަށް ބަދަހި ކުރުމަށް އިއިކޮނޮމިކް މިނިސްޓްރީން ބާއްވާ ބިޒްނަސް ފޯރަމްގައި ދެ ގައުމުގެ ޗެމްބާ އޮފް ކޮމާސް އިން ބައިވެރިވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.  

ރާއްޖެ އާއި ކެމްބޯޑިއާއި ދެމެދު ހާރިޖީ ގުޅުން 1995 ވަނަ އަހަރު ގާއިމް ކުރި އިރު، މި އަަހަރު ދެގައުމުގެ ގުޅުމަށް 27 އަހަރު ފުރިގެންދާނެ އެވެ. ކެމްބޯޑިއާގެ ބޮޑުވަޒީރުގެ މިދަތުރުފުޅަކީ، ކެމްބޯޑިއާގެ ބޮޑުވަޒީރަކު ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް