ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ވަޑައިގެންނެވީ އިއްޔެގެ ވަގުތެއްގަ އެވެ. އެމަނިކުފާނަށް ރަސްމީ ކޮށް މަރުހަބާ ދެންނެވުން އޮތީ، މިއަދު ޖުމްހޫރީ މައިދާނުގަ އެވެ.
ކެމްބޯޑިއާގެ ބޮޑުވަޒީރު މާލެއަށް ފައިބާވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ރައީސް ސޯލިހު އެވެ. ބޮޑުވަޒީރު ޑަޔަސްއަށް އަރާވަޑައިގަތުމާއެކު، އެމްއެންޑީއެފް އިން ވަނީ ހަތް ބަޑީގެ ސަލާމެއް އަރުވާފަ އެވެ. އަދި ކެމްބޯޑިއާއާއި، ރާއްޖޭގެ ގައުމީ ސަލާމް ކުޅުނެވެ.
މީގެ އިތުރުން އެމަނިކުފާނުގެ ޝަރަފްގައި އެމްއެންޑީއެފް އިން ބޭއްވި ގާޑް އޮފް އޮނާއެއް، އެމަނިކުފާނު ވަނީ އިންސްޕެކްޓް ކޮށްދެއްވާފަ އެވެ. އެއަށްފަހު ދެގައުމުގެ އިސްވެރިން ތައާރަފް ކުރެއްވުމަށްފަހު، ބޮޑުވަޒީރު ވަނީ ރައީސް އޮފީހަށް ވަޑައިގެންފަ އެވެ.
މި ދަތުރުފުޅުގައި ރާއްޖެއާއި ކެމްބޯޑިއާއާ ދެމެދު ރަސްމީ މަޝްވަރާތައް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ދެގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހި ކުރެއްވުމާއި ބެހޭގޮތުން މަޝްވަރާކުރައްވައި، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ގޮތުން ފަހުމުނާމާތައް ބަދަލުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މީގެ އިތުރުން މި ދަތުރުފުޅުގެ ހަވާސާގައި ދެގައުމުގެ ދެމެދުގައި ވިޔަފާރީގެ މުއާމަލާތްތައް ހަރުދަނާކުރުމަށާއި، ވިޔަފާރީގެ ދާއިރާއިން ގުޅުން އިތުރަށް ބަދަހި ކުރުމަށް އިއިކޮނޮމިކް މިނިސްޓްރީން ބާއްވާ ބިޒްނަސް ފޯރަމްގައި ދެ ގައުމުގެ ޗެމްބާ އޮފް ކޮމާސް އިން ބައިވެރިވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
ރާއްޖެ އާއި ކެމްބޯޑިއާއި ދެމެދު ހާރިޖީ ގުޅުން 1995 ވަނަ އަހަރު ގާއިމް ކުރި އިރު، މި އަަހަރު ދެގައުމުގެ ގުޅުމަށް 27 އަހަރު ފުރިގެންދާނެ އެވެ. ކެމްބޯޑިއާގެ ބޮޑުވަޒީރުގެ މިދަތުރުފުޅަކީ، ކެމްބޯޑިއާގެ ބޮޑުވަޒީރަކު ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.