ads
ރައީސް ސޯލިހު ރިޔާސީ ބަޔާން ހުށަހަޅުއްވަނީ
ފެބްރުއަރީ 6 ވަނަ ދުވަހު ރައީސް ސޯލިހުގެ 5 ވަނަ ރިޔާސީ ބަޔާން!
އަންނަ ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަސް ވަނަ ރިޔާސީ ބަޔާން އިއްވުން އޮންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހާމަ ކޮށްފި އެވެ.

ގާނޫނު އަސާސީގެ 84 ވަނަ މާއްދާގައި ވާގޮތުން ކޮންމެ އަހަރެއްގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ރައީސް، ގައުމުގެ ހާލަތާއި ބެހޭ ގޮތުންނާއި ގައުމުގެ ހާލަތު ރަނގަޅުކުރުމަށް ކުރަންޖެހޭ ކަންކަން ކަމަށް ރައީސް އަށް ފެނިވަޑައިގަންނަވާ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވަން ޖެހިވަޑައިގަންނަވާ ކަމަށެވެ. 

މަޖިލީހުގެ އިދާރާއިން މައުލޫމާތު ދެއްވާ ގޮތުގައި، ރިޔާސީ ބަޔާން އިއްވަވަން ބާއްވާ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ އަންނަ މަހުގެ ހަ ވަނަ ދުވަހުގެ ހެނދުނު 09:00 އަށް ވަނީ އެޖެންޑާ ކޮށްފަ އެވެ. އަދި އެދުވަހު ކުރިއަށްދާނީ ރިޔާސީ ބަޔާން އިއްވެވުން އެކަނި ކަމަށާއި، އެ އެޖެންޑާ މަޖިލީހުގެ މެމްބަރުންނަށް މިހާރު ފޮނުވާފައި ވާނެ ކަމަށް އެއިދާރާއިން މައުލޫމާތުދެ އެވެ. 

ރިޔާސީ ބަޔާން އަންނަ މަހުގެ ހަ ވަނަ ދުވަހު އިއްވުމަށް ހަމަޖެހިފައި ވާއިރު، މި އަހަރަކީ، ރިޔާސީ އިންތިހާބު އޮންނަ އަހަރުވެސް މެ އެވެ. އިންތިހާބު ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން މިހާރު ތާވަލް ކޮށްފައި ވާއިރު، ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓު ހޮވުމަށް މިމަހުގެ 28 ވަނަ ދުވަހު ޕްރައިމެރީ ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. 

މި ޕްރައިމެރީގައި، ރައީސް ސޯލިހު އާއި ވާދަކުރައްވަނީ، އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެވެ. 

މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވާއިރު، އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން ހުންނެވީ، ވ. އާރަށުގެ ހިޔާނާތުގެ މައްސަލަ ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރެއްވުމަށް މާފުށީ ޖަލުގަ އެވެ. އެހެން ކަމުން މި އަހަރުގެ ރިޔާސީ އިންތިހާބު އިއްވާދުވަހު އިދިކޮޅު ފަރާތްތަކުން އެ ޖަލްސާ ބޮއިކޯޓް ކުރާނެ ކަމަށް ވަނީ ބެލެވިފަ އެވެ. 

އަންނަ މަހުގެ ހަ ވަނަ ދުވަހު އިއްވަވާ ރިޔާސީ ބަޔާނަށް، މަޖިލީހުގެ އެންމެ ގިނަ މެމްބަރުން ތިއްބަވާ އިދިކޮޅު ޕާޓީއިން ޖަވާބުދާރީ ވާންވެސް ޖެހޭނެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް