މި ދަތުރުފުޅުގައި އެމަނިކުފާނު ރާއްޖެއަށް ވަޑައިގެންނެވީ މިދިޔަ އާދިއްތަ ދުވަހު އެވެ. އެމަނިކުފާނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެންމެ ފުރަތަމަ މަރުހަބާ ދެންނެވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ.
ބޮޑުވަޒީރަށް ރަސްމީ ގޮތުން މަރުހަބާ ދެންނެވުމުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ، އިއްޔެ ޖުމްހޫރީ މައިދާނުގަ އެވެ. ކެމްބޯޑިއާގެ ބޮޑުވަޒީރު މާލެއަށް ފައިބާވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ރައީސް ސޯލިހު އެވެ. ބޮޑުވަޒީރު ޑަޔަސްއަށް އަރާވަޑައިގަތުމާއެކު، އެމްއެންޑީއެފް އިން ވަނީ ހަތް ބަޑީގެ ސަލާމެއް އަރުވާފަ އެވެ. އަދި ކެމްބޯޑިއާއާއި، ރާއްޖޭގެ ގައުމީ ސަލާމް ކުޅުނެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅުގެ ތެރެއިން ރާއްޖެއާއި ކެމްބޯޑިއާ އާއި ދެމެދު ހަ އެއްބަސްވުމެއްގައި ވަނީ ސޮއި ކޮށްފަ އެވެ. އެއަށްފަހު ރައީސް ސޯލިހު އާއި ބޮޑުވަޒީރު ވަނީ ގުޅިފައިވާ ބަޔާނެއް ދެއްވާފަ އެވެ.
ކެމްބޯޑިއާގެ ބޮޑުވަޒީރު ދެއްވި ބަޔާނުގައި ވަނީ ކެމްބޯޑިއާގެ ދިފާއީ ބާރުތަކަށް ރާއްޖޭގައި ހިންގާ ޑައިވް ޓްރެއިނިން ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ދެއްވި ކަމަށްޓަކައި ރައިސް އަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ކެމްބޯޑިއާގެ މަތީ ތައުލީމު ދޭ ތަންތަނުގައި ދިވެހި ދަރިވަރުންނަށް ކިޔެވުމަށް 10 ސްކޮލަޝިޕް ފުރުސަތެއް ދިނުމަށް ކެމްބޯޑިއާ ސަރުކާރުން ނިންމާފައިވާކަން ވެސް ބޮޑުވަޒީރު އިއުލާނު ކުރެއްވި އެވެ.
މީގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ކެމްބޯޑިއާގެ ބޮޑުވަޒީރުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވާފަ އެވެ. އެ ބައްދަލުވުމުގައި ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅަކީ ރާއްޖެއާއި ކެމްބޯޑިއާއާ ދެމެދު އޮތް ގާތް ރަހުމަތްތެރިކަމުގެ ގުޅުން ދައްކުވައިދޭ ދަތުރުފުޅެއް ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.
ރާއްޖެއާއި ކެމްބޯޑިއާއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކޮށްފައިވަނީ 1995 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު އެވެ.