އޮޑިޓް އޮފީހުން އާއްމު ކޮށްފައިވާ ރިޕޯޓުގައި މާލިއްޔަތު ގަވައިދާއި ހިލާފަށް ގިނަ ކަންކަން ހިންގާފައި ވާކަން ވަނީ ފާހަގަ ކޮށްފަ އެވެ. އަދި އެކަންކަން އިސްލާހު ކުރުމަށް އެ ކައުންސިލަށް އޮޑިޓް އޮފީހުން ވަނީ އަންގާފަ އެވެ.
އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި އެ ކައުންސިލުން 2020 ވަނަ އަހަރު ހުއްދަދޭ ފޮތް ނުވަތަ ފޯމު ފުރިހަމަ ނުކޮށް 4،545،183 ރުފިޔާގެ ހިދުމަތާއި ތަކެތި ވަނީ ހޯދާފަ އެވެ. އަދި މި ތަކެއްޗާއި ހިދުމަތްތަކަކީ، އެ ކައުންސިލަށް ކޮންމެހެން ބޭނުން ޖެހިގެން ހޯދާފައިވާ ތަކެއްޗާއި ހިދުމަތް ނޫން ކަމަށާއި، މިކަން ކޮށްފައިވަނީ، ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ބޭނުންކޮށް ވަކި ފަރާތަކަށް މާލީ މަންފާއެއް ހޯދައިދިނުމަށް ކަމަށްވެސް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.
ރިޕޯޓުގައި އިތުރަށް ފާހަގަ ކޮށްފައިވާ ކަންކަމުގެ ތެރޭ ކައުންސިލުން މުދާ ބަލައިގަތުމުގައި ގަވައިދާއި އެއްގޮތަށް އަމަލުކޮށްފައި ނުވާ ކަމަށާއި، އެގޮތުން މުދަލަށް އޯޑަރު ކުރާ ފޮތުގައި ލިޔެ އަދި ސޮއި ނުކޮށް ޖުމްލަ 3،528،797 ރުފިޔާ 2020 ވަނަ އަހަރު ހަރަދު ކޮށްފައިވާ ކަމަށާއި، އެކަމާއި ގުޅިގެން ލިބުނު މުދާ ހަމައަށް ލިބުނުކަން އަދި ލިބުނު މުދަލަކީ ބޭނުންކުރެވޭ ހާލަތުގައި ހުރި މުދާކަން ކަށަވަރު ނުކުރެވޭ ކަމަށް ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފަ އެވެ.
ދައުލަތުގެ މާލިއްޔަތު ގަވައިދުގައި 35،000 ރުފިޔާ އަށްވުރެ މުދަލުގެ އަގު ނުވަތަ ހިދުމަތުގެ އަގު ބޮޑުވާނަމަ ބީލަމަށް ހުށަހަޅައިގެން އެކަންކަން ކުރިއަށް ގެންދިއުމަށް އަންގާފައި ވީނަމަވެސް އުނގޫފާރު ކައުންސިލުން 2020 ވަނަ އަހަރު 14 ޕޭމަންޓު ވައުޗަރަކަށް ޖުމްލަ 3،092،791 ރުފިޔާ ބީލަމަށް ހުށަނާޅާ ހަރަދު ކޮށްފައިވާ ކަމަށްވެސް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފަ އެވެ.
މީގެ އިތުރުން އެކައުންސިލުން މާލިއްޔަތު ގަވައިދާއި ހިލާފަށް ކުރި ކަންކަމުގެ ތެރޭ، ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ބިންތައް ކުއްޔަށް ދިނުމާއި ގުޅޭ ލިޔުންތައް ހުށަހަޅާފައި ނުވުމާއި، ފައިސާ ލިބޭ ކަންކަމުގެ ދަފްތަރު އަދާހަމަކޮށްފައި ނުވުމާއި، އިދާރާގައި ބެހެއްޓި ފައިސާ ލިޔެ އެ ބަލަހައްޓާފައި ނުވާކަމަށް ވަނި ފާހަގަ ކޮށްފަ އެވެ.
މީގެ އިތުރުން ބޭންކް ބާކީ އަދި ބޭންކް ރިކޮންސިލިއޭޝަން ތައްޔާރު ކޮށްފައިނުވާ އިރު، ސޮޓްކް ބާކީ ބަލަހައްޓާ އެ ތަކެތި އަދާހަމަކޮށްފައި ނުވާކަމަށް ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފަ އެވެ. އަދި އުނގޫފާރު ކައުންސިލް އިދާރާގެ ބިޑް ކޮމިޓީ ފިނޭންސް މިނިސްޓްރީގައި ރަޖިސްޓަރީ ވެފައި ނުވާތީ އެކަންވެސް އޮޑިޓާ ޖެނެރަލްވަނީ ފާހަގަކުރައްވާފަ އެވެ.