ads
މިނިސްޓަރު ފައްޔާޒު އިސްމާއިލް--
މަސް ނިމުނުއިރު ވެސް ކުޑަ އުޖޫރަ އިއުލާންނުކުރެވުމުން މިނިސްޓަރު މައާފަށް އެދިއްޖެ
ފެބްރުއަރީ މަސް ނިމުމުގެ ކުރިން އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖެއް ކަނޑައަޅުއްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުުމަށް ފަހު، މަސް ނިމުނުއިރު ވެސް އެކަން ކުރެވިފައި ނުވާތީ މިނިސްޓަރު މައާފަށް އެދިވަޑައިގެންފި އެވެ.
Advertisement

އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ. އެ މަސައްކަތް ހަވާލު ކުރައްވާފައި ވަނީ މިނިސްޓަރު ފައްޔާޒުއާ އެވެ. 

މި ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު ފައްޔާޒު ވިދާޅުވެފައި ވަނީ ފެބްރުއަރީ މަސް ނިމުމުގެ ކުރިން އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް ފަހު އިއުލާން ކުރައްވާނެ ކަމަށެވެ. ނަމަވެސް އިއްޔެ ފެބްރުއަރީ މަސް ނިމިގެންދިޔައިރު ވެސް އެންމެ ކުޑަ އުޖޫރަ ކަނޑައެޅިފައި ނުވާތީ ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ. 

މިނިސްޓަރު ފައްޔާޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެންމެ ކުޑަ އުޖޫރަ އިއުލާންކުރަން ވިދާޅުވި ތާރީހު ފަހަނަ އަޅާ ގޮސްފައިވާ ކަމަށާއި ނަމަވެސް އެކަން ކުރެވިފައި ނުވާތީ މައާފަށް އެދޭ ކަމަށެވެ. 

އިތުރަށް މިނިސްޓަރު ވިދާޅުވީ ފެބްރުއަރީ މަސް ނިމުމުގެ ކުރިން އެ މަސައްކަތް ކުރެވޭނެ ކަމަށް އުއްމީދު ކުރެވުން ކަމަށެވެ. 

މިނިސްޓަރު ކުރިން ވިދާޅުވީ މިނިމަމް ވޭޖާ ގުޅޭ ގޮތުން ލިބިފައިވާ ލަފަ އާއި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާނެ އަދަދަކާއެކު މި މަސް ނިމުމުގެ ކުރިން އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ލިބޭނެ އަދަދު އިއުލާން ކުރައްވާނެ ކަމަށެވެ. ނަމަވެސް އެއީ ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ދަށުން ކުރާ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ. 

ވަޒީފާ އަދާ ކުރާ މީހަކަށް އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދެވޭނެ އަދަދު ކަނޑައެޅުމަށްޓަކައި ވަޒީފާއާ ބެހޭ ގާނޫނަށް މިހާރު ވަނީ އިސްލާހު ވެސް ހުށަހަޅާފަ އެވެ.

އެމްޑީޕީގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސާ މަޖިލީހަށް ހުށަހަޅުއްވާފައިވާ މި އިސްލާހުގައި ވަނީ މި އިސްލާހު ފާސްވުމުން "މިނިމަމް ވޭޖު އެޑްވައިޒަރީ ބޯޑު"ގެ ނަމުގައި ބޯޑެއް އުފައްދާ ބޯޑުގެ ލަފާގެ މަތިން އެންމެ ކުޑަ އުޖޫރަ ކަނޑައަޅާނީ އިކޮނޮމިކް މިނިސްޓަރު ކަމަށެވެ.

މި އިސްލާހު ފާސްވާތާ އެއް މަސް ދުވަސް ތެރޭގައި ލަފާދޭ ބޯޑު އެކުލަވާލުމަށް އިސްލާހުގައި ވަނީ ލާޒިމްކޮށްފަ އެވެ. ބޯޑުގެ ކުރަން ޖެހޭ މަސައްކަތްތަކުގެ ތެރޭގައި ކުޑަ އުޖޫރަ ދިނުމާއި ގުޅޭ ސިޔާސަތުތަކާއި މިންގަނޑުތަކާއި ހަމަތައް ދިރާސާކޮށް މިނިސްޓަރަށް ލަފާ ދިނުމާއި، އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ކަނޑައަޅާ އަދަދު ކޮންމެ ދެ އަހަރަކުން މުރާޖައާ ކުރުމާއި އެ އަދަދާ ގުޅޭ ގޮތުން މިނިސްޓަރަށް ލަފާ ދިނުން ހިމެނެ އެވެ. ދިމާވާ އިގްތިސޯދީ ހާލަތަކާ ގުޅިގެން ދެ އަހަރު ކުރިން ވެސް އެންމެ ކުޑަ އުޖޫރަ މުރާޖައާ ކުރެވިދާނެ ކަމަށް ވެސް އިސްލާހުތަކުގައި ވެއެވެ. 

އެންމެ ކުޑަ އުޖޫރަ ދޭ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ އިމާރާތްކުރުމުގެ ދާއިރާ، މަސްވެރިކަމުގެ ދާއިރާ، ޓޫރިޒަމްގެ ދާއިރާ، ތައުލީމީ ދާއިރާ، ދަނޑުވެރިކަމުގެ ދާއިރާ އަދި ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ދާއިރާ އެވެ. 

އެންމެ ކުޑަ އުޖޫރަ ދިނުން އަވަސް ކުރުމަށް ރައީސް ސޯލިހު ވަނީ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާ ގުޅޭ ގޮތުން ލަފާދޭނެ ބޯޑެއް މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި އެކުލަވާލައްވާފަ އެވެ. މި ބޯޑުން ވަނީ ރާއްޖޭގައި ދެވޭ އެންމެ ކުޑަ އުޖޫރައަކީ 6،400 ރުފިޔާ ކަމުގައި ހަަމަޖެއްސުމަށް މިނިސްޓަރަށް ލަފާ ވެސް ދެއްވާފަ އެވެ. އަދި މިނިސްޓަރު ވަނީ މި އަދަދާއި މެދު ރައްޔިތުންގެ މަޖިލީހުގެ ލަފަޔަކަށް މިހާރު އެދިވަޑައިގެންފަ އެވެ. 

މިނިމަމް ވޭޖް އަދިވެސް މާ ކުޑައޭ ބުނެ ދެކެވޭ ވާހަކަތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވަނީ މިނިމަމް ވޭޖް އާއި ލިވިން ވޭޖަކީ ވަރަށް ތަފާތު ދެ އެއްޗެއް ކަމަށާއި ދުނިޔޭގެ އެއްވެސް ގައުމެއްގައި ލިވިން ވޭޖް ނުވަތަ މީހެއްގެ ދިރިއުޅުމުގެ ހުރިހާ ހަރަދެއް ހަމަޖެއްސޭ ވަރުގެ އުޖޫރައެއް ދޭން ލާޒިމް ނުކުރާ ކަމުގައެވެ. 

މީގެ ކުރިން މިނިސްޓަރު ވަނީ މިނިމަމް ވޭޖް ފަށައި ގަންނަ އިރު ބިދޭސީން ނުހިމެނޭނެ ކަމަށާއި މިހާރު ހުށަހަޅާފައިވާ ރޭޓުން ބިދޭސީންގެ މުސާރަ އިތުރު ކުރި ނަމަވެސް ލޯ ސްކިލްޑް ލޭބަރުންގެ މުސާރަ ގާތްގަނޑަކަށް ދެ ގުނަ އިތުރުވެގެން ދާނެ ކަމަށް ވިދާޅުވެފަ އެވެ. 

އެގޮތުން ވިދާޅުވީ ދިވެހިންނާއި ބިދޭސީންނަށް އެއް ހަމަޔެއްގައި މިނިމަމް ވޭޖް ކަނޑައެޅުމަކީ އެންމެ ރަނގަޅު ގޮތް ކަމަށާއި އެހެން ނަމަވެސް ބިދޭސީން އިސްތިސްނާ ކުރުމަކީ މައްސަލައެއް ނޫން ކަމަށް އިންޓަނޭޝަނަލް ލޭބަ އޯގަނައިޒޭޝަން (އައިއެލްއޯ) އިން ވެސް ލަފާ ދީފައިވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް