ads
މިއަދުގެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ވާހަކަ ދައްކަވަނީ---
ވިހި ރަށެއްގެ ސިއްހީ ދާއިރާގެ ޕީއެސްއައިޕީ ޕްރޮޖެކްޓްތައް ކައުންސިލްތަކަށް!
ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލްތައް ބާރުވެރިކުރުމުގެ ގޮތުން ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން ވިހި ރަށެއްގެ ސިއްހީ ދާއިރާއާ ގުޅޭ ޕީއެސްއައިޕީ މަޝްރޫއުތައް ހިންގަން އެރަށްރަށުގެ ކައުންސިލްތަކާއި ހަވާލުކޮށްފި އެވެ.
Advertisement

މި ޕްރޮޖެކްޓްތައް ހިންގުން ކައުންސިލުތަކާއި ހަވާލުކޮށް އެކަމުގައި އެއްބަސްވުންތަކުގައި ސޮއިކޮށްފައި ވަނީ މިއަދު މިނިސްޓްރީގައި އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. 

ރާއްޖޭގެ އިދާރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި 8 ވަނަ އިސްލާހާ އެކު ފަސް މިލިއަން ރުފިޔާއިން ދަށުގެ މަޝްރޫއުތައް ހިންގުން ކައުންސިލްތަކާ ހަވާލުކުރުން ވަނީ ކަނޑައަޅާފަ އެވެ. 

އެގޮތުން ފަސް މިލިޔަން ރުފިޔާއިން ދަށުގެ ވިހި މަޝްރޫއު ހިންގުމަށް ވިހި ކައުންސިލަކާ ހަވާލު ކުރެވޭނުއިރު މި މަޝްރޫއުތަކަށް 48.1 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. 

ސިއްހީ ދާއިރާގެ ޕީއެސްއައިޕީ ޕްރޮޖެކްޓްތައް ހިންގަން ކައުންސިލްތަކަށް ހަވާލުކުރި ރަށްތައް:

- ހއ. މާރަންދޫ، ހއ. ފިއްލަދޫ، ހއ. ވަށަފަރު، ހދ. ވައިކަރަދޫ، ހދ. މަކުނުދޫ، ހދ. ފިނޭ، ނ. ކެނދިކުޅުދޫ، ރ. ހުޅުދުއްފާރު، ރ. ވާދޫ، އއ. ފެރިދޫ، އދ. ދިގުރަށް، އދ. ދަނގެތި، މ. މުލައް، ލ. މާމެންދޫ، ގއ. މާމެންދޫ، ގއ. ދެއްވަދޫ، ގއ. ނިލަންދޫ، ގދ. ފިޔޯރީ، ގދ. މަޑަވެލި އަދި ސ. ހުޅުދޫ އެވެ.

ހެލްތު މިނިސްޓްރީން ބުނި ގޮތުގައި މިމަޝްރޫޢުތަށް ހަވާލުކުރެވިފައި ވަނީ ކުރެހުންތަކާއި ބީއޯ.ކިއު އަދި ޓެންޑާ ޑޮކިއުމަންޓްތައް ތައްޔާރުކޮށް އެޑޮކިއުމަންޓްތަކާއެކު އެވެ.

އޭގެ އިތުރުން މި މަޝްރޫއުތަކަށް އިއުލާނުކޮށް ޓެންޑަރިން ޕްރޮސެސް ކުރިއަށް ގެންގޮސް ކޮންޓްރެކްޓަރަކާއި ހަވާލުކޮށް މަސައްކަތް ކުރިއަށް ގެންދާނީ ސީދާ ކައުންސިލްތަކުން ކަަމަށާއި ނަމަވެސް މި ހުރިހާ މަޝްރޫއުތަށް ކުރިއަށް ގެންދިޔުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި ކޮލިޓީ ކޮންޓްރޯލް ކުރުމުގެ ހުރިހާ މަސައްކަތެއް ކުރާނީ މިނިސްޓްރީންނެވެ. 

އެ ރަސްމިއްޔާތުގައި ހެލްތު މިިިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ވިހި ކައުންސިލާއި މިއަދު ހަވާލުކުރެވުނު، ޕީއެސްއައިޕީ ހުރިހާ ޕްރޮޖެކްޓްތަކަކީވެސް، ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮޖެކްޓްތަކުގެ ތެރޭގައި ހިމެނޭ މަޝްރޫއުތަކެއް ކަމަށެވެ. އަދި މިއީ ބީއޯކިއު މަސައްކަތްތައް ނިމި، އިއުލާން ކުރުމަށްޓަކައި ވާންޖެހޭ، ތައްޔާރީތައްވެ ކުރެހުންތައް ވެސް ނިމި މިއަދު ވެސް އިއުލާންކުރެވޭ ހިސާބުގައިވާ މަޝްރޫއުތަކެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ އިތުރުން މިނިސްޓަރު ވިދާޅުވީ މިއަދަކީ ރާއްޖޭގެ ކައުންސިލްތައް އުފެދި ކައުންސިލްތަކުގެ މަސްއޫލިއްޔަތުތައް ހަވާލު ކުރެވި، ކައުންސިލްތަކަށް އެބޭފުޅުންގެ މަސްއޫލިއްޔަތުގެ އަދާކުރުމުގެ ހަގީގީ ބާރު ލިބިގެންދާ ދުވަހެއް ކަމަށެވެ. 

އަދި އިތުރަށް ވިދާޅުވީ ސިއްހީ ދާއިރާ ކުރިއެރުވުމަށް މަސައްކަތް ކުރާނީ ލާމަރުކަޒީ ނިޒާމުގެ ފޮނި މީރުުކަން ރައްޔިތުންނަށް ލިބޭނެ ގޮތަށް ކަމަށެވެ.

މިނިސްޓަރު އަމީން ވިދާޅުވީ، މިވެރިކަން އައިއިރު ވެސް ރާއްޖޭގެ ސިއްހީ ދާއިރާގައި ގިނަ ގޮންޖެހުންތަކެއް ހުރިކަމަށާއި އެހެންކަމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވަނީ އަތޮޅު ތެރޭގެ ސިއްހީ ހިދުމަތް ރަނގަޅު ކުރުމުގެ މަސައްކަތް ފައްޓަވާފައި ކަމަށެވެ.

އޭގެ އިތުރުން ވެސް މިނިސްޓަރު ވިދާޅުވެފައި ވަނީ ސިއްހީ ގޮތުން ދުނިޔެ ކުރިއަރައިގެން އަންނައިރު މާލެއަށް ސިއްހީ ހިދުމަތް ހޯދުމަށް އަންނަންޖެހޭ ޖެހުން ކުޑަކޮށް، އަތޮޅު ތެރޭގައި ރަނގަޅު ސިއްހީ ހިދުމަތެއް ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ މުހިއްމު އަމާޒެއް ކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް