ދިވެހިރާއްޖޭގެ ހައިކޯޓުން ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް ޝާތިރު ކުރިމަތިލައްވާފައިވާކަން ޖޭއެސްސީން އިއުލާން ކުރީ މީގެ ބަރާބަރު ދެ މަސް ދުވަސް ކުރިން، 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ. މިދިޔަ އަހަރުގެ ނޮވެންބަރު މަހު، ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ޝާތިރާއެކު ފަސް މީހަކު ކުރިމަތިލީކަން ޖޭއެސްސީންވަނީ އިއުލާންކޮށްފައެވެ.
އޭގެ ފަހުން މިއަދާ ހަމައަށް އެ އިއުލާނާ ގުޅޭ ގޮތުން އެއްވެސް އިތުރު ކަމެއް ޖޭއެސްސީން އާއްމުކޮށްފައި ނެތި، މިއަދު ކުއްލިއަކަށް އިއުލާން ކުރީ ޝާތިރުގެ ސުލޫކީ މައްސަލައެއް ބަލަމުންދާ ކަމަށެވެ. މިއަދު ޖޭއެސްސީން އިއުލާންކުރީ، މީގެ ތިން ހަފްތާ ކުރިން ޝާތިރުގެ ސުލޫކީ މައްސަލައެއް ބަލަން އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ
ހައިކޯޓަށް ކުރިމަތި ލައްވާފައިވާ ޝާތިރުގެ ސުލޫކީ މައްސަލައެއް ބަލަން ނިންމިކަން ޖޭއެސްސީން މިއަދު ހާމަކުރިއިރު، ހައިކޯޓުން ހުސްވެފައިވާ އިތުރު ފަނޑިޔާރެއްގެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު މިއަދު ހަމަވާނެއެވެ. މި މަގާމަށް، ދެ މައްސަލައެއްގައި ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ކުރެއްވި، ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހްމަދު ޝަކީލް، ވަނީ ކުރިމަތިލައްވާފައެވެ.