އެ ދާއިރާއަށް އައި ހުސްކަމުގެ ތެރެއިން މިހާރު އަނެއްކާ ވެސް ރާއްޖެ މިސްރާބު ޖަހާފައި މިވަނީ ގައުމީ ޝިޕިން ލައިނާއެކު ކުރިން އެ އިންޑަސްޓްރީގައި ހޯދި ކާމިޔާބީ ތަކުރާރުކޮށް އެ ދާއިރާގައި ނަން ހިނގާ ގައުމަކަށް ރާއްޖެ ހެދުމަށެވެ.
މޯލްޑިވްސް ނޭޝަލް ޝިޕިން ލިމިޓެޑް (އެމްއެންއެސްއެލް) ހުއްޓި މެރިޓައިމް ދާއިރާ އަށް ގެނުވި 10 އަހަރުގެ ފަޅުކަމަށް ފަހުގައި ޝަރަފުވެރި ދިގު ތާރީހެއް އޮތް މެރިޓައިމް ދާއިރާއަށް އާ ދިރުމެއް ގެނައުމަށް އެސްޓީއޯ އާއި ސަރުކާރުން ވަނީ އަނެއްކާ ވެސް ގައުމީ ޝިފިން ލައިން، އުފަން ކުރުވުމަށް ފަހު "މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)" ގެ ދަތުރުތައް ފަށާފައެވެ.
މޯލްޑިވްސް ސްޓޭޓް ޝިޕިން އުފެއްދުމުގައި އެސްޓީއޯގެ ދައުރު
ބޮޑެތި ބާނިތަކުގެ ތެރެއިން މިކަން ހަގީގަތަކަށް ހެދުމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރުގެ ހުނަރުވެރި މޭސްތިރިކަން ކޮންމެހެންވެސް ފާހަގަކުރެވެއެވެ. އެމްއެސްއެސް ފެށުމަށް ހުށަހެޅުމުން، ގިނަ ބަޔަކު އެކަމަށް ފުރަތަމަ އިދިކޮޅު ހެދިއެވެ. އެއީ ޕެންޑަމިކްވެސް ހަމަ ފެށުނު ހިސާބަށްވުމާ އެކު، މިފަދަ އިންވެސްޓްމަންޓެއް އެ ވަގުތު ކުރުމަކީ، ގޯސް ވިސްނުމެއްކަމަށް ބުނެ ގިނަ ބަޔަކު ދިޔައީ ފާޑުކިޔަމުންނެވެ.
ސަބަބެއް ނެތިއެއްވެސް ނޫނެވެ. އެއީ މުޅި ދުނިޔެ ހުއްޓުމަކަށް އައި ވަގުތެވެ. ފާރަވެރިކަމާ އެކު ދެންވާނީ ކިހިނެއް ކަން ބަލަން އެންމެންވެސް ދުރުގައި މަޑުކޮއްލައިގެން ތިބި ވަގުތެވެ. އެހެންނަމަވެސް، މިފަދަ ފުރުސަތެއް ދެން ނައިސްފާނެކަމަށް ވިސްނިވަޑައިގެން، ޕެންޑަމިކާ ގުޅިގެން ދުނިޔޭގެ ކަންކަން އަވަސް ގޮތަކަށް ބަދަލުވަމުން އަންނަތަން ބަލަން ހުންނެވި ހުސެއިން އަމްރު، މިކަމަށް ރައްކާތެރިވި ނަމަވެސް، މިއީ މި އިންވެސްޓްމަންޓް ކުރުމަށް އެންމެ ރަނގަޅު އެއް ދަނޑިވަޅުކަމަށް ނިންމެވިއެވެ. އަދި ގިނަބަޔަކަށް އެކަން ވިސްނައިދެއްވިއެވެ. އޭރު ދިވެހިންގެ އަމިއްލަ ޝިޕިން ލައިނެއް ނެތުމުގެ ސަބަބުން، އަތްފޯރާވަރަށްވުރެ މަތިން، މި ހިދުމަތް ފޯރުކޮށްދެމުން އައި ބައެއް ފަރާތްތަކަށް، މިކަން ވެގެންދިޔައީ ބިރުވެރިކަމަކަށެވެ. އަދި ކުރިޔަށް އަތުވެދާނެ ގޮންޖެހުންތަކަށް ރައްކާތެރިވެ ހުރިހާލު، މި ދަތުރު އެސްޓީއޯއިން ފެށިއެވެ.
އަދި މި ދަތުރު ކުރިޔަށް ގެންދިއުމުގައި އަމްރާ އެކު ހަރަކާތްތެރިވާނެ ކުޅަދާނަ ބައިވެރިއެއްގެ ގޮތުގައި އެމްއެސްއެސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު އައްޔަން ކުރެވުނެވެ. މިއަދު އެމްއެސްއެސްއަކީ ގައުމުގެ އިގުތިސޯދު ކޮޅަށް ޖެހުމުގައި އަވަދިނެތި ހަރަކާތްތެރިވަމުން އަންނަ މުހިންމު ބައިވެރިއެކެވެ.
މެރިޓައިމް އިންޑަސްޓްރީ ސިނާއަތެއްގެ ގޮތުގައި މުހިންމު ވަނީ ކީއްވެ؟
އެމްއެސްއެސް އުފެދިގެން އައި ގޮތަށް ކުރުގޮތަކަށް އަލިއަޅުވާލައްވަމުން އެމްއެސްއެސްގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވީ އެމްއެސްއެސް އުފެދިގެން އައީ ރައީސް ސޯލިހުގެ އެއްބާރުލުމާ އެކު އެސްޓީއޯ މެދުވެރިކޮށް ކަމަށާއި އެސްޓީއޯ އިން ނިންމީ ޝިޕިން މަސައްކަތަށް ވަނުމަށް ކަމަށެވެ. ސައީދު ވިދާޅުވީ ރާއްޖޭގައި މައިގަނޑު އޮތީ ދެ ތިން އިންޑަސްޓްރީއެއް ކަމަށާއި އެ ކަންކަމުގެ އިތުރުން ތަފާތު އިންޑަސްޓްރީއެއްގެ ގޮތުގައި ހިމެނޭނެ އިންޑަސްޓްރީ އަކީ ޝިޕިން ކަމަށެވެ.
އަމިއްލަ ޝިޕިން ލައިނެއް އޮތުމުގެ މުހިންމުކަން ފާހަގަ ކުރައްވާ ސައީދު ނެންގެވީ ކޮވިޑުގެ ހާލަތުގައި މާކެޓަށް އައި ބަދަލެވެ. އެ ހާލަތުގައި ރާއްޖޭގައި އެ ވަގުތު ހުރި ވަރަށް ވެސް އަގުތައް ހިފެހެއްޓުނީ އެމްއެސްއެސް ސަބަބުން ކަން ފާހަގަކުރައްވާ އެމްޑީ ސައީދު ވިދާޅުވީ ކޮވިޑުގެ ހާލަތުގައި ދެ އަހަރަށް ވުރެ ގިނަ ދުވަސްވެގެން ދިޔައިރުވެސް އަދި މިއަދާ ހަމައަށްވެސް އެމްއެސްއެސްގެ ބޯޓުތަކުން ކޮލަމްބޯ - މާލެ، މާލެ - ކޮލަމްބޯ ދަތުރުތަކުގައި މުދާ އުފުލާފްރައިޓަށް އެއްވެސް ބަދަލެއް ނުގެންނަ ކަމަށެވެ.
އެންމެ ބޭނުންވި ވަގުތު ގައުމީ ޝިޕިން ލައިން ދުއްވީ ފައްސިޔަލުގައި
އެމްއެސްއެސް ވުޖޫދުކުރެވިގެން އައީ ކޮވިޑުގެ އާލަމީ ވަބާގެ ސަބަބުން ދަތި އުދަނގޫ ހާލަތެއްގައި ނަމަވެސް އެ ކުންފުނިން ބެލީ ރާއްޖެއަށް އެވަގުތަށް ބޭނުންވާނެ މުދާ ގެނައުމުގައި އަވަސްވެ ގަތުމަށެވެ. ބޯޓު އެއްކޮށް ބަރުވަންދެން އޭރު މަޑުނުކޮށް، ކުރި ދަތުރުތަކުގެ ތަޖުރިބާ ހިއްސާ ކުރައްވަމުން އެމްޑީ ސައީދު ވިދާޅުވީ އެމްއެސްއެސް އިން އޭރު ދުއްވަމުން ގެންދިޔައީ ޗާޓަރު ބޯޓެއް ކަމަށާއި ކޮވިޑުގެ ވަބާ ފެތުރިގެން ދިޔައިރު، ކޮންމެހެން ގެންނަން ޖެހިފައި ހުރި ސަލާމަތީ އާލާތްތަކާއި އެ ހާލަތުގައި ސަރުކާރުން ބޭނުންވި ހުރިހާ ސާމާނެއް ވެސް ދިޔައީ ގެންނަމުން ކަމަށެވެ.
ސައީދު ވިދާޅުވީ ހުރިހާ ތަނެއް ލޮކްޑައުން ވެފައި އޮތް ނަމަވެސް، ރާއްޖެއަށް އެ ވަގުތު ކޮންމެހެން ބޭނުންވި މެޑިކަލް ކޮންސިއުމަބަލްސް އަދި އެނޫން ވެސް އެހެން ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެއްޗާއި ހަނޑޫ، ހަކުރު، ފުށް ކަހަލަ ކާބޯތެއްޗަށް ދަތިނުވެ ކޮންމެ 10 ދުވަހަކުން ދަތުރެއް ކުރި ކަމަށެވެ. ކޮވިޑްގެ ސަބަބުން މުދާ މަދުވީމާ ދަތުރު ލަސް ކުރުމަކީ އެ ކުންފުނިން ކުރަން ބޭނުންވި ކަމެއް ނޫން ކަމަށާއި އެމްއެސްއެސްގެ އެންމެ ބޮޑު އަމާޒަކަށްވީ ގައުމަށް ބޭނުންވާ ކަންތައްތައް، އެ ބޭނުންވާ ދަނޑިވަޅުގައި ކޮށްދިނުން ކަމަށް ސައީދު ވިދާޅުވިއެވެ. އަދި މިކަން ކުރުމުގައި އެމްއެސްއެސްއަށް އިރުޝާދު ދެމުން އައިސްފައިވަނީ އެސްޓީއޯގެ އެމްޑީ އަމްރުއެވެ.
ގައުމީ ޝިޕިން ލައިން: ދިވެހި ވިޔަފާރިވެރިންނާ އެކު
އެމްއެސްއެސްގެ މައިގަނޑު ކަސްޓަމަރުންނަކީ ދިވެހި ވިޔަފާރިވެރިންނަށް ވުމާ އެކު ކުންފުނީގެ މައިގަނޑު ވިސްނުންތައް ހުރީ ވެސް އެ ވިޔަފާރިތަކާ އެކުގައެވެ. އެމްޑީ ސައީދު ވިދާޅުވީ އެމްއެސްއެސް އިން މަސައްކަތް ކުރަމުން އަންނަނީ ވިޔަފާރިވެރިންނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަތިނުވެ މުދާ ގެނައުމުގެ ފުރުސަތު ހޯދައިދިނުމަށެވެ.
އެ ކުންފުނީގެ ސީދާ ދަތުރުތައް ކޮލަމްބޯ - މާލެ ދެމެދުގައި ކުރި ނަމަވެސް ދުނިޔޭގެ ކޮންމެ ހިސާބަކުން ވެސް މުދާ ގެނައުމުގެ ފުރުސަތު ލިބޭނެ ގޮތަށް އެމްއެސްއެސްގެ ނެޓްވޯކެއް ބިލްޑްކޮށް، ނެޓްވޯކް ތަރައްގީކޮށް، އެޖެންޓުންތައް އެކިއެކި ބަނދަރުތަކަށް ކަނޑައަޅައިގެން އެ މަސައްކަތް ކުރަމުން އަންނަކަމުގައި އޭނާ ވިދާޅުވިއެވެ.
އެމްއެސްއެސް އިން ތިން ބޯޓު ދުއްވާއިރު އޭގެ ތެރެއިން ދެ ބޯޓަކީ، ކޮންޓެއިނަރު ދެ ބޯޓެވެ. ކޮންޓެއިނަރު ބޯޓުތަކުގެ ސަބަބުން ދަތުރުގެ ފްރިކުއެންސީ އަވަސްވާކަން ފާހަގަކުރައްވާ ސައީދު ވިދާޅުވީ މިއަދު އެ ކުންފުނީގެ ބޯޓުތަކުން ކޮންމެ 10 ދުވަހަކުން ދަތުރެއް ކުރާ ކަމަށާއި ކޮންމެ ފަސް ދުވަހަކުން ލޯޑިން އެއް އޮންނާތީ މުދާ ލިބުމުގައި އެއްވެސް ދަތިކަމެއް ދިމާ ނުވެ، ކުރިން މުދާ ލިބޭ ވަރަށް ވުރެ އަވަހަށް މިހާރު މުދާ ލިބޭނެ ކަމަށެވެ.
އެމްއެސްއެސް އުފެދިގެން އައިއިރު، މި ސިނާއަތުގެ ތެރޭގައި މަސައްކަތް ކުރަމުންދިޔަ ކުންފުނިތަކުން އެކި ނަންނަމުގައި ޗާޖުތައް ނަގަމުން ދަނިކޮށް ދިވެހި ވިޔަފާރިވެރިންނަށް ރަނގަޅުގޮތެއް ހަދައިދިނުމުގެ ބޭނުމުގައި ސަރުކާރުން އެ ކަންކަން މަނާ ކުރި ކަމަށާއި ޝިޕިން ފީއެއްގެ ގޮތުގައި ނަގާ 25 ޑޮލަރު ފިޔަވައި އިތުރު އެއްވެސް ޗާޖެއް އެމްއެސްއެސް ފަށައިގެން މި ވީހާ ދުވަހު ނުނަގާކަމަށް ސައީދު ވިދާޅުވިއެވެ. ސަރުކާރުގެ އެ ނިންމުން ވެގެން ދިޔައީ އެމްއެސްއެސް އުފެދިގެން އައި ދަނޑިވަޅާ ދިމާކޮށް ވިޔަފާރިވެރިންނަށް ލިބުނު ލުޔަކަށް ކަމަށާއި މުދާ އަގު ބޮޑުނުވެ އަގުތައް ހިފެހެއްޓިގެން ދިއުމަށް އެޅުނު އިތުރު ފިޔަވަޅަކަށް ކަމަށް އެމްޑީ ވިދާޅުވިއެވެ.
ގައުމީ ޝިޕިން ލައިން: އަމިއްލަ ތިން ބޯޓާ އެކު، ހިދުމަތުގައި
އެމްއެސްއެސްގެ އަމިއްލަ ތިން ބޯޓެއް އޮންނައިރު، އޭގެ ތެރެއިން ދެ ބޯޓަކީ ކޮންޓެއިނަރު އުފުލުމަށް ހާއްސަ ދެ ބޯޓެވެ. އެމްއެސްއެސް ގަލޭނާ އަދި އެމްއެސްއެސް ގްރެފީން އަކީ އެއް ޔާޑެއްގެ އެއް ސައިޒެއްގެ އެއްގޮތަކަށް ބަނދެފައިވާ ދެ ބޯޓަށްވާއިރު، އެއިން ކޮންމެ ބޯޓަކަށް ވެސް 680 ކޮންޓެއިނަރު އަރާނެކަމަށާއި ދެ ބޯޓުގެ ޖުމްލަ ކެޕޭސިޓީ އަކީ 1،360 ކަމަށް ސައީދު ވިދާޅުވިއެވެ. ސައީދު ވިދާޅުވީ އެއިން ކޮންމެ ބޯޓެއްގައި 16 ކްރޫން އުޅޭއިރު، ކޮންޓެއިނަރު ދެ ބޯޓުގައި ޖުމްލަ 32 ކްރޫން އުޅޭ ކަމަށެވެ.
އެމްއެސްއެސްގެ އެމްއެސްއެސް ކްރޯމް އަކީ ބަލްކް ކެރިއާ އެއް ނުވަތަ ވަތަށް ކާގޯ ފައްތައިގެން ގެންނަ ބޯޓެއް ކަމަށާއި އެ ބޯޓުން 43،000 ޓަނުގެ މުދާ އުފުލޭނެ ކަމަށާއި މައިގަނޑުގޮތެއްގައި އެ ބޯޓް ހާއްސަކޮށްފައިވަނީ ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ބޭނުންވާ މެޓީރިއަލްސް އެތެރެ ކުރުމަށް ކަމަށްވާއިރު، ބޯޓު ދަތުރު ކުރަމުން ދަނީ ޔޫއޭއީ އާއި ރާއްޖެ އާ ދެމެދުގައެވެ. ދިގުމިނުގައި 190 މީޓަރު ހުންނަ އެބޯޓުގައި 25 ކްރޫން މަސައްކަތް ކުރާއިރު އެ އަދަދަށް ކްރޫން ބޭނުންވަނީ އެ ބޯޓަކީ ބޮޑު ބޯޓަކަށް ވާތީ ކަމަށް ސައީދު ވިދާޅުވިއެވެ.
އެމްއެސްއެސް އިން ކުރަމުން އަންނަނީ ކޮންޓެއިނަރު ޝިޕިންގެ ވިޔަފާރިކަން ފާހަގަކުރައްވާ ސައީދު ވިދާޅުވީ ކޮންޓެއިނަރަކީ އެކި ތަންތަނަށް ހުއްޓަމުން، ޓްރާންސްޝިޕްމެންޓް ކުރަމުން ދަތުރުކުރާ އެއްޗެއް ކަމުން ކޮންމެ ދޭތެރެއަކަށް ތަފާތު ލައިނެއް ބޭނުންކުރެވިދާނެ ކަމަށާއި އެ ހިދުމަތް ދިނުމަށް ކޮންމެހެން އަމިއްލަ ބޯޓުތައް އޮންނަން ނުޖެހޭ ކަމަށެވެ.
"އެހެންވެ ކުންފުނިން މަސައްކަތް ކުރަމުން ދަނީ އެހެން ލައިނާސްތަކާ ވާހަކަ ދެކެވި އެއްބަސްވުންތައް ހަދައިގެން. އެމްއެސްއެސް އިން ދާއިރާ އަށް ވަނުމަށް ޓަކައި ނިންމީ ރާއްޖޭގެ ގިނަ މުދާތައް އެއް ވާ ހަބަކީ ކޮލަމްބޯ ކަމަށްވާތީ، ކޮލަމްބޯ ގައި މުދާ ތާށިނުވެ، ރާއްޖެ އަށް ބޭނުންވާ މުދާ އެތަނުގައި މަޑުނުޖެހި، ގެނެވޭނެ ގޮތެއް ހޯދުމަށް. އެގޮތުގެ މަތިން ކޮލަމްބޯ - މާލެ ދޭތެރޭގައި ކޮންޓެއިނަރު ބޯޓުގައި ކުރަން ފެށި ދަތުރު މިހާރު އިތުރަށް ވަނީ ފުޅާކުރެވިފައި. މި ސަރަހައްދު ނޫން ސަރަހައްދުތަކުން މުދާ ގެނައުމަށް އެހެން ކުންފުނިތަކާ އެކު ވެސް ދަނީ މަސައްކަތް ކުރަމުން،" އެމްޑީ ސައީދު ވިދާޅުވިއެވެ.
މިހާރު ދަތުރުތައް މާލެ - ކޮލަމްބޯ - ޓުޓިކޮރިން - މާލެ އަށް ކުރަމުންދާތީ އިންޑިއާ އިން ވެސް މުދާ ގެނެވޭނެ ކަމަށާއި އެގޮތަށް އެ މަސައްކަތް ކުރިޔަށް ގެންދިއުމުން މުދާ ލަސްނުވެ ގެނައުމުގެ ފުރުސަތު ބޮޑު ކަމަށް ސައީދު ވިދާޅުވިއެވެ. މާލެ - ކޮލަމްބޯ އާ ދޭތެރޭ އެމްއެސްއެސްގެ ދަތުރުތައް ކުރަމުންދާއިރު، އެ ކުންފުނި ވަނީ ދުނިޔޭގެ ކޮންމެ ހިސާބަކުން ވެސް މުދާ ގެނެސްދިނުމަށް އޮތް ވަސީލަތަކަށް ހަދާފައި ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.
އެމްއެސްއެސްއިން ކޮންޓެއިނަރު ވިޔަފާރި އަށް ދިއުމުގެ އެންމެ ބޮޑު ސަބަބަކީ، ރާއްޖެ އަށް ބޭނުންވާ މުދަލުގެ ބޮޑުބައެއް ކޮންޓެއިނަރުގައި އެތެރެކުރެވޭނެތީ ކަމަށާއި މިވަގުތު ދުނިޔޭގައި ނިސްބަތުން މުދާ އުފުލުމުގައި އެންމެ އެފިޝިއެންޓްކޮށް ކުރެވޭ ވިޔަފާރި އަކީ ކޮންޓެއިނަރުގެ ވިޔަފާރި އަށް ވުމަކީ ވެސް އެ ވިޔަފާރި އަށް އެމްއެސްއެސް ވަނުމުގެ ސަބަބެއް ކަމަށް އެމްޑީ ސައީދު ވިދާޅުވިއެވެ.
ގައުމީ ޝިޕިންލައިން: ރާއްޖެ އަށް މުދާ އެތެރެ ކުރުމުގައި ބޮޑު ކުރިއެރުމެއް
- 2020 ވަނަ އަހަރު އެމްއެސްއެސްއިން އެތެރެ ކުރެވުނީ 2،393 ޓީއީޔޫ.
- 2021 ވަނަ އަހަރު އެ އަދަދު 10،316 އަށް އިތުރުވި. (އެއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު، 431.1 އިންސައްތައިގެ ކުރިއެރުމެއް)
- 2022 ވަނަ އަހަރު ގެ ޑިސެމްބަރު މަހާ ހަމައަށް 20،737 ޓީއީޔޫ. (އެއީ 2021 ވަނަ އަހަރާ އަޅާބަލާއިރު، 201 އިންސައްތައިގެ ކުރިއެރުމެއް)
އެއް އަހަރުން އަނެއް އަހަރަށް އެ ކުންފުނިން ކޮންޓެއިނަރު އުފުލުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާކަން ފާހަގަ ކުރައްވާ ސައީދު ވިދާޅުވީ އެ ކޮންޓެއިނަރުތަކުގެ ތެރޭގައި ރާއްޖެ އަށް އެތެރެ ކުރުން ހުއްދަ ކުރާ ހުރިހާ ބާވަތެއްގެ މުދާ ހިމެނޭނެ ކަމަށެވެ. މިހާތަނަށް އެއް ބާވަތެއްގެ މުދަލުގެ ގޮތުގައި އެންމެ ގިނަ އަދަދަކަށް ގެނެވިފައި ހުންނާނީ ކޮންސްޓްރަކްޝަން މުދާ ކަމަށާއި ކޮންމެ ދަތުރަކު 22،000 ޓަނު މުދާ ގެނެވޭ ކަމަށް އެމްޑީ ސައީދު ވިދާޅުވިއެވެ.
ގައުމީ ޝިޕިން ލައިން: ކުރު މުއްދަތަކުން ނަތީޖާ ދައްކުވައިދިން
ގައުމީ ޝިޕިން ލައިން ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވުނީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެސްޓީއޯގެ ފުރިހަމަ އެހީތެރިކަމާ އެކު، ކުންފުނި ހިނގައިގަނެ ބޯޓެއް ގެނެވުނީ އެ އަހަރުގެ އެޕްރީލު މަހުގެ ކުރީކޮޅުގައެވެ. މިވީ ކުރު މުއްދަތުގެ ތެރޭގައި އެމްއެސްއެސްއަށް ލިބުނު ކާމިޔާބީތައް ހިއްސާ ކުރައްވަމުން ސައީދު ވިދާޅުވީ، ކުންފުންޏަށް ލިބުނު އެންމެ ބޮޑު އަނެއް ކާމިޔާބީ އަކީ 2020 ވަނަ އަހަރުތެރޭގައި މާސްކް ޝިޕިން ލައިނާ އެކު އެއްބަސްވުމަކަށް އާދެވުން ކަމަށެވެ. ހަމަ އެ އާއެކު، އެ ފެންވަރުގެ ދެ ވަނަ ކުންފުންޏެއް ކަމަށްވާ ހެޕެގް-ލޮއިޑް އާ އެއްކޮށް ވެސް އެއްބަސްވުމަކަށް އާދެވުނު ކަމަށް ސައީދު ވިދާޅުވިއެވެ. އެމްއެސްއެސްގެ ދެ ބޯޓުގައި މާސްކްގެ އިތުރުން ހެޕެގް-ލޮއިޑް ފަދަ ބައިނަލް އަގުވާމީ އެމްއެލްއޯއެސްތަކުގެ ކޮލަމްބޯ - މާލެ ފީޑަ ހޯދުމުގެ ނަތީޖާއެއްގެ ގޮތުން އަހަރުން އަހަރަށް ބޮޑެތި ކުރިއެރުންތަކެއް ހޯދުނުކަން ސައީދު ފާހަގަ ކުރެއްވިއެވެ.
ތްރޫ ޕުޓް:
- 2020 ވަނަ އަހަރު 4،018 ޓީއީޔޫ.
- 2021 ވަނަ އަހަރު 22،083 ޓީއީޔޫ. މިއީ 2020 ވަނަ އަހަރާ އަޅާބަލާއިރު، 549.6 އިންސައްތައިގެ އިތުރުވުމެއް.
- 2022 ވަނަ 41،509 ޓީއީޔޫ. މިއީ 2021 ވަނަ އަހަރާ އަޅާބަލާއިރު، 188 އިންސައްތައިގެ އިތުރުވުމެއް.
އެންމެ ކުލަގަދަ އެއް ކާމިޔާބީ އަކީ 2021 ވަނަ އަހަރުގެ ނޮވެމްބަރު އެމްއެސްއެސްގެ އަމިއްލަ ބޯޓެއް ކަމަށްވާ އެމްއެސްއެސް ގަލޭނާ ގަތުން ކަން ފާހަގަ ކުރައްވާ ސައީދު ވިދާޅުވީ 2022 ވަނަ އަހަރު އިތުރު ދެ ބޯޓު އެމްއެސްއެސް ގެ ހިދުމަތަށް ގެނެވުނު ކަމަށެވެ. އެއީ އެމްއެސްއެސް ގްރެފީން އާއި އެމްއެސްއެސް ކްރޯމް ކަމަށާއި އެ ތިން ބޯޓުގެ އިތުރަށް އެމްއެސްއެސްގެ ފްލީޓުގައި ޗާޓަރުކޮށްފައިވާ ބޯޓަކާ އެކު ޖުމްލަ ހަތަރު ބޯޓެއް މިހާރު އޮވެއެވެ. މި ބޯޓުތައް އެމްއެސްއެސްއަށް ހޯދިފައިވަނީ އެސްޓީއޯ އަދި އެ ކުންފުނިގެ އެމްޑީ އަމްރުގެ ފުރިހަމަ އެއްބާރުލުމާއެކުއެވެ.
ކުޑަ ގައުމަކަށް ވިޔަސް ދާއިރާގައި އުހަށް ދިއުމުގެ ވިސްނުން
އެމްއެސްއެސްގެ ކުރިމަގާ ގުޅޭގޮތުން ކުރި ސުވާލަށް ސައީދު ދެއްވި ޖަވާބު ވަރަށް ސާފެވެ.
ރާއްޖޭގެ އިހުގެ މުޅި ޝިޕިން ލިމިޓެޑުން ވަނީ މަނީ ޝެއާ ގައި ފާހަގަކޮށްލެވޭ ވަނަ އެއް ހިފަހައްޓާފައި ކަމަށާއި އެމްއެސްއެސް އަށް ވެސް އެ ދިމާ އަށް ދެވޭނެކަމަށާއި ޝިޕިން އިންޑަސްޓްރީ އޮތީ ބަދަލުވެފައި ކަމަށާއި ދަނީ ވެސް ބަދަލުވަމުން ކަމަށް އެމްޑީ ސައީދު ވިދާޅުވިއެވެ. ކުރީގައި ކޮންޓެއިނަރު ޝިޕިން ނޯންނަ ކަން ހާމަކުރައްވާ ސައީދު ވިދާޅުވީ މިއަދު މަޝްހޫރުކޮށް، އަގުބޮޑުކޮށް ހިނގަނީ ކޮންޓެއިނަރު ޝިޕިން ކަމަށެވެ.
ޝިޕިން ދާއިރާއަށް ބަދަލުތައް އަންނަމުންދާކަން ފާހަގަ ކުރައްވާ ސައީދު ވިދާޅުވި ގޮތުގައި މޫސުމަށް މި އަންނަ ބަދަލުތަކާ ގުޅިގެން ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދު ކުރުމާއި އެ ފަދަ ކަންކަމަށް ރިއާޔަތްކޮށް ގަވާއިދުތަކަށް ބައިވަރު ބަދަލުތައް ގެންނަމުން ދާތީ އެކަންކަމާ މިހާރު ކުރިމަތިލާން ޖެހިފައިވާ ކަމުގައެވެ. އެ ކަމުން މުޅި އިންޑަސްޓްރީގެ ފޯމެޓް ބަދަލު ވެއްޖެ ކަމަށާއި ލެވެލް ކާގޯ އިން ކޮންޓެއިނަރަށް ބަދަލު ވި ފަދައިން މިހާރު ބަދަލުވާން އެ ފަށަނީ އިންޑަސްޓްރީގައި ބޭނުން ކުރާ ފިއުލް އާއި އެ ޒާތުގެ ކަންކަން ކަމަށް ސައީދު ވިދާޅުވިއެވެ.
"ދުނިޔޭގައި ފާހަގަކޮށްލެވޭ ކުންފުންޏަކަށް އެމްއެސްއެސްއިން ވާން އެދޭ ނަމަ، ކުރިއަރަން ބޭނުންވާ ނަމަ، އެ ބަދަލުތައް ގެންނަން ޖެހޭނެ. އަޅުގަނޑުމެންގެ ހުރިހާ މުވައްޒަފުންނާއި އަޅުގަނޑުމެންގެ ޕޭރެންޓެއްގެ ގޮތުގައި އެސްޓީއޯ، އަޅުގަނޑު ދެކެނީ އަޅުގަނޑުމެންނަށް އެކަން ހާސިލުވުން. އުންމީދަކީ ވެސް އެއީ. މަސައްކަތް ކުރަމުން މި ދަނީ އެ ދިމާލަށް،" ސައީދު ވިދާޅުވިއެވެ.
ގައުމީ ޝިޕިން ލައިން: ދާއިރާ އާ މެދު ސައީދުގެ ވިސްނުން
ސައީދު ދެކިވަޑައިގަންނަވާ ގޮތުގައި ޝިޕިން ދާއިރާ އަކީ ވަރަށް ސްކޯޕް ބޮޑު ދާއިރާއެކެވެ. މުދާ އޭގެ ޒާތުގައި ހަލާކުވާން މެދުވެރިވާ ކަންކަމަށް ބަލާއިރު، ކޮންޓެއިނަރުގައި މުދާ އުފުލުމަކީ ރައްކާތެރިކަން ބޮޑު އަދި ހަލުވިކަމާ އެކު ރާއްޖޭގައި ކުރެވިދާނެ މަސައްކަތެއް ކަމުގައި ވިދާޅުވިއެވެ. ސައީދުގެ ވިސްނުމުގައި ރާއްޖޭން ބޭރުން މުދާ ގެނައުމުގެ އިންތިޒާމުތައް ހުޅުވާލައިގެން ކުރިޔަށްދާ ނަމަ އަތޮޅުތަކުގެ މެދުގައި މުދާ އުފުލުމުގެ ނެޓްވޯކެއް އޮތުން މުހިންމެވެ.
ކުރިމަގުގައި ކުންފުނި ކުރިއަރައިގެން ގޮސް، ރާއްޖެ އަށް ކުރިއެރުމާއި ތަނަވަސްކަން ލިބިގެންދާއިރު، އާންމު ރައްޔިތުންނާ ހަމަޔަށް ފަސޭހަކަމާ އެކު، ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ޝިފިން އިންޑަސްޓްރީ ފުރާލަންޖެހޭ ކަމަށް ސައީދު ވިދާޅުވިއެވެ. ކުދި ރަށްތައް ފިޔަވާ 90 އިންސައްތަ އަކީ ކަނޑު ކަން ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ ރާއްޖެ އަކީ "މެރިޓައިމް ނޭޝަން" އަކަށް ވުމުން މި ގައުމުގައި މުދާ އުފުލުމަށް އެފިޝަންޓް ނެޓްވޯކެއް އޮތުމަކީ މީހުން ދަތުރު ކުރާ ފެރީ ނިޒާމެއް އޮތުންހާ މުހިންމުކަމެއް ކަމަށެވެ.
ހަމައެކަނި ހޮސްޕިޓަލިޓީ އިންޑަސްޓްރީގެ އިތުރުން ޝިފިން ދާއިރާ އިން މީހުން ބިނާވެ، ޒުވާނުން އެ ދާއިރާގެ ވަޒީފާތަކަށް ކުރިމަތިލާ، ހަގީގީ "މެރިޓައިމް ނޭޝަން" އެއްގެ ގޮތުގައި، ސީފެއަރަރުންނަކީ ވެސް ފަހުރުވެރިވާ އިންޑަސްޓްރީއަކަށް ވުމަކީ ސައީދު ކުރައްވާ އުންމީދެކެވެ. ގައުމީ ޝިޕިން ލައިންގެ މިސްރާބު ހިފާފައިވަނީ އެ އުއްމީދުތައް ހަގީގަތަކަށް ހަދައި ކަނޑުތަކުގައި ދިވެހިން މީގެ ކުރިން ފައިހަމަ ކުރި މިންވަރަށް ވުރެ ފަހިކޮށް ފައިހަމަކޮށް ދުނިޔޭގެ ފެންވަރުގައި ގުނާލެވޭ ޝިޕިން ލައިންނަކަށް ގައުމީ ޝިފިންލައިން، އެމްއެސްއެސް ނަން މުޅި ކަނޑުގައި ފަވާލުމަށެވެ.