ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ކުށް ސާބިތުނުވާ ކަމަށް ނިންމައި ދޫކޮށްލާފައިވާ ފަރާތްތަކުގެ މައްސަލަ އިސްތިއުނާފް ކުރުމުގެ މަސައްކަތް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ފަށާފައި ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ، މިއަދު ރައްޔިތުންގެ މަޖިލީހުގައި އިއްވި ރިޔާސީ ބަޔާނުގައެވެ.
ޔާމީން ރަޝީދާ އަދި އެ ނޫންވެސް މަރާލެފައިވާ މީހުންނާއި ގެއްލުވާލެވިފައިވާ މީހުންގެ މައްސަލަތަކުގައި އިންސާފު ހޯއްދަވައި ދެއްވުމަކީ ރައީސްގެ ވައުދެކެވެ. އެކަމާ ގުޅޭ ކަންކަން މަރު ކޮމިޝަނުންވެސް އަންނަނީ ކުރަމުންނެވެ.
ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ކުށް ސާބިތުނުވާ ކަމަށް ނިންމައި ދޫކޮށްލާފައިވާ ފަރާތްތަކުގެ މައްސަލަ އިސްތިއުނާފް ކުރުމުގެ މުހިންމުކަން ބޮޑު ކަމަށް ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ އެ މަސައްކަތް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ފަށާފައިވާ ކަމަށެވެ.
ބްލޮގަރު ޔާމީން ރަޝީދު މަރައިލި މައްސަލާގައި ދައުވާ ލިބުނު ދެ މީހަކު އުމުރަށް ޖަލަށްލުމާއެކު، މަރުގެ ދިޔައިގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ދައްކަން އަންގައި އަދި އެ މައްސަލައިގައި ދައުވާ ލިބުނު ދެން ތިބި ހަތަރު މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިދިޔަ އަހަރުގެ ޖަނަވަރީ މަހުވަނީ ހުކުމްކޮށްފައެވެ.
ޔާމީން ދިރިއުޅުނު ގޭގެ ސިޑިގޮޅީގައި އޭޕްރީލް 2017 ގައި އޭނާ އަށް ތޫނު އެއްޗެހިން ހަމަލާދީ މަރައިލި މައްސަލާގައި ދައުލަތުން ދައުވާކުރީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ، މުހައްމަދު ދިފްރާނާއި މ. ކުދެހިގޭ ހަސަން ޝިފާޒްގެ އިތުރުން މ. ތާއިފް އިސްމާއިލް ރަޝީދާއި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ.
އެ މީހުންގެ މައްޗަށް ދައުލަތުން ކުރީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ. މީގެ ތެރެއިން ކުށް ސާބިތުވީ ހައިޝަމް އާއި ޒިހާންގެ މައްޗަށެވެ. ދެން ދައުވާ ކުރި މީހުންގެ މައްޗަށް ކުށް ސާބިތެއް ނުވެ އެވެ.