ads
ސަބްމެރިން ކޭބަލް އެޅުމުގެ މަސައްކަތް
ސަބްމެރިން ކޭބަލް ޖޫން މަހު އެއްގަންކުރެވި، ސެޕްޓެމްބަރު މަހު ބޭނުން ކުރަން ފެށޭނެ
ސަރުކާރު ޝާމިލްވާ އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ކުރިއަށް އޮތް ފަސް މަސްދުވަހުގެ ތެރޭގައި ރާއްޖެއަށް ގެނެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެެ.
Advertisement

ރައީސް ސޯލިހު މިހެން ވިދާޅުވެފައިވަނީ މިއަދު ރައްޔިތުން މަޖިލީހުގައި އިއްވެވި ރިޔާސީ ބަޔާނުގައެވެ.

ދުރު ރާސްތާގައި ރާއްޖޭގެ އިގުތިސޯދު ސިންދަފާތުކުރުމުގެ ގޮތުން އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާ ކުރިއެރުވުމަކީ ސަރުކާރުން ހާއްސަ އިސްކަމެއްދީގެން ކުރަމުން އަންނަ މަސައްކަތަކަށްވީއިރު، ރައީސް ސޯލިހުގެ ރިޔާސީ ބަޔާނުގައި ވަނީ އެކަމަށް އަލިއަޅުވާލައްވާފައެވެ.

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހު ވިދާޅުވީ އިންޓަނެޓުގެ ޒަރިއްޔާއިން ކުރެވޭ މުއާމަލާތްތަކާއި ހިންގުމުގެ ދާއިރާއަށް އަންނަ އަވަސް ކަމަކީ ކުރިއަށް އޮތް ތަނުގައި މުހިންމު ބަދަލަކަށްވާނެ ކަމަށެވެ. ރާއްޖޭގެ އިންޓަނެޓުގެ އަގަށް ގެނެވުނު ބަދަލާ އެކު އޭގެ ސްޕީޑަށް އަދިވެސް އިތުރު ތަރައްގީ އައުން މުހިންމު ކަމުގައި ރައީސް ވިދާޅުވިއެވެ. ސަރުކާރު ޝާމިލްވާ އާ ސަބްމެރިން ކޭބަލާ އެކު އިންޓަނެޓުގެ ސްޕީޑަށް އިތުރު ފަހިކަން ލިބިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

"ސަރުކާރު ޝާމިލްވާ އާ ސަބްމެރިން ކޭބަލުން މިކަމަށް އިތުރު ފަހިކަން ގެނުވާނެ. ފްރާންސްގެ މާސޭއިން ސިންގަޕޫރަށް އަޅާ ސަބްމެރިން ކޭބަލް ކުރިއަށް އޮތް ފަސް މަސްތެރޭ ރާއްޖެއަށް އެއްގަން ކުރެވި، ސެޕްޓެމްބަރު މަހުގެ ނިޔަލަށް މި ސަބްމެރިން ކޭބަލްގެ ބޭނުންކުރުމުގެ ފުރުސަތު ލިބޭނެ،" - ރައީސް ސޯލިހް

ރައީސް ވިދާޅުވި ގޮތުގައި ސަބްމެރިން ކޭބަލްގެ މި މަޝްރޫއުގެ ސަބަބުން ރާއްޖޭގައި އިންޓަނެޓުގެ އަގު ހެޔޮވެ، އިންޓަނެޓުގެ ސްޕީޑަށް އިންގިލާބީ ބަދަލެއް ގެނުވާނެ ކަމުގައެވެ. އަދި މި މަޝްރޫއު ވެގެންދާނީ އުފެއްދުންތެރި ޒުވާނުންނާއި ވިޔަފާރިތައް ދުނިޔޭގެ މާކެޓްތަކާ ގުޅުވައިދޭނެ ވަސީލަތެއް ކަމުގައި ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ ފަރާތުން ރާއްޖޭގައި އަޅާ ފުރަތަމަ ސަބްމެރިން ކޭބަލްގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ އިންޑިއާގެ ބިލިއަނަރު މުކޭޝް އަންބާނީގެ ރިލަޔަންސް ޖިއޯ ކުންފުންޏާއެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި އޯޝަން ކަނެކްޓް މޯލްޑިވްސްއިން ރިލަޔަންސް ޖިއޯ ކުންފުންޏާ އެކު ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

މި ސަބްމެރިން ކޭބަލް މެދުވެރިކޮށް ރާއްޖެ އާއި މުންބާއީ އާއި ސިންގަޕޫރުގެ އިތުރުން މި ސަރަހައްދުގެ އެހެނިހެން ހިސާބުތަކާ ގުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ. ސަރުކާރުން ދެކޭ ގޮތުގައި މި ކޭބަލްގެ ސަބަބުން މި ސަރަހައްދުގެ ވިޔަފާރި ކުރިއަރައިގެން ދިއުމާ އެކު، ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް ރާއްޖޭން ކުރަމުންދާ މަސައްކަތަށް އިތުރު ކުރިއެރުން ލިބޭނެއެވެ.

ސަރުކާރުން ގާއިމުކުރާ މި ކޭބަލްގެ އިތުރުން، ދިރާގާއި އުރީދޫ މޯލްޑިވްސް ގުޅިގެން ރާއްޖެ އާ ސްރީ ލަންކާ އާ ދެމެދު ފައިބަ އޮޕްޓިކް ސަބްމެރިން ކޭބަލެއް އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެ ޕްރޮޖެކްޓުގެ 45 އިންސައްތަ ދިރާގުން ހިއްސާ ކުރާއިރު 45 އިންސައްތަ އުރީދޫން އަދި ޑައަލޮގް އެޒިއޭޓާއިން 10 އިންސައްތަ ހިއްސާކުރެއެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް