ads
ފުލުހުން މީހެއްގެ އަތުގައި ބިޑި އަޅުވާފައި
މަސްތުވާތަކެތި ޓްރެފިކް ކުރި މީހަކު އުމުރަށް ޖަލަށް
މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިސް ޓްރެފިކް ކުރި މީހަކު އުމުރަށް ޖަލަށްލާން ހައިކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލައަކާ ގުޅިގެން އުމުރަށް ޖަލަށް ލައި، 100000 ރުފިޔާއިން ޖޫރިމަނާ ކުރަން ހައިކޯޓުން މިއަދު ހުކުމް ކުރީ ކްރިމިނަލް ކޯޓުން ކުށް ސާބިތު ނުވާ ކަމަށް ކަނޑައަޅައި މިނިވަންކޮށްފައި ހުރި މީހެކެވެ.

މިއީ 2018 ވަނަ އަހަރުގެ ޖަނަވަރީ މަހު، މިއަދު އުމުރަށް ޖަލަށްލާން ހުކުމް ކުރި މީހާ އިތުރު މީހަކާއެކު، ފެރީގައި، ހުޅުމާލެއިން މާލެއަށް މަސްތުވާތަކެތި ގެންދާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެން، މާލޭގައި ހުންނަ ހުޅުމާލެ ފެރީ ޓަރމިނަލް ސަރަހައްދުގައި ފުލުހުން ތިއްބައި، އެ މީހާ މާލެ ފެރީ ޓަރމިނަލް އަށް ކައިރިކުރި  ފެރީއިން ފައިބައިގެން އިތުރު މީހަކާއެކު ސައިކަލެއްގައި ފެރީ ޓަރމިނަލްއިން ނިކުތް ވަގުތު އޭނާ ހިފަހައްޓައި ބަލައި ފާސްކުރިއިރު، އެސައިކަލުގެ މަޑިދަށުގައި އޮތް ކޮތަޅެއްގެ ތެރެއިން ފެނުނު ބޮޑު ރަބަރު ޕެކެޓްގައި 246.7000 ގްރާމް ކެނެބިސް ހުރެގެން ދައުވާ ކުރި މައްސަލައެކެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު މި މައްސަލައިގައި ހުކުމްކޮށްފައިވަނީ ސައިކަލު މަޑި ދަށުން ފެނުނު މަސްތުވާތަކެއްޗަކީ އެ ހިފެހެއްޓި މީހާގެ ތަކެތިކަން ސާބިތުވާ މިންވަރަށް ދައުލަތުން ހެކި ޤަރީނާ ހުށަހަޅާފައިނުވާތީ، ޝައްކެއްނެތް މިންވަރަށް ޝަރީޢަތަށް ސާބިތުނުވާކަމަށެވެ.

އެހެންނަމަވެސް ދައުލަތުން މި މައްސަލަ އިސްތިއުނާފު ކުރުމުން ހައިކޯޓުން ނިންމީ އެ މައްސަލަ އޭނާގެ މައްޗަށް ސާބިތުވާ ކަމަށެވެ. އަދި ހައިކޯޓުގައި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން އޭނާ އުމުރަށް ޖަލަށްލާން ހުކުމް ކުރިއެވެ.

         

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް