މާލޭ ސިޓީ ކައުންސިލުން ބުނީ، މާލޭ ސިޓީގައި ދިރިއުޅޭ 18 އަހަރުން ދަށުގެ ކުޑަ ކުދިންގެ ތެރެއިން ޤުރުއާން ހިތުދަސްކުރުމަށް ބޭނުންވާ ކުދިންނަށް އެ ހުނަރު ދަސްކޮށްދީ ޤުރުއާން ހިތުދަސްކުރުމުގެ ކްލާސްތަކެއް ހިންގައިދިނުމަށް ބެނުންވާކަމަށް ހުށަހަޅީ އުޔޫން އިންސްޓިޓިއުޓްގެ ފަރާތުން ކަމަށެވެ.
އެފަދަ ޤުރުއާން ކުލާސްތަކެއް ހިންގުމަކީ މާލޭ ސިޓީ ކައުންސިލުންވެސް އެދޭ އެދުމެއް ކަމުގައިވާތީ، މާލޭ ސިޓީގައި ޤުރުއާން ހިތުދަސްކުރުމުގެ ކްލާސްތަކެއް ހިންގުމަށް މާލޭ ސިޓީ ކައުންސިލާއި އުޔޫން އިންސްޓިޓިއުޓު އާއިދެމެދު މަޝްވަރާކުރެވުނު ކަމަށް ކަައުންސިލުން ބުންޏެވެ.
މިއަދު ސޮއިކުރި ފަހުމުނާމާއަކީ، އެކްލާސްތައް މާލޭ ސިޓީގައި ހިމެނޭ ހަތަރު މިސްކިތެއްގައި ހިންގުމަށް ދެފަރާތުގެ ޒިންމާތަކާއި މަސްއޫލިއްޔަތު ބަޔާން ކުރުމަށް ގާއިމްކުރެވުނު ފަހުމްނާމާއެއް ކަމަށް ކައުންސިލުން ބުންޏެވެ.
އެ ކްލާސްތައް ހިންގާ މިސްކިތަކާއި ބެހޭގޮތުން ކައުންސިލުން "ސީއެންއެމް" އަށް ބުނީ، އެއްބަސްވެފައިވަނީ އުޔޫން އިންސްޓިޓިއުޓުން ބޭނުންވާ ހަތަރު މިސްކިތެއް އެކަމަށް ދޫކުރުމަށް ކަމަށެވެ. އަދި އެ މިސްކިތްތަކަކީ ކޮބައިކަން ނިންމާނީ އެ އިންސްޓިޓިއުޓުން ކަމަށެވެ. ކްލާސްތަައް ފެށުމުން އެކަމާއި ގުޅޭ މައުލޫމާތުވެސް ހިއްސާކުރާނެ ކަމަށް ބުންޏެވެ.
ކްލާސްތައް ފެށުމަށް ނިންމާފައިވަނީ މިއަދުން ފެށިގެން ނެވެ. އެކަމަކު އަދި މި ކްލާސްތައް ކުރިއަށް ދާނެ ގޮތުގެ މައުލޫމާތެއް އެ އިންސްޓިޓިއުޓުންވެސް ހިއްސައެއް ނުކުރެ އެވެ.
އެކައުންސިލުން ބުނީ މިފަހުމްނާމާގެ މަގްސަދަކީ މާލޭ ސިޓީގައި ދިރިއުޅޭ 18 އަހަރުން ދަށުގެ ދިވެހި ކުޑަކުދިންގެ ތެރެއިން ޤުރުއާން ހިތުދަސްކުރުމަށް ބޭނުންވާ ކުދިންނަށް ޤުރުއާން ހިތުދަސްކުރުމުގެ ހުނަރު ދަސްކޮށްދީ ޤުރުއާން ހިތުދަސްކުރުމުގެ ކްލާސްތަކެއް ހިންގައި ޤުރުއާން ހިތުދަސްކުރުމަށް ބޭނުންވާ ކުދިންނަށް އެ ފުރުސަތުތައް ފަހިކޮށްދިނުން ކަމަށެވެ.
މި ފަހުމުނާމާގައި އުޔޫން އިންސްޓިޓިއުޓްގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރު ޑރ. އަލީ ޒާހިރު އެވެ. އަދި މާލެ ސިޓީ ކައުންސިލްގެ ފަރާތުން މި ފަހުމު ނާމާގައި ސޮއިކުރެއްވީ މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެވެ.