ads
ސީއެމްޑީއޭއަށް 17 އަހަރުފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ:ސީއެމްޑީއޭ
ކެޕިޓަލް މާކެޓަށް ކުރިއެރުން ގެނެސްދިން ފަރާތްތަކަށް ސީއެމްޑީއޭއިން އެވޯޑު ދީފި
ކެޕިޓަލް މާކެޓަށް އީޖާދީ ކުރިއެރުން ގެނެސްދޭ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ސީއެމްޑީއޭއިން އެވޯޑު ދީފިއެވެ.

އެ އެވޯޑުތައް ހަވާލުކޮށްދެއްވާފައިވަނީ ސީއެމްޑީއޭއަށް 17 އަހަރުފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ސީއެމްޑީއޭގެ ފަރާތުން އެވޯޑުތައް ހަވާލުކޮށްދެއްވާފައިވަނީ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވި އޮޑިޓަ ޖެނެރަލް، ހުސެއިން ނިޔާޒީއެވެ.

ކެޕިޓަލް މާކެޓަށް އީޖާދީ ކުރިއެރުން ގެނެސްދޭ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ސީއެމްޑީއޭއިން ދޭ އެވޯޑު ލިބިފައިވަނީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖަށާއި ފަސްޓް ނެޝަނަލް ފައިނޭންސް ކޯޕަރޭޝަނަށެވެ.

  • މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖަށް އެވޯޑްު ދީފައިވަނީ އަލަށް ތައާރަފުކުރެވުނު 'ޕްރައިވެޓް ސެކިއުރިޓީޒް ސެގްމަންޓް/ފްރޭމްވަކް' އޮޕަރޭޓްކުރުމަށް 'ވިޔަނަ' ޕްލެޓްފޯމް ތަރައްގީ ކޮށްފައިވާތީ
  • ފަސްޓް ނެޝަނަލް ފައިނޭންސް ކޯޕަރޭޝަނަށް އެވޯޑްު ލިބިފައިވަނީ 'ޑިޖިޓަލް ބްރޯކަރޭޖް' ހިދުމަތްތައް ތައާރަފު ކޮށްފައިވާތީ

އެ އެވޯޑުތަކުގެ އިތުރުން ރާއްޖޭގެ އިސްލާމިކް ކެޕިޓަލް މާކެޓް ތަރައްގީ ކުރުމުގައި ޕްރޮފެސަ ޑރ. އައިޝަތު މުނީޒާ ކޮށްދެއްވަމުން ގެންދަވާ އަގުހުރި ހިދުމަތްތައް ފާހަގަކުރުމުގެ ގޮތުން އެވޯޑެއް ދީފައިވެއެވެ. އަދި ސީއެމްޑީއޭގެ މުވައްޒަފުން ކުރާ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން އެ ފަރާތްތަކަށް ވެސް އެވޯޑު ދިނެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އޮޑިޓަ ޖެނެރަލް ވަނީ ރާއްޖޭގެ ކެޕިޓަލް މާކެޓު ތަރައްގީ ކުރުމުގެ މުހިންމު ކަމާއި ކޯޕަރޭޓު ގަވަނަންސް ހަރުދަނާކޮށް ކުންފުނިތަކުގެ 'ޓްރާންސްޕޭރަންސީ' އާއި 'އެކައުންޓަބިލިޓީ' އިތުރުކުުުރުމުގެ އިތުރުން އިންވެސްޓަރުންގެ 'ކޮންފިޑަންސް' މާކެޓުގެ މައްޗަށް ދެމެހެއްޓުމުގައި ސީއެމްޑީއޭގެ ދައުރުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އޭގެ އިތުރުން އެ ރަސްމިއްޔާތުގައި ސީއެމްޑީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރު މުހައްމަދު ހުސެއިން މަނިކު ވަނީ މާކެޓަށް މި ފަހުން ގެނެވިފައިވާ ކުރިއެރުންތަކުގެ ހުލާސާ ރިޕޯޓެއް ހުށަހަޅައިދެއްވާފައެވެ.

ރާއްޖޭގެ މާލީ ސެކިއުރިޓީޒް އާ ބެހޭ ގާނޫނުގެ ދަށުން ކެޕިޓަލް މާކެޓު ތަރައްގީކޮށް ރެގިއުލޭޓު ކުރުމުގެ ޒިންމާ އަދާކުރާ މުއައްސަސާއެއްގެ ގޮތުގައި ސީއެމްޑީއޭ ވުޖޫދަށް ގެނެސްފައިވަނީ 2006 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް