އެކޮމިޝަނަށް ހުށަހެޅި ޝަކުވާއާއި ގުޅިގެން ތަހުގީގުކޮށްފައިވަނީ ހައިކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދުގެ ދެމައްސަލައަކާއި ކްރިމިނަލް ކޯޓުގެ ގާޒީ ސަފްއަތު ހަބީބުގެ ސުލޫކީ މައްސަލައިގެ އިތުރުން، ސިވިލް ކޯޓުގެ ގާޒީ މަރްޔަމް ވަހީދުގެ ސުލޫކީ މައްސަލަ އެކެވެ.
ޖޭއެސްސީން ބުނީ މިމައްސަލަތައް ތަހުގީގު ކުރުމަށްފަހު މި ހަތަރު މައްސަލަވެސް ސާބިތު ނުވާކަމަށް އާދީއްތަ ދުވަހު ނިންމާފައިވާ ކަމަށެވެ. ނަމަވެސް މި ތިން ފަނޑިޔާރުންނާއި ގުޅޭގޮތުން ތަހުގީގު ކުރެވުނީ ކޮން މައްސަލަތަކެއްކަމަށް ޖޭއެސްސީން ނުބުނެއެވެ.
ޖޭއެސްސީން މައްސަލަތައް ތަހުގީގު ކުރާއިރު، ކަންކަން ކުރާގޮތާއި ގުޅޭގޮތުން ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސް އަދި ސްޕްރީމް ކޯޓްގެ ފަނޑިޔާރު ހުސްނުއް ސުއޫދު ދާދިފަހުން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އެގޮތުން ފަނޑިޔާރުންގެ ޖަމިއްޔާގެ އަހަރީ ދުވަސް ފާހަގަކުރުމަށް މިމަހުގެ ދިހަ ވަނަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ސުއޫދު ވިދާޅުވީ ފަނޑިޔާރުންގެ މައްސަލަތައް ޖޭއެސްސީން ތަހުގީގު ކުރަމުންދާއިރު ޖެއްސުމަށްވެސް ފަނޑިޔާރުންނާ ސުވާލު ކުރާކަމަށެވެ.
ސުއޫދު ވިދާޅުވީ ޖޭއެސްސީން ވިޔަސް މައްސަލައެއް ތަހުގީގުކުރާއިރު އެކަން ކުރަންޖެހޭ ހަމަތަކެއް ނުންނާނެކަމަށެވެ. އަދި ފަނޑިޔާރުންނަށް މަލާމާތްކޮށް ޖެއްސުންކޮށް ފުރައްސާރަކުރާ ގޮތަކަށް ސުވާލު ކުރެވިގެން ނުވާނެކަމަށް ސުއޫދު ވިދާޅުވިއެވެ.