ads
މީގެ ކުރިން އައިޖީއެމްއެޗްގައި ހުޅުވި ފްލޫ ކްލިނިކެއް --- ފޮޓޯ/ ފަޔާޒު މޫސާ
އިންފްލުއެންޒާ ޖެހޭ މީހުންގެ އަދަދު ރާއްޖޭގައި އިތުރުވެއްޖެ
އިންފްލުއެންޒާ ޖެހޭ މީހުންގެ އަދަދު ރާއްޖޭގައި އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
Advertisement

ރޯގާގެ ގޮތުގައި ފެތުރެމުންދާ ބަލިތަކުގެ ހާލަތު ދައްކުވައިދޭ އެ އެޖެންސީގެ ތަފާސް ހިސާބުތަކުން ފެންނަގޮތުގައި، މިދިޔަ އަހަރުގެ ޑިސެމްބަރު އިންފްލުއެންޒާ ޖެހުނު މީހުންގެ އަދަދަަށްވުރެ މިއަހަރުގެ ޖެނުއަރީ މަހު އެއަދަދުު ވަނީ އިތުރުވެފަ އެވެ. 

އެގޮތުން އިންފްލުއެންޒާގެ އަލާމަތްތައް ހުރެގެން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު 103 މީހުން ޓެސްޓު ކުރެވުނުއިރު ބައްޔަށް ޕޮޒިޓިވްވީ 9 މީހެކެވެ. އެކަމަކު މިއަހަރުގެ ޖެނުއަރީ މަހު އިންފްލުއެންޒާގެ އަލާމާތްތައް ހުރެގެން 115 މީހަކު ޓެސްޓުކުރެވުނުއިރު، 19 މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. 

މި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ބޭރަށް ހިންގުންވެސް މިއަހަރުގެ ޖެނުއަރީ މަހު ވަނީ އިތުރުވެފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބޭރަށް ހިންގުމުގެ 3362 ކޭސް ފެނުނުއިރު، މިއަހަރުގެ ޖެނުއަރީ މަހު އެ އަދަދު 3502 އަކަށް ވަނީ އިތުރުވެފަ އެވެ. 

އެޗްޕީއޭއިން ބުނިގޮތުން އެއީ ވޭތުވެދިޔަ އަހަރުތަކުގެ މިދުވަސްވަރާއި އަޅާބަލާއިރު މަދު އަދަދެކެވެ. އެގޮތުން މިދިޔަ އަހަރުގެ ޖެނުއަރީތެރޭ ބޭރަށް ހިންގުމުގެ 9488 ކޭސް ރިކޯޑުކުރެވިފައި ވެއެވެ. 

މިއަހަރު ރިޕޯޓުކުރާ އަދަދު މަދުވި ބަލިތައް

  • ޑެންގީހުން

ޑެންގީގެ 295 ކޭސް މިދިޔަ އަހަރުގެ ޑިސެމްބަރު ފެނުނުއިރު، މިއަހަރުގެ ޖެނުއަރީ މަހު މި އަދަދު ވަނީ 195 އަށް ދަށްވެފަ އެވެ. އެކަމަކު މިއީ ކުރީ އަހަރުތަކާއި ބަލާއިރު މަތީ އަދަދެކެވެ. އެގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރިކޯޑު ކުރެވުނީ ޑެންގީގެ 22 ކޭސް އެވެ. 

  • އަރިދަފުސް ރޯގާ

އަރިދަފުސް ރޯގާގެ 31،334 ކޭސް މިދިޔަ އަހަރުގެ ޑިސެމްބަރު ރިކޯޑުކުރެވިފައިވާއިރު، މިއަހަރުގެ ޖެނުއަރީ މަހު މި އަދަދު ވަނީ 29،307 އަށް ދަށްވެފަ އެވެ. އެކަމަކު މިއީ ވެސް ކުރީ އަހަރުތަކާއި ބަލާއިރު މަތީ އަދަދެކެވެ. އެގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރިކޯޑު ކުރެވުނީ އަރިދަފުސް ރޯގާގެ 25،554 ކޭސް އެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް