ކޮވިޑުގެ އާލަމީ ވަބާގެ ދުވަސްވަރު ޝަންގްރިއްލާ ބަންދުކުރި ގޮތަށް ރިސޯޓު ނުހުޅުވި ގިނަ ދުވަސްތަކެއް ފާއިތުވެފައިވާއިރު، އެކަމުގެ ކަންބޮޑުވުން އައްޑޫގެ ގިނަ ފަރާތްތަކަކުން ދަނީ ހާމަކުރަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މައުސޫމް ވިދާޅުވި ގޮތުގައި ޝަންގްރިއްލާގައިވާ ސަރުކާރުގެ ހިއްސާ ދޫކޮށްލުމަށް ނިންމާ އެ ރިސޯޓުގެ ހިއްސާ އޮންނަ އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑަށް އެކަން އަންގާފައިވާނެ ކަމަށާއި އެ ފަރާތުން ޖަވާބެއް ލިބުމުން އެކަން އެއްކޮށް ހަމަޖެހިގެންދާނެ ކަމުގައެވެ.
އެހެންނަމަވެސް، ޝަންގްރިއްލާގައިވާ ސަރުކާރުގެ ހިއްސާ ދޫކުރުމަށް އެއްބަސްވި ގޮތުގެ ތަފްސީލެއް މިނިސްޓަރު ހާމަކުރައްވާފައެއް ނުވެއެވެ.
މިދިޔަ މަހު އައްޑުއަށް ކުރެއްވި ދަތުރުފުޅެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވަނީ ޝަންގްރިއްލާގެ ސަރުކާރުގެ ހިއްސާ ދޫކޮށްލާ ނަމަ 70 މިލިއަން ޑޮލަރު ދައްކަންޖެހޭ ކަމަށެވެ. ރައީސް ވިދާޅުވެފައިވަނީ ސަރުކާރުން ހިއްސާ ބެލިއިރު ކުންފުނި ހިންގާފައި އޮތީ ގެއްލުމުގައި ކަމަށާއި ސަރުކާރުގެ ހިއްސާ ދޫކޮށްލާ ނަމަ 70 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށެވެ. ވޭތުވެދިޔަ ތަނުގައި އެއްވެސް ސަރުކާރަކުން އެކަން ބަލާފައި ނެތް ކަމަށާއި ކުންފުނި ހިންގާފައިވާ ގޮތުގެ ސްޓޭޓްމަންޓުތައް ސަރުކާރަށް ހުށަހަޅާފައި ހުރި ކަމަށް ރައީސް ވިދާޅުވެފައިވެއެވެ. އެހެންކަމުން މިހާރު ހެދެން އޮތް ހަމައެކަނި ގޮތަކީ ކުންފުނީގެ ދަރަންޏާއި ހިއްސާ އާ އަޅާ ކަނޑައި ޝަންގްރިއްލާ ދޫކޮށްލުން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
މައުސޫމް ވިދާޅުވީ އެ ރިސޯޓަށް ދިމާވެފައިވާ މައްސަލަތައް ހައްލުވެ މި އަހަރުގެ ތެރޭގައި ހުޅުވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.