އެ ވަގުތު އެ މީހާ ނަވްޔާގެ އަނގަމަތީގައި އަތް އެޅިއެވެ. ނަވްޔާގެ ލޮލުން ފެންނަމުން ދިޔަ ބިރުވެރިކަމާ ސިހުމަށް ފަރުވާލެއް ނުބަހައްޓާ އެ މީހާ ނަވްޔާގެ ގައިމައްޗަށް ވެއްޓިގަތެވެ. ވެހެމުން ދިޔަ ބޯ ވާރޭގެ އަޑުގެ ތެރެއަށް ނަވްޔާގެ އާދޭސްތަކާއި ރުއިމުގެ އަޑު އޮނބިގެން ދިޔައެވެ. ލޮލުގެ ހިމަކޮޅުން ފައިބަމުން ދިޔަ ކަރުނަތައް ބާލީހުގެ ތެރެއަށް ހިނދެމުން ދިޔައެވެ.
ސިއްސައިގެން ގޮސްފައި ނަސީމާއަށް ހޭލެވުނު އިރު މޭ ތެޅެއެވެ. އަރުތެރެ ވަނީ ހިކިފައެވެ. ފޯނުން ނަސީމާ ގަޑި ބަލައިލިއިރު ހަތަރެއް ޖަހަނީއެވެ. ވާރޭގެ ބޯ ތިކިތައް ފުރާޅުމައްޗަށް ހަމަލާ ދޭ އަޑު މެދުކެނޑުމެއްނެތި އިވެމުން ދިޔައެވެ. ނަސީމާއަށް ނިދުނީ އެކެއް ޖަހަން އުޅެނިކޮށް ނަމަވެސް ނޭނގޭ ބިރެއްގެ ސަބަބުން ނިދި އެއްކޮށް ފިލައިފިއެވެ. ނިދާފައި އޮތް ނިޒާރަށް ބަލައިލުމަށް ފަހު ނަސީމާ ކޮޓަރިން މަޑުމަޑުން ނުކުތީ ކާގެއަށް ފެން ބޯން ދާން ވެގެންނެވެ. ކާގެއަށް ގޮސް ބޮކި ދިއްލައިލުމަށް ފަހު ފުރިޖުން ފެންފުޅިއެއް ނަސީމާ ނެގިއެވެ. ފުޅި ހިފައިގެން އެނބުރިލި ވަގުތު ބަދިގެއިން ކާގެއަށް ވަން މީހާ ފެނިފައި ނަސީމާ ސިހުނެވެ. އެ މީހާގެ ބޯ ހޭވިފައި ހުރި އިރު މާނޭވާ ލެވެއެވެ. ގަމީހުގެ ގޮށްހުރީ ނާޅުވައެވެ. މޫނުމަތީގައި އަތް ކާއްތައިލަމުން ނިތްކުރިމަތީގައި ހުރި ދާ ތިކިތައް އެ މީހާ ފޮހެލިއެވެ. ކޯމަތީގައި މީހަކު ވަކިއަޅާފައި ހުރި ގޮތަށް ހުރި ނިޝާނުން ލޭހިލިފައިވެއެވެ. ޝައްކުގެ އޮއިވަރެއް ހިތުގައި ހިނގައިގަތުމާ އެކު ނަސީމާއަށް އަނގަމަތީގައި އަތް އަޅައިލެވުނެވެ. ނަސީމާ ފެނުމުން ކުށްވެރިއެއް ހެން އިސްދަށަށް ޖަހައިލުމަށްފަހު އެ މިހާ އެ ތަނުން ނުކުމެގެން ދިޔައީ ކާލިއަޅަމުންނެވެ.
ހަލުވި ފިޔަވަޅުތަކެއްގައި ނަވްޔާގެ ކޮޓަރިއާ ދިމާއަށް ނަސީމާ ދިޔައިރު ބާރުބާރަށް ހިތް ތެޅެއެވެ. ލޮލަށް ފެނުނު ކަންތައް ގަބޫލުކުރުމަށް ނޭދޭ ހާލު ނަވްޔާގެ ކޮޓަރީގެ ދޮރުގައި ނަސީމާ ހިފައިލިއެވެ. ތަޅު ނުލާ ހުރިކަން އެނގުމުން ނަސީމާގެ ހިތުގެ ތެޅުން އިހުނަށް ވުރެ ބާރުވިއެވެ. ދޮރު ހުޅުވާލުމާ އެކު ނަސީމާއަށް ހީވީ ބިންގަނޑު ފައިދަށުން ދެމިގެން ދިޔަހެންނެވެ. ނަވްޔާ އޮތް ހާލު ފެނުމުން ކަންތައްތައް ވެފައިވީ ގޮތް ދެނެގަންނާކަށް ނަސީމާއަކަށް އުނދަގުލެއް ނުވިއެވެ.
"މާތްކަލާކޯ" ނަސީމާއަށް ބުނެވުނެވެ.
ދޮރު ލައްފައި ތަޅުލުމަށް ފަހު އަވަސްއަވަހަށް ނަވްޔާގެ ގައިމަތީގައި ނަސީމާ ފޮތިގަނޑުއެޅިއެވެ. އޭރު ލޯ މެރިފައި އޮތް ނަވްޔާ މަޑުމަޑުން ކުކުރަމުން ދިޔައެވެ. ނަވްޔާއަށް ޓަކައި ނަސީމާގެ ހިތުގައި އެ ވަގުތު ހަމްދަރުދީ އުފެދި ލޮލުން ކަރުނައިގެ އަސަރު ފާއްދައިލިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ހިތް ހަރުކޮށްލީ އެ ކަން ކުރީ ކާކު ކަން ހަނދާންވުމުންނެވެ.
********
ފަޑީގައި ބުރަކަށި ޖައްސައިލައިގެން ނަވްޔާ އެނދުގައި އިށީނދެލައިގެން އިނެވެ. ދޫކޮށް ޖަހާފައިވާ ހުޅިން ނެއްޓިގެން އިސްތަށިތައް ހޭވިފައިވެއެވެ. މޫނުމަތިން ހީވަނީ އެތައް ދުވަހަކު ބަލިވެ އުޅެމުން ދާ މީހެއް ހެންނެވެ. ލޯ ކައިރި ކަޅުވެ، މޫނުގެ ދިރުން ގެއްލިފައިވެއެވެ. ކަޅުކުލައިގެ އަތްދިގު ޓީޝާރޓެއް ލައިގެން އިންއިރު ދަމާލެވިފައިވާ ފައިމަތީގައި މަޑު ނޫކުލައިގެ ރަޖާގަނޑެއް އަޅާފައި އޮތެވެ. ނަވްޔާގެ ނަޒަރު ހުއްޓިފައި ހުރީ ފާރުގައި ހަރުކޮށްފައިވާ ގަޑިއަށެވެ. ގަޑިން ރޭގަނޑު އަށެއް ޖަހަން އުޅެނީއެވެ. ހުއްޓުމެއް ނެތި ގަޑީގެ ސިކުންތު ހިނގަމުން ދިޔައެވެ.
އިރުކޮޅެއްގެ ފަހުން ފައިމަތީގައި އަޅާފައިވާ ރަޖާގަނޑު އެއްފަރާތްކޮށްލާފައި ނަވްޔާ ތެދުވިއެވެ. މޭޒު ކައިރީގައި ހުރި ގޮނޑި ފާރު ކައިރިއަށް ގެންގޮސްފައި އޭގެ މައްޗަށް އެރިއެވެ. ގަޑިއާ ހަމައަށް ނަވްޔާގެ އަތް ކިރިޔާ ފޯރާ ކަމެވެ. ނަމަވެސް ކުޑަކޮށް ކޮރާލުމަށްފަހު ނަވްޔާ އެ ގަޑި ނެގިއެވެ.
އެނދުމަތީގައި އިށީނދެފައި ގަޑިއަށް ބަލަހައްޓައިގެން ނަވްޔާ އިނެވެ. ދެން ނިކަން އަވަސްއަވަހަށް ގަޑީގެ ފަހަތުގައި އިން ޗާބީން ގަޑީގެ ކަށި ނުއަތަށް އަނބުރަން ފެށިއެވެ. ގަޑިގެ ކަށި އަށަކާ ހަމައަށް އެރުމުން އަނެއްކާ އަނެއް ކޮޅަށް އަނބުރަން ފެށިއެވެ. ނަވްޔާ ބޭނުންވީ ދުނިޔޭގެ ދައުރުވުން ބަދަލުކޮށް އެރޭގެ ބިރުވެރި ހާދިސާ ހިނގުމުގެ ކުރިއަށް ވަގުތު ގެންދާށެވެ. އެ އަނިޔާވެރިޔާގެ ވަކިތަކުން ސަލާމަތްވެ ނަވްޔާގެ އިއްޒަތާއި އަބުރު ސަލާމަތް ކުރާށެވެ. އެއީ މުސްތަހިއްލު ކަމެއް ކަން އެނގިހުރެ ވެސް މޮޔައެއް ހެން ނަވްޔާ ޗާބީ އަނބުރަމުން ދިޔައެވެ. އެންމެފަހުން ވަރުބަލިވެގެން މަސައްކަތް ހުއްޓާލުމަށް ފަހު އަތުގެ ކޮޅަށް ގަޑި ހޫރައިލިއެވެ. ފާރުގައި ޖެހިފައި ގަޑީގެ ބިއްލޫރިތައް ފުނޑުފުނޑުވެގެން ދިޔުމާ އެކު ގިސްލަގިސްލާފައި ނަވްޔާ ރޯން ފެށިއެވެ..
"ނަވްޔާގެ ހާލު ކިހިނެއް މިހާރު؟ " ކާން އިށީނދެފައި ނިޒާރު އެހިއެވެ.
"ކުރިއަށް ވުރެ ވަރަށް ބޮޑުތަން ރަނގަޅު. މިހާރު ހުމެއް ނެތް. ވަރުދެރައީ. ރަނގަޅަށް ކެވެން ފެށުމުން އެކަން ވެސް ރަނގަޅު ވެދާނެ. އެކަމަކު ވަރުގަދަ ހުންގަނޑެއް ނަވްޔާއާ މި ލައްވާލީ. މިހާރު ދެ ހަފްތާވީ ވިއްޔަ." ނިޒާރާ ގާތަށް ތަށިތައް ޖައްސާލުމަށްފަހު ނަސީމާ ބުންޏެވެ.
"ހުންނާނެ ނަވްޔާއަށް ބަތްޕެންކޮޅެއް ވެސް ކައްކާފަ. މިރޭ އެ ދެވޭތޯ ބަލާނަން." ނަސީމާ އިތުރުކޮށްލިއެވެ.
ތައްޓަށް ބަތް އަޅަމުން ނަސީމާއާ ދިމާއަށް ނިޒާރު ބަލައިލިއެވެ. ނަވްޔާ އަކީ އާއިލާގެ މެންބަރެއްގެ ގޮތުގައި ބަލައިގަނެ، މައެއްހެން ނަވްޔާއަށް ނަސީމާ ހޭހަން ކޮށްދޭތަން މި ދިޔަ ދެ ހަފްތާގައި ނިޒާރަށް ފެނިފައިވެއެވެ. ނަވްޔާގެ ހާލަތާ ދޭތެރެ ކަންބޮޑުވި ނަމަވެސް ހިތަށް ހިތްހަމަޖެހުން ލިބިފައިވަނީ ނަސީމާގެ ފަރާތުން ނަވްޔާއަށް އަޅާލުން ލިބޭކަން އެނގިފައިވީތީއެވެ. ނަވްޔާގެ ހާލުބަލައިލަން ނިޒާރު ވަންނަ ގިނަފަހަރު ނަވްޔާއަށް އޮންނަނީ ނިދިފައެވެ. ބައެއް ފަހަރު ނަވްޔާގެ ހުން ތިރިކުރަން ފެންފޮތި ހާކަން ނަސީމާ އިނދެއެވެ. އެހެންނޫނީ ކޮންމެވެސް އެއްޗެއް ދެވޭތޯ އުޅެއެވެ.
"ނަސިމާ ނަވްޔާއަށް ތި ކޮށްދޭ ކަންތައްތައް ފެނުނީމާ ވަރަށް އުފާވޭ." ނިޒާރު ބުނެލިއެވެ.
"ކުރިން ނަވްޔާއާ އެ ގާތްކަން ނުބޭއްވުނީ ނިޒާރު ނުރުހޭތީ. ނަމަވެސް މިހާރު ތަފާތެއްނު." ހީނލާފައި ނަސީމާ ބުންޏެވެ.
ނަސީމާ އެ ބުނި ޖުމްލައިގައި ހަގީގަތް އެކުލެވިގެންވާތީ ނިޒާރު ހިމޭންވިއެވެ. ކުށްވެރިކަން އިހުސާސް ކުރެވުނެވެ.
"މިއަދު އަޒްކޮ ގުޅި." ނަސީމާ ވާހަކަ ބަދަލުކޮށްލިއެވެ.
"މަ ބުނިން އަވަހަށް އަންނާށޭ. ގޭތެރެ ވަރަށް ފަޅޭ. ބުނީ އަދި އެއްހަފްތާ މާލޭގައި މަޑުކޮށްފައި އަންނަންށޯ ހައްޔާން ބޭނުންވަނީ."
ޕާޓީ އޮތް ރޭގެ އަނެއް ދުވަހު އަޒްކާމެން ތައިލެންޑަށް ފުރައިފިއެވެ. އެއީ ނިޒާރުގެ ފަރާތުން އެ ދެކުދިންނަށް ދިން ކަވެއިނީގެ ހަދިޔާއެކެވެ. އަޒްކާ ވެސް ކޮންމެ ދުވަހަކު ވެސް ގުޅާފައި ނަވްޔާގެ ހާލުބަލައެވެ. ނަވްޔާއާ ވާހަކަދެއްކޭ ގޮތް ނުވި ނަމަވެސް ނަވްޔާއަށް ނަސީމާ އަޅާލާ ވާހަކަ ނިޒާރުގެ ފަރާތުން އަޒްކާއަށް އޮތީ އެނގިފައެވެ. އަޒްކާމެން މާލެއައީ އިއްޔެވެ. ނަސީމާ ހީކޮށްގެން ހުރީ އަޒްކާމެން އަންނަ ގޮތަށް ރަށަށް އަންނާނެ ކަމަށެވެ.
"އެހެންތަ؟ ރަނގަޅުވާނެ. ދެން އައިސް އުޅޭނީ މިކޮޅުގައި ތާ." ނިޒާރު ބުންޏެވެ.
"އިމާޒު ނުގުޅާތަ؟" މޭޒު ކައިރިން ތެދުވަމުން ނިޒާރު އަހައިލިއެވެ.
"ހޫނ، ނުގުޅާ، އެކަމަކު އަޒްކޮ ބުނި މާޒްއާ ދިމާވި ވާހަކަ. ނިޒާރު އަޅެ ގުޅާލަބަލަ." ނަސީމާ ބުންޏެވެ.
ނަސީމާ ތަށިތައް ނަގަން ފެށުމުން ނިޒާރު ސިޓިންގްރޫމަށް ގޮސް ސޯފާގައި އިށީނެވެ. އިމާޒަށް ފޯނު ކުރުމުން ދާދި ފަސޭހައިން އިމާޒު ފޯނު ނަގައިފިއެވެ.
މާލެ ގޮސް ކިޔަވަން ބޭނުންވާ ވާހަކަ އިމާޒު ބުނީ އަޒްކާމެން ފުރުވަން ގޮސްފައި އައިހެވެ. ކުރިން އެއްބަސް ނުވެފައި ކުއްލިއަކަށް އެ ގޮތަށް ނިންމި ސަބަބު ނޭނގުނު ނަމަވެސް އިމާޒުގެ އެ ގޮތަށް ނިންމީތީ ނިޒާރު އުފާކުރިއެވެ. އިމާޒު ބޭނުންވީ ވީހާ ވެސް އަވަހަކަށް މާލެ ދާށެވެ. ލައްކަ ދުވަސް ބޭކާރުގޮތުގައި ހޭދަކުރެވިއްޖެ ކަމަށާއި ދެން އެންމެ ދުވަހެއް ވެސް ލަސް ކުރަން ބޭނުން ނުވާކަމުގައި އިމާޒު ބުންޏެވެ. އޭގެ އަނެއް ދުވަހުމެ އިމާޒު ފުރައިފިއެވެ.
ފޯނު ބޭއްވުމަށް ފަހު އިމާޒު އެނދުގައި އޮށޯވެލިއެވެ. ނަވްޔާ ރަނގަޅު ވަމުން އަންނަ ވާހަކަ ބައްޕަ ބުނުމުން ހިތުގައިވި އުދާސްކަމަށް ލުޔެއް ލިބުނެވެ. މޭމަތީގައި އަތްބާއްވައިލުމަށް ފަހު އިމާޒު ދެ ލޯ މަރައިލިއެވެ. އެ ވަގުތު ހިތަށް ސިފަވީ ނަވްޔާއެވެ. ކަންފަތުގައި ގުގުމަމުން ދިޔައީ ނަވްޔާ ދެއްކި ވާހަކައެވެ.
"ނަވްޔާ! އަހަރެން ނަވްޔާ ބޭނުންވާ ކަހަލަ މީހަކަށް ވާނަން. އަހަރެންގެ ލޯ ހުޅުވައިދިނީ ނަވްޔާ، ކުރީގައި އަހަރެންނަކީ އެއްވެސް މިސަރާބެއް ނެތި އުޅުނު ބޭކާރު މީހެއް. ނަމަވެސް މިއަދު ކުރިއަށް ދާންވީ ރާސްތާ އަހަރެންނަށް އެނގިއްޖެ." ހިތާހިތާ އިމާޒު ކިޔައިލިއެވެ.
"ނަވްޔާގެ ލޯބި ލިބޭތޯ އެންމެ ފަހު ނޭވާއާ ޖެހެންދެން ވެސް މަސައްކަތް ކުރާނަން." އިމާޒުގެ ލޮލުގެ ކޮޅުން ކަރުނަ ފާއްދައިލިއެވެ.
ފުރުމުގެ ކުރިން ނަވްޔާއާ އެންމެފަހަރަކު ނަމަވެސް ބައްދަލުކޮށް ވާހަކަދައްކަން އިމާޒު ބޭނުންވިއެވެ. ނަމަވެސް އެ ނަސީބު ވެސް އިމާޒަކަށް ނުލިބުނެވެ. ނަވްޔާ ހުންއައިސްގެން އުޅޭތީ ކޮޓަރިން ބޭރަކަށް ނުނިކުމެއެވެ. މަންމަ އަބަދުހެން ކަހަލަ ގޮތަކަށް އުޅުނީ ބަދިގެ ދޮށުގައެވެ.
އެއްފަހަރަކު ނަވްޔާގެ ކޮޓަރިއަށް ބައްޕަ ދާތަން ފެނިގެން އިމާޒު ވެސް ފަހަތުން ދިޔައެވެ. އޭރު މަންމަ އިނީ ނަވްޔާގެ ބޮލުގައި ފެންފޮތި ހާކާށެވެ. އިމާޒަށް ފެނުނީ ގަބޫލުކުރަން ދަތި މަންޒަރެއް ނަމަވެސް ހިތަށް ފިނިކަން ލިބުނެވެ. ނަމަވެސް ނަވްޔާގެ މިލާފައިވާ މޫނުމަތި ފެނުމުން ހިތުގައި ރިއްސައިލިއެވެ. ދެ ތުންފަތް ވެސް ހިކިފައިވީ އިރު ނަވްޔާގެ ދެ ލޯ ވަނީ މެރިފައެވެ. އެ ހިނދު ނަވްޔާގެ ބޯ އެސްފިޔަތަކުގައި ބޮސްދޭހިތް އިމާޒު ވިއެވެ. ނަވްޔާ ރަނގަޅު ވަންދެން މަޑުކުރަން ހިތް އެދުނެވެ. ނަމަވެސް ހިތުގެ މައްޗަށް ބާރު ފޯރުވަމުން އިމާޒު އެ ކޮޓަރިން ނުކުތީއެވެ.
ބަތްޕެންކޮޅު ހިފައިގެން ނަވްޔާގެ ކޮޓަރިއަށް ނަސީމާ ވަންއިރު ނަވްޔާ އިނީ ތަޅުންގަޑު މަތީގައި އިށީނދެގެންނެވެ. ކަކުލުގައި ބޯ އަޅައިގެން އިރު އިސްތަށިގަނޑު ވަށައިގެން ފެތުރިފައިވިއެވެ. ތެޅިފައިވި ގަޑީގެ ބިއްލޫރިކޮޅުތަކަށް ބަލައިލުމަށްފަހު ނަސީމާ ބަތްޕެން ތަށި މޭޒުމަތީގައި ބެހެއްޓިއެވެ. މަޑުމަޑުން ގޮސް ނަވްޔާގެ ކޮނޑުގައި އަތްޖައްސައިލިއެވެ. އެ ވަގުތު ނަވްޔާ ސިހިފައި ދުރަށް ޖެހިލިއެވެ. އަދި މޫނުމައްޗަށް ދެ އަތްތިލަ ހުރަސްކުރުމަށް ފަހު ފަހަތަށް ޖެހެން ފެށިއެވެ.
"ހެޔޮނުވާނެ، ދުރަށްދޭ، އަހަރެންގެ ގައިގައި އަތްނުލާ.' ނަވްޔާ އާދޭސްކުރިއެވެ.
"ނަވްޔާ! މިއީ ނަސީމާއްތައޭ." ނަވްޔާގެ ކޮނޑުގައި ހިފައި ތަޅުވައިގަތުމަށް ފަހު ނަސީމާ ބުންޏެވެ.
އެއާ އެކު ނަސީމާގެ ގައިގައި ބައްދައިގަތުމަށްފަހު ނަވްޔާ އަނެއްކާ ވެސް ރޯން ފެށިއެވެ.
ނަސީމާއްތަ، ކީއްވެ އަހަރެންނަށް މިހެން މިވީ، އަހަރަންގެ ކޮން ކުށެއް އޮތީ؟"
ނަވްޔާ، އެއީ ނަވްޔާގެ ކުށެއް ނޫން. އެކަމަކު ހިތްވަރު ކުރަންވާނެ. ނަވްޔާގެ ދިރިއުޅުން އަދި އޮތީ ކުރިއަށް. އެނގޭތަ؟ ނަވްޔާ ރަނގަޅުވިހާ އަވަހަކަށް ކިޔަވަން މާލެ ފޮނުވާނެ ވާހަކަ ބޮޑުބެ ބުނި. މި ތަނާ ދުރަށް ދިޔުމުން އިރާދަކުރެއްވިއްޔާ މި ދިމާވި ކަންތަކުން ވެސް ނަވްޔާއަށް އަރައިގަނެވޭނެ. ކިޔަވައިގެން މޮޅު މީހަކަށް ވާން ބޭނުމޭ ނަވްޔާ ބުނީމެއްނު." ނަސީމާއްތަ އޯގާތެރިކަމާ އެކު ވާހަކަދެއްކިއެވެ.
މިދިޔަ ހަފްތާގައި ނަސީމާއްތަ އެކި ގޮތްގޮތުން ނަވްޔާއަށް ނަސޭހަތް ދެމުން ގެންގޮސްފައިވެއެވެ. އޭގެ ކުރިން ނަވްޔާއަކަށް ވާނުވާއެއް ނޭނގެއެވެ. ހުން ގަދަކަމުން ކިޔޭނުކިޔޭ އެއްޗެއް ނޭނގޭ ވަރުވިއެވެ. ނަސީމާއްތަގެ ފަރާތުން ލިބެމުން ދިޔަ ލޯތްބާއި އަޅާލުމަކީ އެ ވަގުތަށް ނަވްޔާއަށް ލިބުނު ހިތްވަރެއްކަމުގައިވިއެވެ.
"ނަވްޔާ، ހިތްވަރުކޮށްފައި މި ބަތްޕެންކޮޅު ބޯލަން ހިނގާ. އޭރުން އަވަހަށް މާލެ ގޮސްފައި ކިޔަވަން ފެށޭނީ."
ނަވްޔާ އިސްއުފުލައިލިއެވެ. މާޔޫސްވެ ގޮތް ހުސްވެފައި ވަނިކޮށް އަލިމަގެއް ފެނުނު ކަހަލައެވެ. ކުޑަކޮށް ހަމައަކަށް އެޅުމުން ބަތްޕެން ތަށިން އެތިކޮޅެއް ނަގާ ނަވްޔާ ރަހަ ބަލައިލިއެވެ. ނަސީމާ އިތުރަށް ވެސް އެތައް ވާހަކައެއް ނަވްޔާއާ ދެއްކިއެވެ. ފުރަތަމަ ދުވަސްކޮޅު ނަވްޔާގެ ފަރާތުން އެ ސިއްރު ފާޅުވެދާނެތީ ބިރުން ނަވްޔާއަށް ނިދާ ބޭސް ނަސިމާ ކާންދިނެވެ. ނަވްޔާ ހުން އައުންވީ ނަސީމާއަށް ފަހިވި ފުރުޞަތަކަށެވެ.
ނަވްޔާ ބަތްޕެން ބޮއި ނިމުމުން ނަސީމާ އެ ކޮޓަރިން ނުކުތީ ހިތްހަމަޖެހިފައި ހުރެގެންނެވެ. އެ ރޭގެ ހާދިސާގެ ވާހަކަ ނަވްޔާގެ ދުލުން ބޭރު ނުވާނެ ކަމުގެ ޔަގީންކަން ލިބިފައިވީތީއެވެ. އޯގާތެރިކަމުގެ ދަޅަ ދައްކައިގެން ނަމަވެސް ނަސީމާ ބޭނުންވިގޮތަށް އެ އަނދިރި ސިއްރު ވަންހަނާ ކުރެވިއްޖެކަމަށް ނަސީމާއަށް ޤަބޫލުކުރެވިފައިވެއެވެ.
(ނުނިމޭ)