ބުދަ ދުވަހުގެ ރޭ އެމްއެންޕީގެ ހަރުގޭގައި ވާހަކަ ދައްކަވަމުން، އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ވެސް ހުންނެވި ނާޒިމް ވިދާޅުވީ، ރިިޔާސީ ރޭހަށް ނިކުމެވަޑައިގަތުމަށް ޓިކެޓު ހަވާލުކޮށްފައިވާ، ޕާޓީއެއްގެ ލީޑަރަކު ޖަލުގައި އޮންނެވުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.
ނާޒިމް ވިދާޅުވީ، ރައީސް ޔާމީން ޖަލުގައި އޮތުމުން ކަންބޮޑުވާ ތިން ސަބަބެއް އެބައޮތް ކަމަށެވެ. އެއް ސަބަބަކީ ހުދު އެމަނިކުފާނަކީވެސް ވަރަށް ގިނަ ދުވަހު ޖަލުގައި ނިކަމެތި ކަމާއިއެކު އޮންނަން ޖެހުނު މީހެއް ކަމަށްވާތީ ކަމަށެވެ. އެކަމުގެ އެއް ތަކުލީފު އުފުލި އެކަކީ އެމަނިކުފާނުގެ އަނބިކަނބަލުން ކަމަށް ވިދާޅުވި އެވެ.
އެހެންވެ، އެމަނިކުފާނާއި އެމަނިކުފާނުގެ އާއިލާވެސް މީހަކު ޖަލަށް ލުމަށް ތާއީދުނުކުރާނެ ކަމަށާއި، އެއީ ޖަލަކީ އޮންނަން ފަސޭހަ ތަނަކަށް ނުވާތީ ކަމަށް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ ވެރިކަން ކުރާ މީހުން ޖަލަށް ލުމުގެ ސަގާފަތަކީ ނައްތާލަންޖެހިފައިވާ ސަގާފަތެއް ކަމަށާއި، ވެރިން ޖަލަށްލާން ވެއްޖެނަމަ އެކަމަށް ނިމުމެއް ނޯންނާނެ ކަމަށެވެ.
ނާޒިމްގެ ވާހަކަތަކަށް ރައްދުދެއްވާ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް ވިދާޅުވީ ނާޒިމްގެ ވާހަކަތަކަކީ ރައީސް ޔާމިންގެ ސަޕޯޓަރުންގެ ވޯޓްލިބޭނެކަމަށް ދައްކަވާ ވާހަކައެއް ނަމަ ހިތާމަހުރި ކަމުގައެވެ. އަދި ރައީސް ޔާމިން ކުރައްވަނީ ރާއްޖެ މިނިވަންކުރުމުގެ ޖިހާދެއްކަމަށާއި ނާޒިމް ހުރި ދިމާލެއް ސާފުވާނީ އިންޑިޔާ ސިފައިން މިހާރުން މިހާރަށް ރާއްޖެއިން ފޭބުމަށް ގޮވާލުމުންކަމަށްވެސް ތޯރިގް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ޔާމީންގެ ވެރިކަމުގައި އިސްމަގާމްތަކެއް ފުރުއްވި ޕީޕީއެމްގެ އިސް ބޭފުޅެއްކަމަށްވާ މުހައްމަދު ހުސައިން ޝަރީފް ވިދާޅުވީ ޕީޕީއެމް މެމްބަރުންނަކީ ކުއްޔަށްދޭން ހުންނަ ހަރުގަނޑެއް ނޫން ކަމަށެވެ.
ރައީސް ޔާމީން މިނިވަން ކުރުމަށް ނާޒިމް ގޮވާލެއްވިއިރު ޔާމީނުގެ ވެރިކަމުގައި، ޑިފެންސް މިނިސްޓަރުކަމުގައި ހުންނަވަނިކޮށް 2015 ވަނަ އަހަރުގެ ޖެނުއަރީ 18 ވަނަ ދުވަހުގެ ދަންވަރު 3:15 ހާއިރު ފުލުހުން ނާޒިމްގެ ގެއަށްވަދެ، ހޯދި ފިސްތޯލައަކާއި ތިން ވަޒަންގެ މައްސަލާގައި އެރޭ ހައްޔަރުކޮށް އޭގެފަހުން ޝަރީއަތްކޮށް ނާޒިމްއަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ.