މައުލޫމާތު ލިބިފައިވާ ގޮތުގައި ކާނަލްގެ ދިފާއީ ހެކި ހުށަހެޅީ ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތަށެވެ. ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރުއާއެކު އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ކާނަލްގެ ފަރާތުން ދިފާއީ ހެކި ހުށަހެޅި ނަމަވެސް އެކަމުގެ ތަފްސީލެއް ނުލިބެއެވެ. އެއީ މި ޝަރީއަތަކީ ސިއްރުން ކުރިއަށް ގެންދާ ޝަރީއަތެއް ކަމުގައިވާތީއެވެ.
ކާނަލް ނަޝީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން މީގެ ކުރިން އެއް އަޑުއެހުން ބާއްވާފައިވާއިރު މިއަދު ވަނީ އިބްތިދާއީ އަޑުއެހުން ބާއްވާފައެވެ. އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާއަށް ވަނީ އިންކާރު ކޮށްފައެވެ.
މި މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ފެށިފައި އޮންނަތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ. ކާނަލް އެމްޑީ އަލަމްގީރާއެކު ބަދުއަހުލާގީ އަމަލު ހިންގާ މަންޒަރު ފެންނަ ވީޑިއޯގެ އެނަލިސިސްއެއް ހަދަން އޭނާގެ ފަރާތުން ޝަރިއަތުގައިވަނީ މީގެ ކުރިން އެދިފައެވެ. އޭރުގެ ރިޕޯޓްތައް ބުނާ ގޮތުން ނަޝީދުގެ ފަރާތުން އެދިފައިވަނީ ދައުލަތުން ހުށަހަޅާފައިވާ ވީޑިއޯގެ އެނަލިސިސްއެއް ހަދާށެވެ.
ބަންގަލްދޭޝްގެ އުމުރުން 25 އަހަރުގެ އެމްޑީ އަލަމްގިރި ނަމަކަށް ކިޔާ ޒުވާން ފިރިހެނަކާއެކު ޖިންސީ ގުޅުން ހިންގުމުގައި ތުހުމަތުގައި މިދިޔަ އަހަރުގެ ޖުލައި 28 ވަނަ ދުވަހު ނަޝީދު ހައްޔަރު ކުރި އެވެ. ނަމަވެސް ތަހުގީގު ނިންމާ، ދައުވާ ކުރަން މައްސަލަ ޕީޖީ އޮފީހަށް ފޮނުވުމަށްފަހު ފުލުހުން ވަނީ ނަޝީދު ދޫކޮށްލާފަ އެވެ.
މީގެ ދުވަސްކޮޅެއް ކުރިން އާއްމުވި އެއް ޖިއްސުން ގުޅުން ހިންގި މީހުންގެ ތެރޭގައި ކާނަލް ނަޝީދު ހިމެނޭ ވީޑިއޯ ސޯޝަލް މީޑިއާގައި ލީކުވެފައިވާއިރު އޭނާވަނީ އެކަން ކުރިކަމަށް އެންމެ ފުރަތަމަވެސް އިންކާރުކޮށްފައެވެ. މީގެ ކުރިން މި މައްސަލަތަކުގެ ތެރޭގައި ހިމެނި މިހާރު ހުކުމްކޮށްފައި ތިބި ބައެއް މީހުންވަނީ އެ މީހުން ކުރި ކުށަށް އިއުތިރާފުވެ ތައުބާވެސްވެފައެވެ.