"މިނިމަމް ވޭޖު އެޑްވައިޒަރީ ބޯޑު"ގެ ނަމުގައި ބޯޑެއް އުފައްދާ ބޯޑުގެ ލަފާގެ މަތިން އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ ބާރު ލިބިފައި ވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލަށެވެ. އެގޮތުން މި ބޯޑުން މިހާރު ވަނީ މި ބޯޑުން ވަނީ ރާއްޖޭގައި ދެވޭ އެންމެ ކުޑަ އުޖޫރައަކީ 6،400 ރުފިޔާ ކަމުގައި ހަަމަޖެއްސުމަށް މިނިސްޓަރަށް ލަފާ ވެސް ދެއްވާފަ އެވެ.
އެގޮތުން މިއަދަދާއި މެދު ރައްޔިތުންގެ މަޖިލީހުގެ ލަފަޔަކަށް މިނިސްޓަރު އެދިވަޑައިގަންފައިވާއިރު އެ މައްސަލަ މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ދަނީ ދިރާސާކުރަމުންނެވެ.
މިކަމާއި ގުޅިގެން މިއަދު އިގްތިސާދީ ކޮމިޓީގެ ބައްދަލުވުމުގައި ޝިޔާމް ވިދާޅުވީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ވެރިކަމަށް ވަޑައިގަތުމަށް ކުރެއްވި ކެމްޕެއިންގައި ވަނީ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި 10000 ރުފިޔާ ކަނޑައަޅާނެ ކަމަށެވެ. މިހެންވެ އެކަން އެގޮތަށް ކުރުމަށް އޭނާ ވަނީ ހުށަހަޅުއްވާފަ އެވެ.
ޝިޔާމްގެ މި ހުށަހެޅުއްވުމަށް މާވަށު ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބް ރައީސް މުހައްމަދު ސައީދު ވަނީ ތާއީދު ކުރައްވާފަ އެވެ. ނަމަވެސް އެމްޑީޕީގެ މެމްބަރުން ވަނީ އެކަމާއި ދެކޮޅަށް ވާހަކަ ދައްކަވާފަ އެވެ.
ކޮމިޓީގައި ތިއްބަވާ އެމްޑީޕީގެ މެމްބަރުން ވަނީ މިނިމަމް ވޭޖުގެ ގޮތުގައި ވަކި މިންވަރެއް ދޭނެ ކަމަށް ކެމްޕެއިންގައި ބުނެފައި ނުވާނެ ކަމަށް ވެސް ކޮމިޓީގައި ވިދާޅުވެފަ އެވެ.
މިނިމަމް ވޭޖު އެޑްވައިޒަރީ ބޯޑުގެ ކުރަން ޖެހޭ މަސައްކަތްތަކުގެ ތެރޭގައި ކުޑަ އުޖޫރަ ދިނުމާއި ގުޅޭ ސިޔާސަތުތަކާއި މިންގަނޑުތަކާއި ހަމަތައް ދިރާސާކޮށް މިނިސްޓަރަށް ލަފާ ދިނުމާއި، އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ކަނޑައަޅާ އަދަދު ކޮންމެ ދެ އަހަރަކުން މުރާޖައާ ކުރުމާއި އެ އަދަދާ ގުޅޭ ގޮތުން މިނިސްޓަރަށް ލަފާ ދިނުން ހިމެނެ އެވެ. ދިމާވާ އިގްތިސޯދީ ހާލަތަކާ ގުޅިގެން ދެ އަހަރު ކުރިން ވެސް އެންމެ ކުޑަ އުޖޫރަ މުރާޖައާ ކުރެވިދާނެ ކަމަށް ވެސް އިސްލާހުތަކުގައި ވެއެވެ.
އެންމެ ކުޑަ އުޖޫރަ ދޭ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ އިމާރާތްކުރުމުގެ ދާއިރާ، މަސްވެރިކަމުގެ ދާއިރާ، ޓޫރިޒަމްގެ ދާއިރާ، ތައުލީމީ ދާއިރާ، ދަނޑުވެރިކަމުގެ ދާއިރާ އަދި ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ދާއިރާ އެވެ.
މިނިމަމް ވޭޖް އަދިވެސް މާ ކުޑައޭ ބުނެ ދެކެވޭ ވާހަކަތަކަށް ޖަވާބު ދެއްވަމުން އިކޮނޮމިކް މިނިސްޓަރު ވަނީ މިނިމަމް ވޭޖް އާއި ލިވިން ވޭޖަކީ ވަރަށް ތަފާތު ދެ އެއްޗެއް ކަމަށާއި ދުނިޔޭގެ އެއްވެސް ގައުމެއްގައި ލިވިން ވޭޖް ނުވަތަ މީހެއްގެ ދިރިއުޅުމުގެ ހުރިހާ ހަރަދެއް ހަމަޖެއްސޭ ވަރުގެ އުޖޫރައެއް ދޭން ލާޒިމް ނުކުރާ ކަމުގައެވެ.
މީގެ ކުރިން މިނިސްޓަރު ވަނީ މިނިމަމް ވޭޖް ފަށައި ގަންނަ އިރު ބިދޭސީން ނުހިމެނޭނެ ކަމަށާއި މިހާރު ހުށަހަޅާފައިވާ ރޭޓުން ބިދޭސީންގެ މުސާރަ އިތުރު ކުރި ނަމަވެސް ލޯ ސްކިލްޑް ލޭބަރުންގެ މުސާރަ ގާތްގަނޑަކަށް ދެ ގުނަ އިތުރުވެގެން ދާނެ ކަމަށް ވިދާޅުވެފަ އެވެ.
އެގޮތުން ވިދާޅުވީ ދިވެހިންނާއި ބިދޭސީންނަށް އެއް ހަމަޔެއްގައި މިނިމަމް ވޭޖް ކަނޑައެޅުމަކީ އެންމެ ރަނގަޅު ގޮތް ކަމަށާއި އެހެން ނަމަވެސް ބިދޭސީން އިސްތިސްނާ ކުރުމަކީ މައްސަލައެއް ނޫން ކަމަށް އިންޓަނޭޝަނަލް ލޭބަ އޯގަނައިޒޭޝަން (އައިއެލްއޯ) އިން ވެސް ލަފާ ދީފައިވާ ކަމަށެވެ.