ads
އެސްއޯއީ ކޮމިޓީގެ ބައްދަލުވުމެއް: ބީއެމްއެލްގެ އެކައުންޓުތަކުން ފައިސާ ގެއްލޭ ކަމަށް ބުނާ މައްސަލައެއް އެމްއެންޕީން ވަނީ ހުށަހަޅާފައި - ފޮޓޯ:މަޖިލިސް
ބީއެމްއެލްގެ އެކައުންޓުތަކުން ފައިސާ ގެއްލޭ މައްސަލަ އެސްއޯއީ ކޮމިޓީއަށް
ބީއެމްއެލްގެ އެކައުންޓުތަކުން ފައިސާ ގެއްލޭ ކަމަށް ބުނާ މައްސަލައެއް އެމްއެންޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް (އެސްއޯއީ) ކޮމިޓީއަށް އެ މައްސަލަ އެމްއެންޕީގެ ފަރާތުން ހުށަހެޅުއްވީ އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕް ލީޑަރު އަދި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒެވެ.

ރިޔާޒު ހުށަހެޅުއްވި މައްސަލައިގައި އޭނާ ވިދާޅުވެފައިވަނީ ބީއެމްއެލްގެ އެކައުންޓުތަކުން ފައިސާ މަދުވާ މައްސަލައިގައި އެކައުންޓުތަކުގެ ވެރި ފަރާތްތަކުން އުދާސް ފާޅުކޮށް، ޝަކުވާ އުފުލި ކަމުގައި ވިޔަސް، ބީއެމްއެލް އާއި ގާނޫނު ތަންފީޒުކުރާ އިދާރާ އާއި ބޭންކިންގެ ދާއިރާގެ ބެލެނިވެރި ފަރާތް ކަމަށްވާ އެމްއެމްއޭއިން މިހާތަނަށް ޒިންމާދާރުކަމާ އެކު ބަހެއް ބުނެފައި ނުވާ ކަމަށެވެ.

އެމްއެންޕީގެ ފަރާތުން ފޮނުވި ސިޓީގައި ވަނީ ރޯދަ މަސް ބޯމަތިވެފައިވަނިކޮށް ރައްޔިތުންގެ އެތައް ބައެއްގެ އެކައުންޓުތަކުން ވީނުވީއެއް ނޭނގޭ ގޮތަށް ފައިސާ ގެއްލުމަކީ ދިރިއުޅުމުގެ ޒަރޫރީ ކަންކަން ހަމަޖެއްސުމުގައި އެ ފަރާތްތަކަށް ނުހަނު ބޮޑެތި ތަކުލީފުތަކާ ކުރިމަތިލާން މަޖުބޫރު ކުރާނެ ހާލަތެއް ކަމަށާއި އެ ޝަކުވާތައް އަވަހަށް ބަލައި، ފައިސާ ލިބެން ޖެހޭ ފަރާތްތަކަށް އެ ފައިސާ އަވަހަށް ލިބޭނެ އިންތިޒާމުތައް ސަރުކާރު މެދުވެރިކޮށް ހަމަޖެއްސުމަށް މަސައްކަތް ކުރުމަށް ކޮމިޓީގެ ކިބައިން އެދޭ ކަމަށެވެ.

މަކަރާ ހީލަތުން މީހުންގެ އެކައުންޓުތަކުން ގިނަ އަދަދެއްގެ ފައިސާ ނަގާ ކަމުގެ ޝަކުވާތައް މި ފަހަކަށް އައިސް ގިނަވެފައިވާއިރު، އިންޓަނެޓް ބޭންކް ކްރެޑެންޝިއަލް ކޮމްޕްރަމައިޒް ކުރުމަށްފަހު، އިންޓަނެޓް ބޭންކިން އެޕްލިކޭޝަން ބޭނުންކޮށްގެން ކިއުއާރު ކޯޑު ސްކޭން މެދުވެރިކޮށް 200،000 އަށް ވުރެ ގިނަ ރުފިޔާގެ މުދާ ގަނެފައިވާ މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ފުލުހުން ވަނީ ބުނެފައެވެ.

ސޯޝަލް މީޑިއާގައި ބީއެމްއެލްގެ ކާޑުތަކުގެ މައުލޫމާތު ހާމަވެފައިވާކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކާ ގުޅޭގޮތުން ބީއެމްއެލްގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި ބީއެމްއެލްގެ ކަސްޓަމަރުންގެ ކާޑުގެ ނުވަތަ ކަސްޓަމަރެއްގެ އެއްވެސް އެހެން މައުލޫމާތެއް އާންމުވެފައި ނުވާ ކަމުގައެވެ.

ބީއެމްއެލުންވަނީ އެ ބޭންކުގެ މޮބައިލް ވޮލެޓް މެދުވެރިކޮށް ކިއުއާރު ބޭނުންކޮށްގެން ކުރެވޭ މުއާމަލާތްތަކަށް ބަދަލުވެސް ގެނެސްފައެވެ. އެގޮތުން ކިއުއާރު ބޭނުންކޮށްގެން މޮބައިލް ވޮލެޓުން ކުރެވޭ ކޮންމެ މުއާމަލާތެއްގެ އެންމެ މަތީ އަދަދަކީ 750 ރުފިޔާ ކަމުގައި ކަނޑައަޅައި، ދުވާލެއްގެ މައްޗަށް ކޮންމެ ކަސްޓަމަރަކަށް ކުރެވޭނީ ގިނަވެގެން 10 މުއާމަލާތް ކަަމަށް ވަނީ ނިންމާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް