ads
ބްލޫ ރިޖް ރެސިޑެންސްގެ މުއާސަލާތީ ހިދުމަތްތައް ބެލެހެއްޓުމަށް އެޗްޑީސީން ސްޓެލްކޯ އާއެކު ޕާޓްނަޝިޕެއް ހެދުން - ފޮޓޯ:އެޗްޑީސީ
ބްލޫ ރިޖް ރެސިޑެންސްގެ މުއާސަލާތީ ހިދުމަތްތައް ބަލަހައްޓަން ޕާޓްނަޝިޕެއް
ބްލޫ ރިޖް ރެސިޑެންސްގެ މުއާސަލާތީ ހިދުމަތްތައް ބެލެހެއްޓުމަށް އެޗްޑީސީން ޕާޓްނަޝިޕެއް ހަދައިފިއެވެ.
Advertisement

އެޗްޑީސީން ބުނީ ހުޅުމާލޭގައި ޓެލެކޮމިއުނިކޭޝަން އިންފްރާސްޓްރަކްޗަ ސްޓޭންޑަޑައިޒް ކުރުމަށް އެ ކޯޕަރޭޝަނުން މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

އެގޮތުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބްލޫ ރިޖް ރެސިޑެންސްގައި މުއާސަލާތީ ހިދުމަތްތައް ބެލެހެއްޓުމަށް ސްޓެލްކޯ އާއެކު ޕާޓްނަޝިޕެއް ހަދާފައިވާކަމަށް އެޗްޑީސީން ބުނެއެވެ.

'ބްލޫ ރިޖް' އަކީ ސްޓެލްކޯގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރި ދެ ޓަވަރަށް ކިޔާ ނަމެވެ. އެ ދެ ޓަވަރުގައި ހިމެނެނީ ޖުމްލަ 360 ފްލެޓެވެ. އެއީ އެއް ކޮޓަރީގެ 72 ފްލެޓާއި ދެ ކޮޓަރި އާއި މެއިޑް ކޮޓަރި ހިމެނޭ 288 ފްލެޓެވެ. ފްލެޓް ލިބުނު މުވައްޒަފުންނަށް ތަޅުދަނޑި ހަވާލުކޮށްފައިވާއިރު، މިހާރު ވަނީ އެ އެޕާޓްމަންޓުތަކުގައި މީހުން އުޅެން ފަށާފައެވެ.

your imageބްލޫ ރިޖް ރެސިޑެންސްގެ މުއާސަލާތީ ހިދުމަތްތައް ބެލެހެއްޓުމަށް އެޗްޑީސީން ސްޓެލްކޯ އާއެކު ޕާޓްނަޝިޕެއް ހެދުން - ފޮޓޯ:އެޗްޑީސީ

އެޗްޑީސީން ވަނީ މިދިޔަ ޑިސެމްބަރު މަހު ހިޔާ ސަރަހައްދުގެ މޮބައިލް ކަވަރޭޖް ރަނގަޅުކުރުމަށް ސެލިއުލަ ޓަވަރުތަކެއް ޖެހުމަށް ދިރާގާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ހިޔާ ފުލެޓް ސަރަހައްދުގެ އިތުރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އެނޫންވެސް ސަރަހައްދުތަކުގައި މޮބައިލް ކަވަރޭޖް ރަނގަޅުކޮށް އިތުރަށް ފުރިހަމަ ކުރުމުގެ ކަންކަން އެ ކޯޕަރޭޝަނުން ކެނޑިނޭޅި ކުރަމުންދާ ކަމަށް މީގެ ކުރިން އެޗްޑީސީން ބުނެފައިވެއެވެ.

އެޗްޑީސީން ބުނި ގޮތުގައި ހުޅުމާލެ އަކީ ހުރިހާ ގޮތަކުންވެސް ރައްޔިތުންނަށް ލުއިފަސޭހަ ސިޓީ އަކަށް ހެދުމަށް ގިނަގުނަ މަސައްކަތްތަކެއް އަބަދުވެސް ކުރަމުންދާ ކަމަށާއި އެގޮތުން ހުޅުމާލެ އަކީ ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ސްމާޓް ސިޓީ އަށް ހެދުމުގެ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ މުއާސަލާތީ ކަންކަން ހަރުދަނާ ކުރުމަކީ އެ ކޯޕަރޭޝަނުގެ އެއް އަމާޒު ކަމުގައެވެ.

މުއާސަލާތީ ޓަވަރުތަކުގެ އިތުރުންވެސް ސްމާޓް ސިޓީއަކަށް ވާސިލުވުމަށް ބޭނުންވާ ޑިޖިޓަލް އިންފްރާސްޓްރަކްޗަގެ މައިގަނޑު އެއް އަސާސް ކަމަށްވާ އޯޕަން އެކްސެސް ނެޓްވޯކެއް އެ ކޯޕަރޭޝަނުން ވަނީ ހުޅުމާލޭގައި ގާއިމުކޮށްފައެވެ. މި ވިއުގަ މެދުވެރިކޮށް ހިޔާ ފްލެޓުތަކުގެ އިތުރުން ސްޓެލްކޯ، އެމްއޭސީއެލް އަދި މިނޫންވެސް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ފަރާތްތަކަށް ދިރާގު، އުރީދޫ، މީޑިއާނެޓް އަދި އާރުއޯއެލްގެ ހިދުމަތްތައް ދަނީ ފޯރުކޮށްދެމުން ކަމަށް އެޗްޑީސީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް