މިމައްސަލަ ހައިކޯޓްގައި ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ދައުވާ ފޯމް ބާތިލްކޮށް އިއްޔެ ނެރުނު އަމިރުގައި ބުނެފައިވަނީ، މައްސަލައިގެ ޝަރީއަތަށް، ހާޒިރުވުމަށް "ކޯޓަށް ހާޒިރު ވުމުގެ އަމުރު" ޓްރާންސްޕޭރެންސީގެ ލޯފާމް، "އެސް އެންޑް އޭ ލޯޔާސް އެލް އެލް ޕީ" އަށް ރައްދުވި ނަމަވެސް އެފަރާތުން ކޯޓަށް ހާޒިރުވެފައި ނުވާކަމަށެވެ.
އެހެން ކަމުން މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން މިމައްސަލަ ބާތިލްކޮށްފައިވާކަމަށެވެ.
މި މައްސަލައަކީ އަލީ ޝަރީފަށް އިނގިރޭސިވިލާތުގެ ވެސްޓްމިންސްޓް ފައުންޑޭޝަން ފޮ ޑިމޮކްރަސީއިން ވަޒީފާގެ ފުރުސަތެއް ތަނަވަސްވުމުން އެކަމުގެ މައުލޫމާތު ޓްރާސްޕޭރަންސީ މޯލްޑިވްސްގެ ބައެއް އިސްވެރިންނާއި އަނގަބަހުން ހިއްސާކުރުމުން، ދެފަރާތުގެ ދެމެދުވެފައިވާ ވަޒީފާގެ އެއްބަސްވުމާ ހިލާފަށް ވަޒީފާއިން ވަކިކުރި ކަމަށްބުނެ، އަލީ ޝަރީފުގެ ފަރާތުން ޓްރެބިއުނަލަށް ހުށަހެޅުމުން އަލީ ޝަރީފާއި އެއްކޮޅަށް ނިންމާފައިވާ މައްސަލައެކެވެ.
2019 ވަނަ އަހަރުގެ އޮކްޓޫބަރު 28 ގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއަށް މައްސަލަ ހުށަހަޅާފައި ވަނީ އަލީ ޝަރީފު ޗުއްޓީ ނަގާނެ ތާރީހާއި މުއްދަތު، އޭނާއާ މަޝްވަރާކުރުމެއް ނެތި ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ފަރާތުން ކަނޑައަޅާފައިވާތީއާއި، އޭނާއަށް އަހަރީ ޗުއްޓީ ދިނުމުގައާއި ވަޒީފާގެ މާހައުލުގައި، އޭނާއާ އެއް ގިންތިއެއްގައި މަސްކަތްކުރަމުންދިޔަ އެހެން މުވައްޒަފުންނާ އޭނާއާ ދެމެދު ތަފާތުކުރުން ގެންގުޅެ، ވަޒީފާގެ ޒިންމާތައް އުފުލުމަށް ދަތިވާނެ އަމަލުކުރަމުންދާ ކަމަށް ބުނެ އެވެ.
އޭގެ އިތުރުން އޭނާއަށް ވެސްޓްމިންސްޓާ ފައުންޑޭޝަން ފޮ ޑިމޮކްރަސީއިން ފަހިވި ވަޒީފާގެ ފުރުސަތަށް ހީނަރުކަން ލިބޭނެ މަގުން އޭނާއާ މެދު ނުބައި ތަސައްވުރެއް އުފެއްދުމުގެ ގަސްދާއި ނިޔަތުގައި، ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ފަރާތުން އެ ޖަމްއިއްޔާގެ އިސް މުވައްޒަފަކު ވެސްޓްމިންސްޓާ ފައުންޑޭޝަން ފޮ ޑިމޮކްރަސީގެ އިސް ފަރާތަކާ މުއާމަލާތުކޮށްފައިވާތީ އެކަމަށް ހައްލެއް ހޯދަން ޓްރާންސްޕޭރަންސީގެ ބޯޑަށް ވެސް ހުށަހެޅި ނަމަވެސް ޖަވާބެއް ނުލިބުމާއި ވަޒީފާއިން ވަކިވާންޖެހުނު ތާރީހުން ފެށިގެން، އަލުން އަނބުރާ ވަޒީފާއަށް ރުޖޫއަކުރެވޭ ތާރީޚުގެ ނިޔަލަށް، ލިބެންޖެހޭ މުސާރައާއި ޢިނާޔަތްތައް ދިނުމަށް އަމުރުކޮށްދިނުމަށެވެ.
އެ މައްސަލަ ބަލާއި ނިންމުމަށް ފަހު ޓްރައިބިއުނަލްއިން އާންމުކުރި ހުލާސާ ރިޕޯޓްގައި ވަނީ އަލީ ޝަރީފާއިއެކު ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ކޮށްފައިވާ މުއާމަލާތްތަކަކީ އޭނާއާ މެދު ނުބައި ނިޔަތުގައި ކޮށްފައިވާ މުޢާމަލާތްތަކެއް ނޫންކަމަށާއި، އޭނާ ވަޒީފާއިން ވަކިކުރުމުގެ ނޯޓިސް ދީފައި ނުވާނެކަމަށާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް އުފުލުމަށް ދަތިވާނޭފަދައިން އަމަލުކޮށްފައިވެސް ނުވާނެކަމަށް ބުނެ ޓްރާންސްޕޭރަންސީން ޖަވާބުދާރީވެފައިވާ ކަމަށެވެ. އަދި އޭނާގެ ވަޒީފާގެ މާހައުލުގައި ތަފާތުކުރުން ގެންގުޅެފައިވާކަމަށް އެފަރާތުން ބުނެފައިވީނަމަވެސް، ތަފާތުކުރުމެއް ގެންގުޅެފައި ނުވާނެކަމަށާއި، އެހެން މުވައްޒަފުންނާ އެއްގޮތަށް، އޭނާއަށް ދޭންޖެހޭ ހައްގުތަކާއި ހިދުމަތްތައް ލިބިދީފައިވާނެކަމަށާއި، އެގޮތުން، ވަޒީފާ އަދާކުރާ ތަނުގެ ވަސީލަތްތަކާއި، އުޖޫރައާއި އެހެނިހެން އިނާޔަތްތައްވެސް ދީފައިވާ ކަމަށް ބުނެފައިވާ ކަމަށެވެ.
އޭގެ އިތުރުން އޭނާ ވަޒީފާއިން ވަކިވެފައިވަނީ ސުލްހަވެރިކަމާއެކު، އަދި އެފަރާތުގެ އަމިއްލަ އިހްތިޔާރުގައި ކަމަށާއި، އޭނާގެ އެދުމުގެ މަތިން، ވެސްމިންސްޓާ ފައުންޑޭޝަން ފޮ ޑިމޮކްރަސީއަށް ދީފައިވާ ރެފަރެންސްއަކީ ވަޒީފާއާބެހޭ ގާނޫނުގެ ތަރަހައިން ބޭރުން އެދިފައިވާ ރެފަރެންސްއެއްކަމަށާއި، އެހެންކަމުން، އެ ރެފަރެންސްގެ ސަބަބުން އޭނާއަށް ލިބުނު ވަޒީފާގެ ފުރުސަތު ގެއްލިފައިވާކަމަށް ބަޔާންކޮށް ގެއްލުމުގެ ބަދަލު ހޯދުމަށް އެދިފައިވީނަމަވެސް، އެކަމުގެ މައްޗަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ގޮތެއް ނުނިންމޭނެކަމަށް ގަބޫލުކުރާކަމުގައި ބަޔާންކޮށް އެތަނުން ޖަވާބުދާރީވާ ކަމަށް ރިޕޯޓްގައިވެ އެވެ.
އަދި ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން އޭނާއާ މެދު ވަޒީފާގެ މާޙައުލުގައި މުޢާމަލާތުކު ރުމުގައި އަމަލުކޮށްފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 37 ވަނަ މާއްދާގެ ށ ގައި ބަޔާންކޮށްފައިވާ ފަދައިން ހަމަހަމަކަމާއެކު ނޫންކަމަށް ބުރަވެވޭތީ އާއި، އޭނާއަށްށް އެހެން ތަނަކުން ހުށަހެޅި ވަޒީފާގެ ފުރުސަތު ގެއްލުމަކީ ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން އޭނާއާ މެދު އަމަލުކޮށްފައިވާގޮތުގެ ސަބަބުން ލިބުނު ގެއްލުމަށް ކަމަށް ބުރަވެވޭ ކަމަށެވެ.
މިހެންވެ ވަޒީފާއާބެހޭ ގާނޫނުގެ ދަށުން ގެއްލުމުގެ ބަދަލު ނަގައިދިނުމަށް ކަނޑައަޅައި، އޭނާއަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި، ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ވަޒީފާއިން ވަކިވި ތާރީހުން ފެށިގެން، ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެ މައްސަލަ ނިންމާ ދުވަހާ ހަމައަށް ޓްރާންސްޕޭރަންސީ މޯލްޑިވްސްގައި ވަޒީފާގައި ދެމިހުރިނަމަ ހައްގުވާނެ މުސާރައާއި ޢިނާޔަތްތައް ދިނުމަށް ވަނީ އަމުރުކޮށްފަ އެވެ.
އެ ފައިސާގެ އަދަދު ހަތަރު ލައްކައާއި ގާތް ކުރެއެވެ. ނަމަވެސް މިހާތަނަށް އެ ފައިސާ އަލީ ޝަރީފަށް ހަމަޖައްސާ ދީފައެއް ނުވެއެވެ.