މި ފްލެޓު އިފްތިތާހުކޮށްފައިވަނީ މިއަދު 'މަލަސް ރެސިޑެންސް' ގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރެވެ. އެ ރަސްމިއްޔާތުގައި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހާއި އެ ކުންފުނީގެ މެނޭޖްމަންޓް ޓީމާއި މުވައްޒަފުންގެ އިތުރުން މަޝްރޫއުގެ ކޮންޓްރެކްޓަރުގެ އޮފިޝަލުންވެސް ބައިވެރިވެފައިވެއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް ވިދާޅުވެފައިވަނީ، އެ ކުންފުނީގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ގާއިމުކުރި 'މަލަސް ރެސިޑެންސް' ރަސްމީކޮށް ހުޅުވިގެން ދިޔުމަކީ، ކުންފުނީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަމުގެ ފުރުސަތު ފަހިވެ، ހެޔޮ އަގުގައި އަމިއްލަ ތަނެއް ލިބުމަށް މަގުފަހިވެގެންދިޔަ ކަމެއް ކަމަށެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ހައުސިން މަޝްރޫއެއް ކުރިއަށް ގެންދިއުމަށް މަގު ފަހިކޮށްދިނުމަކީ އެ ކަމަށް އެދި އެދި ތިބި ފަރާތްތަކަށް ސަރުކާރުން ހުޅުވާލަދިން ރަނުގެ ފުރުސަތެއްކަމުގައި ޝާހް ފާހަގަކުރެއްވިއެވެ.
އެމްޑަބްލިޔުއެސްސީގެ 'މަލަސް ރެސިޑެންސް' ގައި ޖުމްލަ 192 އެޕާޓްމަންޓް ހިމެނެއެވެ. އެއީ ތިން ކޮޓަރީގެ 60 އެޕާޓްމަންޓާއި 1+2 ކޮޓަރީގެ 40 އެޕާޓްމަންޓާއި އަދި އެއް ކޮޓަރީގެ 92 އެޕާޓްމަންޓެވެ. މީގެ އިތުރުން، 'މަލަސް ރެސިޑެންސް' ގައި ކުޑަކުދިންނަށް ހާއްސަކޮށްގެން ކުޅޭ އޭރިއާއަކާއި ފިހާރައެއްގެ އިތުރުން، އެއްގަމުގައި ދުއްވާ އުޅަނދުފަހަރު ޕާކް ކުރުމަށް އިމާރާތުގެ ދެ ފަރާތުން ޕާކިން ޒޯނެއް ވަނީ ގާއިމުކޮށްފައެވެ. މި މަޝްރޫއު ކުރިޔަށް ގެންގޮސްފައި ވަނީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ 'ދި ޓްވެންޓީތާޑް މެޓަލާނޖިކަލް ކޮންސްޓްރަކްޝަން ގުރޫޕް ކޯ ލ.ޓ.ޑ އޮފް މިނެމެޓަލްސް' އާ ހަވާލުކޮށްގެންނެވެ.
އެމްޑަބްލިޔުއެސްސީން ބުނި ގޮތުގައި 'މަލަސް ރެސިޑެންސް' ގައި ހިމެނޭ އެޕާޓްމަންޓުތަކުގެ ވެރިންނަށް މިހާރު ތަޅުދަނޑި ހަވާލުކޮށްފައިވާ ކަމުގައެވެ. އެ ކުންފުނިން އެޕާޓްމަންޓް ލިބުނު ފަރާތްތަކަށް މަހުން މަހަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގައި ލުއި ގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން، އިސްލާމިކް ބޭންކް މެދުވެރިކޮށް ފްލެޓަށް ފައިސާ ދެއްކޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައި ކަމަށް ވެސް އެމްޑަބްލިޔުއެސްސީން ބުނެއެވެ.
އެމްޑަބްލިޔުއެސްސީން ބުނީ އެ ކުންފުނީގެ ހިޔާ މަޝްރޫއުގެ ސަބަބުން ގިނަ މުވައްޒަފުންނަށް ބޯހިޔާވަހިކަން ޔަގީންވެގެންދާނެ ކަމަށެވެ.