ads
ފެނަކައިގެ ކުރީގެ އެމްޑީ ނިމާލް
ފެނަކައިގެ ކުރީގެ އެމްޑީ ނިމާލްގެ މައްޗަށް ހިޔާނާތުގެ ދައުވާކޮށްފި
ލިކުއިޑޭޓް ޑެމޭޖެސްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 2.54 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިނުވާ މައްސަލާގައި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ނިމާލާއި، އެ ކޯޕަރޭޝަންގެ އޭރުގެ ފައިނޭންސް ޑިވިޝަންގެ ޑިރެކްޓަރު މިންހާޖު ވަހީދަށް ހިޔާނާތުގެ ދައުވާ ކޮށްފި އެވެ.

ކޮންޓްރެކްޓް އުސޫލުން ތަކެތި ހޯދުމަށް ފެނަކަ ކޯޕަރޭޝަނާއި އަމިއްލަ ކުންފުނިތަކާ ދެމެދު ހަދާފައިވާ އެއްބަސްވުންތަކުގެ ދަށުން އެއްބަސްވެފައިވާ މުއްދަތަށް ތަކެތި ފޯރުކޮށް ނުދެވުމުގެ ސަބަބުން ލިކްއިޑޭޓެޑް ޑެމޭޖަސްގެ ގޮތުގައި ކަނޑަންޖެހޭ 2.54 މިލިއަން ރުފިޔާ އުނިނުކޮށް ކޮންޓްރެކްޓަރުންނަށް ފައިސާ ދީފައިވާ މައްސަލައިގައި އެދެމީހުންގެ މައްޗަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް ހުށަހެޅީ މިއަދު އެވެ.

ދައުވާކޮށްފައިވަނީ:

  • ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން، ދައުލަތަށް ނުވަތަ ރައްޔިތުންނަށް ފައިދާއެއް އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލުކުރުމުގެ ދައުވާ

ޕީޖީ އޮޮފީހުން ބުނިގޮތުގައި، 2013 ވަނަ އަހަރުގެ ނޮވެންބަރު މަހުން ފެށިގެން 2016 ވަނަ އަހަރުގެ ސެޕްޓެންބަރު މަހާ ހަމައަށް ނިމާލް ފެނަކައިގެ އެމްޑީ މަގާމުގައިހުރެ، އަދި މިންހާޖު އެކޯޕަރޭޝަންގެ ފައިނޭންސް ޑިވިޝަންގެ ޑިރެކްޓަރުގެ މަޤާމުގައިހުރެ، އަަމިއްލަ ކުންފުނިތަކަކާއިއެކު ހަދާފައިވާ އެއްބަސްވުންތަކެއްގައި ދައުލަތަށް ގެންލުންވާފަދަ ގޮތަށް އަމަލުކޮށްފައިވާ ކަމަށެވެ.

އެގޮތުން ޕްލާންކްޓަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް، އަދި ނިއުމެޓިކް ޕްރައިވެޓް ލިމިޓެޑާއި އެކު ފެނަކައިން ވި އެއްބަސްވުމާއި އެއްގޮތަށް ތަކެތި ފޯރުކޮށްދީފައި ނުވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ފެނަކައިގެ ޕްރޮކިއުމަންޓް ޕޮލިސީގައި، މުދާ ޑެލިވަކުރުމަށް ކަނޑައަޅާ މުއްދަތު ފާއިތުވާ ފަހުން މުދާ ޑެލިވަކޮށްފިނަމަ، ލަސްވި ދުވަސްތަކަށް ލިކުއިޑޭޓެޑް ޑެމޭޖަސް އުނިކުރަންވާނެކަމަށް ބަޔާންކޮށްފައި ވެއެވެ. އެކަމަކު އެއްބަސްވި މުއްދަތުގައި ދައުލަތަށް މުދާ ލިބިފައިނުވާއިރު ވެސް، އޭގެ ބަދަލުގައި ދައުލަތަށް ލިކުއިޑޭޓް ޑެމޭޖެސްގެ ގޮތުގައި ލިބެންޖެހޭ 2.54 މިލިއަން ރުފިޔާ ލިބިފައިނުވަނީ ނިމާލާއި، މިންހާޖުގެ އަމަލުތަކުގެ ސަބަބުންކަމަށް ޕީޖީ އޮފީހުން މިއަދު ބުންޏެވެ. ނިމާލު މިހާރު ހުންނެވީ ކ. އަތޮޅު ކައުންސިލްގެ ރައީސް މަގާމުގައެވެ.

މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދައުވާއާއި، ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާކުރުމަށް އޭސީސީން މިދިޔަ ނޮވެމްބަރު މަސްތެރޭ ޕީޖީ އޮފީހަށް ފޮނުވީ ނިމާލް އާއި މިންހާޖުގެ އިތުރުން، އިތުރު ދެމީހަކަށްވެސް ތުހުމަތުކޮށެވެ.

އެ ދެމީހުންނަކީ:

  • ޕްރޮޖެކްޓް ޑިވިޝަންގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމުގައި އޭރު ހުރި އަހްމަދު ސާލިހު ނަސީރު
  • ފައިނޭންސް އެންޑް އެކައުންޓްސް ޑިވިޝަންގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމުގައި އޭރު ހުރި އަހްމަދު އަޒްލީމް 

އެކަމަކު މި ދެމީހުންގެ މައްޗަށް ދައުވާ ނުކޮށް އެ ދެމީހުންގެ ބައި އޭސީސީއަށް ފޮނުވާލާފައިވާ ކަމަށް މިއަދު ޕީޖީ އޮފީހުން ބުންޏެވެ. އެ ދެމީހުންގެ ބައި ފޮނުވާލީ، ދައުވާކުރެވޭ މިންވަރަށް ހެކި ގަރީނާ ލިބިފައި ނުވާތީ އާއި, ދައުވާކުރުމުގެ މަސްލަހަތު އޮތްކަމަށް ނުފެންނާތީ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް