ދޮންދިގުގެ ހުކުމް އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށް އޭނާގެ ފަރާތުން ކޯޓުގައި އެދުނީ އަދަބު ލުއިކޮށްދިނުމަށެވެ.
މި މައްސަލައިގައި ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން މިއަދުވަނީ، އެއް އަހަރާއި ދެމަހާއި 12 ދުވަހުގެ ޖަލު ހުކުމުން، ދެ މަހާއި 12 ދުވަހުގެ ބައި އުނިކޮށްފައެވެ. އެހެންކަމުން ދޮންދިގު މި މައްސަލައާ ގުޅިގެން ޖަލުގައި ހުންނަން ޖެހޭނީ އެއް އަހަރު ދުވަހުއެވެ.
މި މައްސަލައިގައި ގާނޫނުލް އުގޫބާތުގެ ދަށުން ރަފީއުގެ މައްޗަށް އެއްޖިންސުން ޖިންސީގުޅުން ހިންގި ކަމުގެ ދައުވާކޮށް ޕީޖީން ކްރިމިނަލް ކޯޓުގައި އެދުނީ ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ރަފީއުގެ މައްޗަށް އިއްވައި ދިނުމަށެވެ.
ނަމަވެސް ކްރިމިނަލް ކޯޓުގައި މައްސަލަ ބެއްލެވި ގާޒީ ނިންމެވީ، ގާޒީއަށް ލިބިދެވޭ އިހުތިޔާރުގެ ދަށުން އެ ކުށުގެ އަދަބު ދެ ދަރަޖަ މަތިކޮށް އެއް އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވުމަށެވެ. ހައިކޯޓުންވަނީ މި ނިންމުމުގައި މައްސަލައެއް ނެތް ކަމަށް ކަނޑައަޅާފައެވެ. އެހެންނަމަވެސް އަދަބުގެ މުއްދަތު ގުނުމުގެ ހިސާބު ހެދުމުގައި ދަށު ކޯޓުން ހިސާބު ހަދާފައިވަނީ ރަނގަޅަށް ނޫން ކަމަށް ނިންމިއެވެ.
ގާނޫނުލް އުގޫބާތުގެ ދަށުން ރަފީއުގެ މައްޗަށް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވިއިރު، މި މައްސަލާގައި މީގެ ކުރިން ހުކުމް އިއްވި ދެމީހުންނަށްވެސް އިއްވާފައިވަނީ ކުޑަ ހުކުމެކެވެ. މި މައްސަލާގައި އެންމެ ކުޑަ އަދަބެއް އިއްވާފައިވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރަށެވެ. އޭނާއަށް އިއްވީ ތިން މަހުގެ ގޭބަންދު ހުކުމެކެވެ. އޭނާގެ އަދަބު ލުއިވި ސަބަބަކަށް ބުނެފައިވަނީ އެކަމާއި ހިތާމަފާޅުކޮށް، އާއްމުކޮށް މައާފަށް އެދުމުން ކަމަށެވެ.