މި އެއްބަސްވުމުގައި އެމްޑަބްލިޔުއެސްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހެވެ. ޓީއެފްޖީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު ހުސެން ޒިނާނެވެ. މި ރަސްމިއްޔާތުގައި ޓީއެފްޖީގެ މެނޭޖްމަންޓް ޓީމާއި އެތުލީޓުންގެ އިތުރުން އެމްޑަބްލިޔުއެސްސީގެ މެނޭޖްމަންޓް ޓީމާއި މުވައްޒަފުން ބައިވެރިވެފައިވެއެވެ.
އެމްޑަބްލިޔުއެސްސީން ބުނީ އެ ކުންފުނިން މި ރަން ސްޕޮންސަކުރުމުގެ މައިގަނޑު މަގުސަދަކީ، ދިވެހިންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް މަގުފަހިކޮށްދީ ކަސްރަތު ކުރުމަށް ހިތްވަރު ދިނުމަށް ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން މި ރަންގެ ބްރޭންޑިން އެމްޑަބްލިޔުއެސްސީން އަލަށް ތައާރަފު ކުރި އާރޯ ޕްރިމިއަމް ފެނާ ގުޅުވައި، 'އާރޯ އެމްވީ ރަން' ގެ ނަމުގައި ޓައިޓަލް ސްޕޮންސަޝިޕް ލިބިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.
އެ އާއެކު، ޓީއެފްޖީގެ ފަރާތުން އިންތިޒާމު ކުރާ ބޮޑު ފަސް ރަން އާއި "ދަ މޯލްޑިވްސް ލޯންގް ރަން" ގެ ކޯ-ސްޕޮންސަކަން އެ ކުންފުނީގެ ފަރާތުން ނަގާފައިވާ ކަމަށް ވެސް އެމްޑަބްލިޔުއެސްސީން ބުނެފައިވެއެވެ.
ޓީއެފްޖީ ގެ ފަރާތުން 2022 ވަނަ އަހަރުން ފެށިގެން އަހަރަކު އެއްފަހަރު، އެކި އުމުރުފުރާތަކަށް ހުޅުވާލައިގެން ބާއްވާ، 'އެމްވީ ރަން' އަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކުރިޔަށް ގެންދެވޭ ދުވުމުގެ ހަރަކާތެވެ. މި އަހަރު 'އާރޯ އެމްވީ ރަން' ބޭއްވުމަށް ހަމަޖެހިފައި ވަނީ، އަންނަ ޖޫން މަހުގެ ދޭއް ވާ ހުކުރު ދުވަހުގެ ހެނދުނު 7:00 އިން ފެށިގެން ހުޅުމާލޭގައެވެ.
ޖުމްލަ ފަސް ކިލޯ މީޓަރަށް ދުވަން ކަނޑައަޅާފައިވާ މި ރަންގައި، ބައިވެރިވާ ދުވުންތެރިންގެ ތެރެއިން ފައިސާގެ ގިނަ އިނާމްތަކެއް ޓީއެފްޖީގެ ފަރާތުން ދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން، އެއްވަނަ ހާސިލް ކުރާ ކޮންމެ ބައިވެރިއަކަށް 7،500 ރުފިޔާ، ދެވަނަ ހާސިލްކުރާ ކޮންމެ ބައިވެރިއަކަށް 4،500 ރުފިޔާ އަދި ތިންވަނަ ހާސިލްކުރާ ކޮންމެ ބައިވެރިއަކަށް 2،500 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން 50 މިނެޓުގެ ތެރޭގައި ދުވެ ނިންމާ ފަރާތްތަކުގެ ތެރެއިން ގުރުއަތުލައިގެން ހޮވޭ ނަސީބުވެރިންނަށް ފައިސާ އާއި އެހެނިހެން އިނާމުތައް ދިނުމަށް ހަމަޖެހިފައިވެއެވެ.
"ރާއްޖޭގެ އެންމެ ބޮޑު އެއް ޔޫޓިލިޓީ ހިދުމަތް ފޯރުކޮށްދޭ ކުންފުންޏެއްގެ ހައިސިއްޔަތުން، ކުޅިވަރުގެ އެކި ހަރަކާތްތަކަށް ތަފާތު ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީ، މިފަދަ ބޮޑު ހަރަކާތެއްގައި ބައިވެރިވުމަކީ އެމްޑަބްލިޔުއެސްސީއަށް ލިބޭ ވަރަށް ބޮޑު ފަހުރަކާއި އުފަލެއް،" ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވެފައިވެއެވެ.
'އާރޯ' ފެނަކީ ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ޕްރިމިޔަމް ކޮލިޓީގައި ބިއްލޫރި ފުޅީގައި ބަންދު ކުރެވުނު ފެނެވެ. ރާއްޖޭގެ ގުދުރަތީ ރީތިކަން ސިފަވާގޮތަށް ދިވެހި ފަންނުވެރިންގެ ކުރެހުންތައް ހިމަނައިގެން ފަރުމާކޮށްފައިވާ 'އާރޯ' ބްރޭންޑް އެމްޑަބްލިޔުއެސްސީން ތައާރަފު ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. އެމްޑަބްލިޔުއެސްސީން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ މުޖުތަމައުގެ ކުރިއެރުމާއި ލާބަ އަދި މަންފާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށް އެ ކުންފުނިން ބުނެއެވެ.