
ސަރުކާރުގެ އާ އޮފީސް އިމާރާތް، އުމަރު ޒާހިރު އޮފީސް އިމާރާތަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ހިންގުން ރަސްމީކޮށް ބަދަލުކުރީ މިއަދު އެވެ. އެ މިނިސްޓްރީ ހިނގަމުންދާނީ ހުޅުމާލޭގެ (ފޭސް 1) އޯކިޑްމާ ހިނގުމުގައި ހުންނަ އުމަރު ޒާހިރު އޮފީސް އިމާރާތުގެ 5 ވަނަ ފަންގިފިލާ އެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން "ސީއެންއެމް" އަށް ބުނިގޮތުގައި އެ މިނިސްޓްރީގެ ވެސް، ކައުންޓަރުތަކުން ފޯރުކޮށްދޭ ހިދުމަތްތައް ދިނުމަށް ހަމަޖެހިފައިވަނީ އިމާރާތުގެ ގްރައުންޑް ފްލޯގައި ގާއިމުކޮށްފައިވާ އެ މިނިސްޓްރީގެ ކައުންޓަރުން ނެވެ.
ހަޔާ އެޑިއުކޭޝަން މިިނިސްޓްރީ މީގެ ކުރީން ހިންގަމުންދިޔައީ، މާލޭގެ އަމީނީ މަގުގައި ހުންނަ ފެން ބިލްޑިންގެ ދެވަނަ ފަންގިފިލާގަ އެވެ.
އުމަރު ޒާހިރު އޮފީސް އިމާރާތުގައި ސަރުކާރުގެ ތިން މިނިސްޓްރީއެއް ހިންގާނެ އެވެ. އެއީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީ ހިމެނޭހެން ޓްރާންސްޕޯޓް މިނިސްޓްރީ އަދި ޖެންޑާ މިނިސްޓްރީ އެވެ. ޖެންޑާ މިނިސްޓްރީ އާއި ޓްރާންސްޕޯޓް މިނިސްޓްރީންވެސް މިހާރު ވަނީ އެ އިމާރާތައް ބަދަލުކޮށްފަ އެވެ.
ހުޅުމާލޭގައި މި އޮފީސް އިމާރާތް، އެޅީ ސަރުކާރުގެ ގިނަ އޮފީސްތަކެއް ބޮޑު ހޭދައެއް ކޮށްގެން، އަމިއްލަ ތަންތަނުގައި މުއްދަތެއް ނެތް ގޮތަށް ކުއްޔަށް ހިފައިގެން އުޅެން ޖެހޭތީ އެކަމަށް ހައްލެއް ގެންނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 2019 ގައި ނިންމެވުމާ ގުޅިގެންނެވެ.
އުމަރު ޒާހިރު އޮފީސް އިމާރާތަކީ 6 ފަންގިފިލާގެ އިމާރާތެކެވެ. އަދި ކޮންމެ ފަންގިފިލާއެއްގައި ޒަމާނީ ވަސީލަތްތަކާއެކު 25000 އަކަފޫޓުގެ ބޮޑުމިނުގައި އޮފީސް ހިންގުމަށް ޖާގަ ހިމެނެ އެވެ. މި އޮފީސް އިމާރާތާއި އެކު 21 ކާރާއި، 360 ސައިކަލު ޕާކު ކުރެވޭނެ ޕާކިން ޒޯނެއްވެސް ވަނީ ގާުއިމު ކޮށްފަ އެވެ.