މި އެއްބަސްވުމަކީ އެންވަޔަރަންމަންޓް މިނިސްޓްރީން އިސްނަގައިގެން ފުވައްމުލައް ސިޓީ ކައުންސިލާއި ފުވައްމުލައް ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިތުރުން ވެމްކޯ އާއެކު ވެވުނު އެއްބަސްވުމެކެވެ.
އެއްބަސްވުމުގައި އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވާފައިވަނީ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އަންސާރެވެ. ފުވައްމުލައް ސިޓީގެ ފަރާތުން ސޮއިކުރެއްވީ މޭޔަރު އިސްމާއިލް ރަފީގެވެ. ފުވައްމުލައް ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކޮމިޓީގެ ރައީސާ، މަރިޔަމް ދިޔާނާއެވެ. ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެމްޑީ ޔޫސުފް ސިރާޖެވެ.
މި ޕްރޮގްރާމުގެ ތެރެއިން ފުވައްމުލައް ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނަށް ހާއްސަކޮށްގެން ދެ ދުވަހުގެ މުއްދަތަށް ޓްރެއިން އޮފް ދަ ޓްރެއިނާ (ޓީއޯޓީ) ސެޝަނެއް ހިންގާނެއެވެ.
މި ސެޝަންތަކުގައި ކުނި މެނޭޖުކުރުމުގެ ގާނޫނާއި ރައްކާތެރި ގޮތުގައި ކުނި މެނޭޖުކުރުމުގެ އިތުރުން ސިންގަލް ޔޫސް ޕްލާސްޓިކް ރާއްޖޭގައި މަދުކުރުމަށް ކުރަމުންދާ މަސައްކަތާ ގުޅޭ ސެޝަންތައް ކުރިއަށްދާނެއެވެ. ފުވައްމުލައް ސިޓީގައި ކުނި މެނޭޖުކުރުމުގައި ގެންގުޅޭ ނިޒާމާއި ފުވައްމުލައް ސިޓީގައި ކުނި މެނޭޖުކުރުމަށް ވެމްކޯއިން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ސެޝަނެއްވެސް ކުރިއަށް ގެންދާނެއެވެ.
ޓީއޯޓީ ސެޝަންގައި ގޭބީސީތަކަށް ގޮސް މައުލޫމާތު ދޭނެ ގޮތުގެ އަމަލީ ތަމްރީނުތައް ދިނުމަށް ހަމަޖައްސާފައިވާއިރު، ސެޝަންތައް ނިންމުމަށްފަހު އެ މެންބަރުން އެކުލަވާލާ ޕްލޭނެއްގެ ދަށުން ފުވައްމުލައް ސިޓީގެ ގޭބީސީތަކަށް ގޮސް މައުލޫމާތު ހިއްސާ ކުރުމަށް ނިންމާފައިވާ ކަަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެއެވެ.
މި ޕްރޮގްރާމް ކުރިޔަށް ގެންދަނީ އެންވަޔަރަންމަންޓް މިނިސްޓްރީން މުޅި ރާއްޖެއަށް އަމާޒުކޮށް ހިންގާ "ފަސްގަނޑު" ކެމްޕެއިނާއި ސިންގަލް-ޔޫސް ޕްލާސްޓިކް މަދުކުރުމަށް ހިންގާ "ޕްލާސްޓިކާނުލައި" ކެމްޕެއިނުގެ ދަށުންނެވެ.