އެޗްޑީސީން ބުނީ މި އަހަރުގެ ތީމެއްގެ ގޮތުގައި ކަނޑައަޅާފައިވާ 'ޑިޖިޓަލް – އިނޮވޭޝަން އެންޑް ޓެކްނޮލޮޖީ ފޮ ޖެންޑާ އީކުއަލިޓީ' އާ ގުޅުވައިގެން މި އަހަރުގެ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ފަރުކޮޅުފުށީގައި ވިމެން ޔުނައިޓް-ޑިޖިޓަލްގެ ނަމުގައި ހާއްސަ ހަރަކާތެއް ބާއްވާފައިވާ ކަމަށެވެ.
އެ ހަރަކާތުގެ ތެރެއިން ނެޓްވޯކިންގެ ގިނަ ކަންކަމާއި ޕެނަލް ޑިސްކަޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. އެޗްޑީސީން ބުނި ގޮތުގައި މިއީ ޓެކްނޮލޮޖީގެ ދާއިރާއަށް ޝައުގުވެރިވާ އަދި މި ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ފަރާތްތަކަށް މަގުފަހިވެގެން ދިޔަ ރަނުގެ ފުރުސަތެއް ކަމުގައެވެ.
އެޗްޑީސީން ބުނެފައިވަނީ ކޮންމެ އަހަރަކުވެސް ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމަކީ އެ ކޯޕަރޭޝަނުން އަބަދުވެސް ކުރަމުން އަންނަ ކަމެއް ކަމަށެވެ.
ޓެކްނޮލޮޖީ ދާއިރާގެ އިތުރުން އެނޫންވެސް އެކި ދާއިރާތަކުގައި މަސައްކަތް ކުރަމުން އަންނަ އަންހެނުންނަށް ވީހާވެސް ގިނަ ފުރުސަތުތައް އިތުރުކޮށްދީ، މުވައްޒަފުންނަށް އަމާޒުކޮށްގެން މިފަދަ ގިނަ ހަރަކާތްތައް ކުރިއަށް ގެންދިއުމަކީ އެ ކޯޕަރޭޝަނުގެ އަމާޒުކަމުގައި އެޗްޑީސީން ފާހަގަކުރެއެވެ.
އެޗްޑީސީން ބުނީ އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ޓެކްނޮލޮޖީގެ ދާއިރާއިން އަންހެނުން އަހުލުވެރިކުރުވައި ކުރިއެރުމުގެ ގިނަ ފުރުސަތުތައް ފަހިކޮށްދިނުމަށް ކަމަށެވެ.