ނިމުނު ހަފްތާގައި ޖަރުމަނު ވިލާތުގައި ކުރިއަށް ދިޔަ އައިޓީބީ ފެއާ ގައި ދެއްވި އިންޓަވިއެއްގައި ހެރިން ފެނާންޑޯ އިތުރަށް ވިދާޅުވީ، އެބޭފުޅާ އެއްގޮތަކަށްވެސް ދިވެހިރާއްޖޭގެ ޓްއަރިޒަމްއަށް ފާޑުކިޔަނީކީ ނޫންކަމަށާއި، އެކަމަކު އާއްމުގޮތެއްގައި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިއަކު ރާއްޖޭގައި ހޭދަކުރާނީ ގިނަވެގެން ފަސް ދުވަހު ކަމަށެވެ.
ފަސް ދުވަހުވެސް އެ ފަތުރުވެރިޔާ ހުންނަންޖެހޭނީ ހަމައެކަނި ބީޗް ގައި ކަމަށާއި، މިހެންވުމުގެ ސަބަބުން ޗުއްޓީ ހޭދަކޮށްލުމަށް އަންނަ ފަތުރުވެރިޔާ އިތުރަށް ކުރާނެ އެހެން ކަމެއް ނެތި، ފޫހިވާކަމަށްވެސް ހެރިން ފެނާންޑޯ މި ވީޑިއޯގައި ވިދާޅުވެއެވެ. އަދި މިއީ ހަމައެކަނި އެ ބޭފުޅާގެ ހިޔާލުކަމަށާއި، އެބޭފުޅާ ވާހަދައްކަވަނީ ސްރީލަންކާގެ ޓްއަރިޒަމް ކުރިއެރުވުމަށް ކަމަށްވެސް ހެރިން ފެނާންޑޯ ވިދާޅުވެފައިވެއެވެ.
މިގޮތުން ސްރީލަންކާއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ސްރީލަންކާގެ ފަރުބަދަތަކާއި ހިސާބުން ފިނި މޫސުން ތަޖުރިބާކުރެވުމާއި، ބީޗް ތައް ތަޖުރިބާ ކޮށްލުމާއި، ރާޅާ އެޅުމާއި، ފަރުބަދަތަކަށް އެރުމާއި، ހައިކިން ފަދަ ކަންތައް ތަޖުރިބާ ކޮށްލެވޭނެކަމަށްވެސް ހެރިން ފެނާންޑޯ ވިދާޅުވިއެވެ. އިތުރަށް ވާހަކަދައްކަވަމުން ހެރިން ފެނާންޑޯ ވިދާޅުވީ، މިވަގުތު ސްރީލަންކާއިން އެއްމެ ބޮޑު އިސްކަމެއްދީގެން ކުރިއަރުވާ ދާއިރާއަކީ ވެލްނެސް ޓްއަރިޒަމް ކަމަށާއި، ވަކިން ހާއްސަކޮށް ޖަރުމަނުވިލާތުގެ ފަތުރުވެރިންނަކީ ސްރީލަންކާގެ ވެލްނެސް ޓްއަރިޒަމް އާއި އަޔުރުވެދިކް ފަރުވާތަކަށް ވަރަށް ޝައުގުވެރިކަން ހުންނަ ބައެއްކަމަށްވެސް ހެރިން ފެނާންޑޯ ވިދާޅުވިއެވެ.
ދިވެހިރާއްޖެއިން ތަޖުރިބާ ކޮށްލެވެން އޮތީ ހައެކަނި ބީޗް ކަމަށް ހެރިން ފެނާންޑޯ ވިދާޅުވިނަމަވެސް، ދިވެހިރާއްޖެއަށް ޒިޔާރަށްކުރާ ފަތުރުވެރިންނަށް އެއްމެ މަގުބޫލު އެއްކަމަކީ، ކަނޑުތަކުގެ ދިރުންތައް ތަޖުރިބާކޮށްލުން ކަމަށް ކަމާއި ބެހޭ މާހިރުން ވިދާޅުވެއެވެ. އަދި ދިވެހި ބީޗް ތަކާއި ކަނޑުފަޅުގެ ތަޖުރިބާ ކޮށްލުމަކީ ހަމަ ކޮންމެ މީހަކުވެސް ބޭނުންވާނެ ކަމެއްކަމަށްވެސް ޓުއަރިޒަމް ދާއިރާގައި ހަރަކާތްރެރިވާ ބޭފުޅުން ވިދާޅުވެއެވެ.
ކޮވިޑް 19 ގެ ބަލިމަޑުކަމާއި، ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ދަތިކަމަށްފަހު، ސްރީލަންކާގެ އިގްތިސާދު ކުރިއަރަމުން އަންނަ މިދަނޑިވަޅުގައި، އެގައުމުގެ ޓުއަރިޒަމަށް ވެސް ވަނީ ވަރަށްބޮޑު ކުރިއެރުމެއް އައިސްފައިއެވެ.
މިގޮތުން މިދިޔަ ފެބްރުއަރީ މަހުގެ ނިޔަލަށް 107639 ފަތުރުވެރިއަކު އެގައުމަށް ޒިޔާރަތްކޮށްފައިވާއިރު، މިއީ 2022 ވަނައަހަރުގެ ފެބްރުއަރީ މަހާއި އަޅާ ބަލާއިރު، 11.5 އިންސައްތައިގެ ކުރިއެރުމެކެވެ. ދިވެހިރާއްޖެއަށް ފެބްރުއަރީ މަހު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އުޅެނީ 177915 ގައެވެ.