އެޗްޑީސީން ބުނެފައިވަނީ ހުޅުމާލެއަކީ ހުރިހާ ގޮތަކުންވެސް ކުރިއަރާފައިވާ ރައްޔިތުންނަށް ދިރިއުޅެން ފަސޭހަ ސިޓީއަކަށް ހެދުމަށް އެ ކޯޕަރޭޝަނުން ދަނީ އެތައް މަސައްކަތްތަކެއް ކުރަމުން ކަަމަށެެވެ. އެ ކަންކަމުގެ ތެރެއިން އެންމެ ހާއްސަ އެއް ކަމަކީ ހުޅުމާލެއަކީ ރާއްޖޭގެ އެންމެ ފުރަތަމަ ސްމާޓް ސިޓީއަށް ހެދުމަށް ކުރެވެމުންދާ މަސައްކަތްތައް ކަމަށް އެޗްޑީސީން ބުނެއެެވެ. އެގޮތުން ސްމާޓްކޮމް ބްރޭންޑުގެ ދަށުން އޯޕެން އެކްސެސް ނެޓްވޯކަކާ އެކު ވަރުގަދަ ޑިޖިޓަލް އިންފްރާސްޓްރަކްޗައެއް ގާއިމުކުރަމުން އަންނަ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
"ދެހާސް ނަވާރައިގައި ހުޅުމާލޭގެ ފޭސް ދޭއްގައި ޖީޕޮން ނެޓްވޯކެއް، އޯޕެން އެކްސެސް ނެޓްވޯކެއް ގާއިމުކުރެވިފައި. މިވަގުތު 12،500 ސަބްސްކްރައިބަރުން އެބަތިބި. އެހެންވީމަ އަޅުގަނޑުމެންނަށް ފާއިތުވެދިޔަ ދުވަސްތަކުގެ ތެރޭގައި މި ނެޓްވޯކް ގާއިމުކުރެވި، އެދެވޭ ހިދުމަތްތަކެއް އަންނަނީ ދެވެމުން. އޭގެ އިތުރުން އެޑިޝަނަލް ކޮމްޕޯނެންޓެއް ގޮތަށް ޑޭޓާ ސެންޓާގެ ހިދުމަތް މި ދެނީ. މިވެސް ޓެލެކޮމް އިންފްރާސްޓްރަކްޗައަށް އެޗްޑީސީން ކުރާ ޑައިވަޝިޕްގެ މަސައްކަތެއް. އަދި އެ ޕްރޮޖެކްޓް އަޅުގަނޑުމެންނަށް ޕައިލެޓް ޕްރޮޖެކްޓެއް ގޮތަށް މީގެކުރިން ހިންގެމުން އައިސް މިހާރު އަޅުގަނޑުމެން ކޮމާޝަލީ އެހެން ފަރާތްތަކަށް އެ ސާވިސް ދިނުމަށް ރެޑީ ކުރެވިފައި. ފިޒިކަލީ އެ މަސައްކަތް ނިންމި ޓެސްޓުކޮށް، އަޅުގަނޑުމެން މިވަގުތު މި އަންނަނީ ބޭނުންކުރަމުން. މިކަމުގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށްވެސް ކޮމްޕެޓެޓިވް ރޭޓެއްގައި ޖިއޯ ރިޑަންޑަންސީގެ ހިދުމަތް އަޅުގަނޑުމެންނަށް ދެވިގެން ދާނެ،" އެޗްޑީސީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ވިދާޅުވިއެވެ.
އެޗްޑީސީން ބުނީ މި ޓިއަ ތިނެއްގެ ނުވަތަ 99.982 އިންސައްތަ ރިޑަންޑަންޓް ޑޭޓާ ސެންޓަރުގެ ސަބަބުން ހަލުވި ކަމާ އެކު އެއްވެސް މެދުކެނޑުމެއް ނެތި އޯޕެން އެކްސެސް ނެޓްވޯކުގެ ހިދުމަތް ހުޅުމާލޭގައި ފޯރުކޮށްދެވޭނެ ކަމަށެވެ. އެގޮތުން ކޮންޓެއިނަރައިޒްޑް އަދި ރެޑީމޭޑް ޑޭޓާ ސެންޓަ ގާއިމުކުރުމުން، ޑޭޓާ ސެންޓަ ތަރައްގީ ކުރަންދާ ވަގުތު އަދި ހަރަދު ވަރަށް ބޮޑުތަން ކުޑަވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. އަދި އިތުރަށް ބޭނުންނަމަ ޑޭޓާ ސެންޓަރު ބޮޑުކޮށް ނުވަތަ އެހެން ސަރަހައްދަކަށް ގެންދަން ޖެހިއްޖެ ނަމަ އެ ފުރުސަތު މި ފަދަ ޑޭޓާ ސެންޓަރުތަަކަށް އޮންނާނެ ކަމަށް އެޗްޑީސީން ބުނެއެވެ.
އެޗްޑީސީން ބުނި ގޮތުގައި މި ގޮތަށް ޑޭޓާ ސެންޓަރު ގާއިމުކޮށް، އޮޕަރޭޝަނަށް ގެނައުމަށް ނަގާނީ ވަރަށް މަދު ދުވަސްކޮޅެއް ކަމުގައެވެ. މިވަގުތު އެޗްޑީސީން ގާއިމުކޮށްފައިވާ އޯޕަން އެކްސެސް ނެޓްވޯކާ އެއްކޮށް ހުޅުމާލޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗައަށް މި ޑޭޓާ ސެންޓަރުގެ ސަބަބުން އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. އެޗްޑީސީން ބުނެފައިވަނީ މި ޑިޖިޓަލް އިންފްރާސްޓްރަކްޗަ އިންވެސްޓްމަންޓުގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ސަރުކާރުގެ ކުންފުނިތައް އަދި އެހެނިހެން އިދާރާތަކުގެ ޖިއޮގްރަފިކަލް ރިޑަންޑަންސީއަށް ބޭނުންކުރުމަށް މިފަދަ ޑޭޓާ ސެންޓަރުގެ ބޭނުން ހިފުމުގެ ފުރުސަތު ފަހިވެގެން ދާނެ ކަމަށެވެ.
އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރާނީ ހިދުމަތް ފެންވަރު ރަނގަޅުކޮށް މުސްތަގްބަލަށް ބޭނުންވާ ފަދަ ޒަމާނީ ސްމާޓް ސިޓީއަކަށް ހުޅުމާލެ ބަދަލުކުރުމަށް ކަމަށް އެޗްޑީސީން ބުނެއެވެ.