ads
ރައީސް މައުމޫނު
ޑީއާރުޕީގެ ދަރަނި ރައީސް މައުމޫނުގެ އިސްތަށިފުޅަށް!
މެމްބަރުން ހަމަނުވެގެން އިއްޔެ އުވާލި ދިވެހިރައްޔިތުންގެ ޕާޓީ، (ޑީއާރުޕީ) އާއި މޯލްޑިވްސް ލޭބަ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (ލޭބަ ޕާޓީ) އުވާލިއިރު، ނުދައްކާހުރި ދަރަނި، އެ ދަރަނި ނެގިއިރު، ޕާޓީގެ އެންމެ އިސް ފަރާތެއްގެ ގޮތުގައި ހުންނެވި ބޭފުޅަކު ޒިންމާވަން ޖެހޭގޮތަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

ޑީއާރުޕީއަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސްވެ ހުންނަވައިގެން އުފެއްދެވި ޕާޓީއެކެވެ. ލޭބަ ޕާޓީ އުފެއްދީ ގާނޫނީ ވަކީލް އަބްދުﷲ ހަސީނެވެ. މީގެތެރެއިން ލޭބަ ޕާޓީގެ ދަރަންޏެއް އޮތްކަން ސާފުނުވި ނަމަވެސް ޑީއާރުޕީ އުވާލިއިރު އެޕާޓީގެ ބޮޑު ދަރަންޏެއް އޮތްކަން ސާބިތުވެއެވެ.

އެގޮތުން ބައެއް ފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ނުދީގެން ކޯޓަށް ހުށަހެޅި މައްސަލަތައް ސާބިތުވެ އެފައިސާ ދެއްކުމަށް ޑީއާރުޕީގެ މައްޗަށް ހުކުމްވެސް ކޮށްފައިވެއެވެ.

ބައެއް ހުކުމްތަކުންވެސް އެނގޭގޮތުގައި ޑީއާރުޕީގެ ދަރަނީގެ ބޮޑު ބަޔަކީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކޮށްފައިވާ ހަރަދު ތަކެވެ. އެދުވަސްވަރު ޑީއާރުޕީގެ އިސްވެރިއަކަށް ހުންނެނީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމެވެ.

ނަމަވެސް އިންތިހާބަށް ފަހު، އުފެދުނު ހިޔާލު ތަފާތުވުމުގެ ތެރެއިން ޑީއާރުޕީގެ ކޮންޓްރޯލް ނެންގެވީ، 2008 ވަނަ އަހަރު ރައީސް މައުމޫނުގެ ރަނިންމޭޓެއްގެ ގޮތުގައި ހުންނެވި އަހުމަދު ތަސްމީން އަލީއާއި ތަސްމީންގެ ޓީމުންނެވެ. 

އެއާއިއެކު ރައީސް މައުމޫނު ޑީއާރުޕީ ދޫކުރައްވާ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމް އުފެއްދެވިއެވެ. އަދި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް މައުމޫނުގެ ކޮއްކޯފުޅު އަބްދުﷲ ޔާމީން ކާމިޔާބު ކުރެއްވުމަށް ފަހު، ދެ ބޭފުޅުންގެ ދެމެދުގައި މައްސަލަޖެހި ޕީޕީއެމުން ރައީސް މައުމުނު ވަކިކުރެއްވި އެވެ. އެއަށް ފަހު ރައީސް މައުމޫނު އުފެއްދެވީ މޯލްޑިވްސް ރިފޯމް މޫވްމަންޓް، (އެމްއާރުއެމް) އެވެ.

ޑީއާރުޕީ 2008 ވަނަ އަހަރަށް ދައުލަތުގެ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކަށް ދައްކަންޖެހޭ އެތައް މިލިއަން ރުފިޔާއެއް ނުދައްކާ، ތަސްމީނާއި އޭނާގެ ޓީމު ވަނީ ޑީއާރުޕީ ދޫކުރައްވާ އެމްޑީޕީއަށް ހިޖުރަކުރައްވަފައެވެ.

އެއަށް ފަހު ޑީއާރުޕީގެ ލީޑަރުކަން ކުރެއްވީ ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މާލޭގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އެވެ. ކާނަލްއަށް ފަހު ޑީއާރުޕީގެ ލީޑަރަކަށް ހުންނެވީ ކާށިދޫ ދާއިރާގެ މިހާރުގެ މެމްބަރު އަދި ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރެވެ. ޖާބިރު ވެސް ދާދި ފަހުން ވަނީ އެޕާޓީ ދޫކުރައްވާ، ގްރީން ޕާޓީގެ ނަމުގައި އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވާފައެވެ.

ރައީސް މައުމޫނަށް ފަހު ޑީއާރުޕީ އާ ހަވާލުވެވަޑައިގެންނެވި ބޭފުޅުން ވެސް ވިދާޅުވަމުން ގެންދެވީ ޑީއާރުޕީގެ ދަރަންޏަކީ ރައީސް މައުމޫނުގެ ޒައާމަތުގައި 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އުފަން ކުރުވި ދަރަނި ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ޕާޓީތަކާބެހޭ ގަވާއިދަށް ގެނައި އިސްލާހަކާއެކު، ސިޔާސީ ޕާޓީއެއް އުވާލައިރު، އެޕާޓީއެއްގެ ދަރަނި ނުދެއްކި ހުރި ނަމަ އެ ދަރަންޏަކަށް ޒިންމާވާން ޖެހޭނީ ދަރަނި ނެގިއިރު ޕާޓީގެ އެމްމެ އިސްފަރާތެއްގެ ގޮތުގައި ހުންނެވި ބޭފުޅެއް ކަމަށެވެ.

3000 މެމްބަރުން ހަމަނުވެގެން މެމްބަރުން ހަމަކުރުމަށް ތިން މަސް ދުވަހުގެ ނޯޓިސްއެއް ވެސް ދިނުމަށް ފަހު މެމްބަރުން ހަމަ ނުކުރެވުމުން ޑީއާރުޕީ އާއި ލޭބަ ޕާޓީ އިއްޔެ އުވާލިއިރު، މިދިޔަ މަހުގެ 21 ވަނަ ދުވަހާ ހަމައަށް ޑީއާރުޕީގައި ތިބީ 2،242 މެމްބަރުންނެވެ. ލޭބަ ޕާޓީގައި ތިބީ 2،556 މެމްބަރުންނެވެ.

33%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް